ފޮރިން މިނިސްޓަރު އަދި އދ. ގެ އާއްމު މަޖިލީހުގެ އިންތިހާބީ ރައީސް އަބްދުﷲ ޝާހިދު، ރަސްމީ ދަތުރުފުޅެއްގައި އިންޑިއާއަށް ފުރާވަޑައިގެންފިއެވެ.
ފޮރިން މިނިސްޓްރީން ބުނީ ރަސްމީ ދަތުރުފުޅެއްގައި މިނިސްޓަރު ޝާހިދު، އިންޑިއާގެ ނިއު ދިއްލީއަށް ފުރާވަޑައިގެންނެވީ އދ. ގެ އާއްމު މަޖިލީހުގެ އިންތިހާބީ ރައީސްގެ ހައިސިއްޔަތުން ކަމަށެވެ.
ޝާހިދުގެ މި ދަތުރުފުޅުގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ އާއި އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. ސުބުރަމަންޔަ ޖައިޝަންކަރު އަދި ފޮރިން ސެކްރެޓަރީ ހަރްޝް ވަރްދަން ޝްރިންގްލާއާ ބައްދަލުކުރެއްވުމަށް ވެސް ވަނީ ހަމަޖެހިފައެވެ.
ފޮރިން މިނިސްޓްރީން ބުނީ ކޮވިޑް ޕެންޑެމިކް އަދި ގައުމުތަކުގެ ގުޅުމުގެ މުހިންމުކަމާ ގުޅޭގޮތުން 38 ވަނަ ސަޕްރޫ ހައުސް ލެކްޗާގައި މިނިސްޓަރު ޝާހިދު ވާހަކަދެއްކެވުމަށް ހަމަޖެހިފައިވާ ކަމަށެވެ.
އދ. ގެ އާއްމު މަޖިލީހުގެ ރައީސަކަށް ޝާހިދު އިންތިހާބުކޮށްފައިވަނީ މިދިޔަ މަހުގެ ހަތްވަނަ ދުވަހުއެވެ. މިނިސްޓަރު ޝާހިދު އިންތިހާބު ކާމިޔާބުކުރެއްވީ އަފްޣާނިސްތާނުގެ ކުރީގެ ފޮރިން މިނިސްޓަރު ރަލްމައި ރަސޫލްއާ ވާދަކޮށްގެންނެވެ. މިނިސްޓަރު ޝާހިދު ވެވަޑައިގަންނަވާނީ އެ މަގާމު ފުރުއްވާނެ ފުރުތަމަ ދިވެއްސަށެވެ.
އދ. ގެ އާންމު މަޖިލީހުގެ ރައީސްކަމާ މިނިސްޓަރު ޝާހިދު ހަވާލުވެވަޑައިގަންނަވާނީ އަންނަ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ. މިނިސްޓަރު ޝާހިދަށް އެ މަގާމުގައި އެއް އަހަރުގެ ދައުރެއް ލިބިވަޑައިގަންނަވާނެއެވެ. މިހާރު އެ މަގާމުގައި ހުންނެވީ ތުރުކީގެ ވޮލްކާން ބޮޒްކިރްއެވެ.
ރާއްޖެއިން އދ. ގެ މެމްބަރު ގައުމަކަށްވީ މިނިވަންކަން ލިބުނުތާ ދާދި ކުޑަ ދުވަސްކޮޅެއްގެ ތެރޭ، 1965 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 21 ވަނަ ދުވަހުއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު