ދިވެހިރާއްޖެ ހިމެނޭހެން ފަތުރުވެރިންނަށް ކޮވިޑް-19 ވެކްސިން ފޯރުކޮށްދިނުމަށް ބައެއް ގައުމުތަކުން ވަނީ ތައްޔާރުވެފައެވެ.
ކޮވިޑުގެ ސަބަބުން ދުނިޔޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް ވަރަށް ބޮޑަށް އަސަރުކޮށް އެކަމުން އަރައިގަތުމަށް ގިނަ ގައުމުތަކުން އަންނަނީ މަސައްކަތް ކުރަމުންނެވެ. ފަތުރުވެރިކަން ފުޅާ ކުރުމުގެ މަގުސަދުގައި ފަތުރުވެރިންނަށް ކޮވިޑް ވެކްސިން ދިނުމަށް ތައްޔާރުވެފައިވާ އަދި ވެކްސިން ދެމުން އަންނަ ބައެއް ގައުމުތައް މިވަނީއެވެ.
ފަތުރުވެރިންގެ އެންމެ މަގުބޫލު މަންޒިލެއްގެ ގޮތުގައި ހިމެނޭ ދިވެހިރާއްޖެއިން ވަނީ ފަތުރުވެރިންނަށް ޓަކައި ''ވިސިޓް. ވެކްސިނޭޓް. ވެކޭޝަން'' ޕްރޮގުރާމެއް ކުރިއަށް ގެންދިއުމަށް ރާވައިފައެވެ. 3ވީ ޕްރޮގުރާމުގެ ދަށުން ދިވެހިރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް ވެކްސިން ފޯރުކޮށްދިނުމުގެ އިންތިޒާމު ހަމަޖެހިގެން ދާނެއެވެ. ނަމަވެސް މި ޕްރޮގްރާމު ތަންފީޒުކުރުމަށް ހަމަޖެހިފައިވަނީ ދިވެހިރާއްޖޭގެ އާބާދީއަށް ވެކްސިން ފުރިހަމަކުރުމަށްފަހުގައި ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ. އެ ގޮތުން މި ޕްރޮގްރާމް މި އަހަރުގެ ފަހުކޮޅު ފެށޭނެ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.
އެމެރިކާގެ ބައެއް ސިޓީތަކާއި ސްޓޭޓުތަކަށް ދަތުރުކުރާ ފަރާތްތަކަށް މިހާރުވެސް އަންނަނީ ވެކްސިން ފޯރުކޮށްދެމުންނެވެ. އެގޮތުން ނިއުޔޯކު ސިޓީގެ ޓައިމްސް ސްކުއެއަ، ހައި ލައިން، ބްރޫކްލީން އަދި ސެންޓްރަލް ޕާކަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް ވެކްސިން ދިނުމުގެ އިންތިޒާމު ވަނީ ހަމަޖައްސައިފައެވެ. މޯބައިލް ވެކްސިން ސެންޓަރުތަކެއް މި ސަރަހައްދުތަކުގައި ގާއިމުކޮށް ޖޯންސަން އެންޑް ޖޯންސަން ވެކްސިންގެ އެއް ޑޯޒު އެއްވެސް އެޕޮއިންޓްމަންޓަކާ ނުލައި ފަތުރުވެރިންނަށް އަންނަނީ ދެމުންނެވެ.
އެލަސްކާ އަށް ޒިޔާރަތްކުރާ ފަތުރުވެރީންނަށް ޖޫން 1 އިން ފެށިގެން އަންނަނީ އެއާޕޯޓުން ފައިޒާ އަދި މޮޑާނާގެ އެއް ޑޯޒު ވެކްސިން ފޯރުކޮށްދެމުންނެވެ.
މީގެ އިތުރުން އެރިޒޯނާ، ފްލޮރިޑާ، ލުއިސީއާނާ އަދި ޓެކްސާސްގައި ފަތުރުވެރިންނަށް ވެކްސިން ލިބޭނެ އިންތިޒާމުތައް ވަނީ ހަމަޖައްސައިފައެވެ.
ވިސާއާއެކު އަބޫދާބީއަށް އެތެރެވާ ކޮންމެ ފަތުރުވެރިއަކަށް ހިލޭ ފައިޒާ އަދި ސިނޮފާމް ވެކްސިން ދިނުމުގެ އިންތިޒާމުވަނީ ހަމަޖައްސައިފައެވެ. ޖޫން 11 އިން ފެށިގެން އެގައުމުގައި ބޭނުންކުރަމުން އަންނަ ކޮވިޑް-19 ވެކްސިނޭޝަން އެޕް މެދުވެރިކޮށް ފަތުރުވެރީންނަށް އެޕޮއިންޓްމަންޓު ހެދުމުގެ ފުރުސަތު ވަނީ ފަހިކޮށްދީފައެވެ.
ފަތުރުވެރިންގެ މަގުބޫލު މަންޒިލެއް ކަމަށްވާ އިންޑޮނޭޝިއާގެ ބާލީގައި ވެސް އަންނަނީ ފަތުރުވެރީންނަށް ވެކްސިން ލިބޭނެ އިންތިޒާމު ހަމަޖައްސައިދެމުންނެވެ. ޗައިނާގެ ސިނޮވެކް ވެކްސިން އަދި ބްރިޓިޝް އެސްޓްރާޒެނެކާ ވެކްސިން ލިބޭނެ ގޮތް އެރަށަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް އެކުލަވާލާފައިވާ ޕެކޭޖުތަކުގައި ވަނީ ހިމަނާފައެވެ. އޭގެ އިތުރުންވެސް އިންޑޮނޭޝިއާގެ އެއާލައިން ގަރޫޑާ އިން އަންނަނީ 20 މީހުންނާއެކު ބާލީއަށް ދަތުރުކުރާ ފަރާތްތަކަށް ހިލޭ ވެކްސިން ދެމުންނެވެ.
އިންޑޮނޭޝިއާއަށް ބަލާއިރު އެގައުމުގެ އާބާދީގެ %5.5 މީހުންވަނީ ވެކްސިން ފުރިހަމަކޮށްފައެވެ.
ރަޝިއާއަށް ދަތުރުކުރާ ފަރާތްތަކަށްވެސް ވެކްސިން ޖެހޭނެ އިންތިޒާމު ވަނީ ހަމަޖެހިގެން ގޮސްފައެވެ.
އެގައުމަށް ތިން ހަފުތާގެ މުއްދަތަށް ދަތުރުކުރާ ކޮންމެ ފަރާތަކަށްވެސް 1500-2500 އެމެރިކާ ޑޮލަރަށް ސުޕްޓްނިކް ވެކްސިން ޖެހުމުގެ އިންތިޒާމު ހަމަޖެހިފައިވާއިރު، މިއީ ޓިކެޓު ހަރަދުގެ އިތުރުން ވެކްސިން ޖެހުމަށް ކަނޑައެޅިފައިވާ އަގުތަކެވެ.
ރަޝިއާއަށް ދަތުރުކުރުމުގައި ފަތުރުވެރިންނަށް ވިސާ ހޯދުމުގެ ދަތިކަމާ ވަނީ ކުރިމަތިވެފައެވެ. އެގައުމަށް ދަތުރުކުރުމުގައި ހުރި މިފަދަ ގޮންޖެހުންތައް ހައްލުކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމުގައި ރަޝިއަން ޔޫނިއަން އޮފް ޓްރެވެލް އެޖެންސީގެ ރައީސް ވަނީ ވިދާޅުވެފައެވެ.
ކޯވިޑް ވެކްސީން
ކޯވިޑް ވެކްސީން