އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރި ތަރައްގީކުރުމުގެ ހިދުމަތް ދެމުން އަންނަ މަރުކަޒުތައް، ބިޒްނަސް ސެންޓާ ކޯޕަރޭޝަން (ބީސީސީ) އިން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ގާއިމު ކުރަން ލާޒިމުކޮށް، ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ރައިސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ތަސްދީގު ކުރައްވައިފި އެވެ.
އެ ބިލުގައި ބުނެފައި ވަނީ، އެ ބިލު ގާނޫނަކަށް ވެ އަމަލުކުރަން ފަށާތާ ތިން މަސް ދުވަހުގެ ތެރޭގައި އެފަދަ މަރުކަޒުތައް ގާއިމުކޮށް ހިދުމަތް ދޭންވާނެ ކަމަށެވެ.
ދަރަންޏަށް ފައިސާ ހޯދުމުގެ ގާބިލުކަން ވިޔަފާރިތަކުގެ ކިބައިގައި އިތުރުކުރުމުގެ ގޮތުން ކްރެޑިޓް ގެރެންޓީ ސްކީމެއް ތައާރަފު ކުރުމާއި އެކަމަށް ޓަކައި ތަފާތު ޕްރޮގުރާމުތައް ހިންގަން ޖެހޭނެ ކަމަށްވެސް ބިލުގައި ހިމަނާފައިވެއެވެ.
ބިލުގައި ބުނެފައި ވަނީ، މިނިސްޓްރީން ކަނޑައަޅައި އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ކުރިއެރުވުމުގެ މަޝްރޫއެއް ހިންގަންވާނެ ކަމަށާއި އެކަމަށްޓަކައި އެ ގާނޫނުގައި ބުނެފައިވާ ގޮތުގެ މަތިން، ތިން މިލިއަން ރުފިޔާއާ ހަމައަށް ފައިސާ ދޫކުރެވޭނެ ކަމަށެވެ. އަދި އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ކައުންސިލުގައި މެންބަރުން ހިމެނޭ ގޮތަށްވެސް އެ ބިލުން ވަނީ ބަދަލު ގެނެސްފައެވެ.
ސާދަ މެންބަރުންގެ މައްޗަށް އެކުލެވޭ އެ ކައުންސިލުގައި ހިމެނެނީ އިގުތިސާދީ ސިޔާސަތުތައް ތަންފީޒުކުރުމުގެ މަސްއޫލިއްޔަތު ހަވާލުކޮށްފައިވާ މިނިސްޓަރާއި މަސްވެރިކަމާއި ދަނޑުވެރިކަމުގެ ސިޔާސަތުތައް ތަންފީޒުކުރުމުގެ މަސްއޫލިއްޔަތު ހަވާލުކޮށްފައިވާ މިނިސްޓަރާއި ފަތުރުވެރިކަމުގެ ސިޔާސަތުތައް ތަންފީޒު ކުރުމުގެ މަސްއޫލިއްޔަތު ހަވާލުކޮށްފައިވާ މިނިސްޓަރާއި މާލީ ކަންކަމުގެ ސިޔާސަތުތައް ތަންފީޒުކުރުމުގެ މަސްއޫލިއްޔަތު ހަވާލުކޮށްފައިވާ މިނިސްޓަރެވެ.
އޭގެ އިތުރުން އަންހެން ވިޔަފާރިވެރިން ތަމްސީލު ކުރާ މަންދޫބަކާއި މަސްވެރިކަމުގެ ދާއިރާއިން އެ ދާއިރާގެ ސިވިލް ސޮސައިޓީގެ މަންދޫބަކާއި ދަނޑުވެރިކަމުގެ ދާއިރާއިން، އެ ދާއިރާގެ ސިވިލް ސޮސައިޓީގެ މަންދޫބަކާއި ފަތުރުވެރިކަމުގެ ދާއިރާއިން، އެ ދާއިރާގެ ސިވިލް ސޮސައިޓީގެ މަންދޫބަކާއި އިންފޮމޭޝަން، ކޮމިއުނިކޭޝަން އަދި ޓެކްނޮލޮޖީގެ ދާއިރާއިން، އެ ދާއިރާގެ ސިވިލް ސޮސައިޓީގެ މަންދޫބަކާއި އިމާރާތްކުރުމުގެ ދާއިރާއިން، އެ ދާއިރާގެ ސިވިލް ސޮސައިޓީގެ މަންދޫބަކާއި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ފައިނޭންޝަލް ސެކްޓާގެ އިސް އޮފިޝަލެއްގެ އިތުރުން މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ)ގެ އިސް އޮފިޝަލެއްވެސް ކައުންސިލުގައި ހިމަނަންޖެހެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު