ދައުލަތުގެ މުއައްސާތަކުގެ ތެރޭގައި ހަރުކަށި ފިކުރު އެބައޮތް ކަމަށާއި އެކަން ނައްތާލުމަށް ހުރިހާ ޕާޓީތަކުން އެކުގައި މަސައްކަތްކުރަން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ރާއްޖޭގެ ކުރީގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އިންޑިއާގެ "ވިއޯން" ޗެނަލަށް ދެއްވި އިންޓަވިއުއެއްގައި ނަޝީދު ވިދާޅުވީ އާ ގާނޫނު އަސާސީއާއެކު ބޭއްވި ތިން ރިޔާސީ އިންތިހާބާއި ހަތަރު މަޖިލިސް އިންތިހާބާއި ތިން ލޯކަލް ކައުންސިލް އިންތިހާބުގައި ވެސް އެންމެންވެސް ދައްކަމުންދިޔައީ ހަރުކަށި ފިކުރަށް ރާއްޖެއިން ޖާގައެއް ނެތްކަން ކަމަށާއި ނަމަވެސް ވެރިކަމަށް އާދެވެނީ އެމީހުންގެ ތާއީދާއެކު ކަމަށެވެ.
"ވެރިކަމަށް އާދެވެނީ ހަރުކަށި ފިކުރުން ތާއީދުކުރުމުން. ރައީސް ޔާމީން ވެރިކަމަށް އައި އިރުވެސް، އަޅުގަނޑު ވެރިކަމަށް އައި އިރުވެސް، އަދި ރައީސް ސޯލިހު ވެރިކަމަށް އައި އިރުވެސް އެކަން އޮތީ އެގޮތަށް. އެހެންވީމާ ސުލްހައަށް މަސައްކަތްކުރާ ސިޔާސީ ބޭފުޅުން އެކުގައި މަސައްކަތްކޮށް، މި މައްސަލަތަކާ ގުޅޭގޮތުން މަޝްވަރާކުރަން ޖެހޭ،" އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ނަޝީދު ވިދާޅުވީ ދެވަނަ އަފްޣާނިސްތާނަށް ވާން ދިވެހިން ބޭނުން ނުވާނެ ކަމަށާއި ހަރުކަށި ފިކުރު ހުއްޓުވުމަށް އިދިކޮޅު ވެސް ހިމެނޭ ގޮތަށް އެއް ޕްލެޓްފޯމެއްގައި ހުރިހާ ޕާޓީތަކުން މަޝްވަރާކުރަން ޖެހޭ ކަމަށެވެ.
"ހޯމް މިނިސްޓްރީ، ޕޮލިސް، ސިފައިން، ކަސްޓަމްސް، އެޑިއުކޭޝަން މިނިސްޓްރީ އަދި އެކި މުއައްސަސާތަކުގައި ހަރުކަށި ފިކުރު އެބައޮތް. ފުރަތަމަ ކަމަކަށް އަޅުގަނޑުމެން އެބަޖެހޭ މި މުއައްސަސާތައް ރިފޯމުކޮށް، މުއައްސަސާތަކުގައި އަނދިރި ދައުލަތެއް ނެތްކަން ކަށަވަރުކުރަން،" އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ނަޝީދު އިތުރަށް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވެސް ރާއްޖޭގެ އެންމެ ބޮޑު މައްސަލަ، ހަރުކަށި ފިކުރާ ދެކޮޅަށް ތެދުވެ، އެ ވިސްނުމަށް ޖާގަ ނުދެއްވާނެ ކަމަށް އުންމީދުކުރައްވާ ކަމަށެވެ. އަދި އެ ފުރުސަތު ދޭނަމަ، ކުރިއަށްއޮތް ތަނުގައި ވެސް ރާއްޖެއަށް ހަމަޖެހުމެއް ނާންނާނެ ކަމަށް ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދު އަވަހާރަކޮށްލަން މެއި މަހުގެ ހަ ވަނަ ދުވަހު ދިން ހަމަލާއާ ގުޅިގެން ހައްޔަރުކުރި މީހުންނަކީ ވެސް ޓެރަރިސްޓް ޖަމާއަތް، އިސްލާމިކް ސްޓޭޓް (އައިއެސް)އާ ގުޅުން އޮންނަ ހަރުކަށި ފިކުރަށް ތާއީދުކުރާ މީހުން ކަމަށް ނަޝީދު ވަނީ ވިދާޅުވެފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު