އީދު ދުވަހަކީ މުޖުތަމައުގެ އެކަކު އަނެކަކަށް މައާފުކޮށް، ހިތްހެޔޮކަން ފާޅުކޮށް، އެކަކު އަނެކަކަށް އެއްބަނޑު އެއްބަފާކަމުގެ ލޯބި ރައްދުކޮށް އުޅެންވީ މާތް ދުވަސް ކަމަށް މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ)ގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ދ. މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމް މުހައްމަދު ވިދާޅުވެއްޖެއެވެ.
އަލްހާ އީދު ދުވަހުގެ މުނާސަބަތުގައި ސިޔާމް މިރޭ ފޮނުއްވި ހިތާބުގައި ވިދާޅުވީ މުސްލިމުންނަށްޓަކައި ލައްވަވާފައިވާ ކޮންމެ އީދަކީ ވެސް އޭގައި ވަރަށް ފުރިހަމަ އިޖުތިމާއީ ރޫހެއް އެކުލެވިގެންވާ އުފާވެރި މުނާސަބަތެއް ކަމަށެވެ. އަދި ތަހުނިޔާ އާއި ހެޔޮ އެދުންތައް ބަދަލުކޮށް، އުފާވެރިކަން ފާޅުކުރާ ދުވަހެއްގެ ގޮތުގައި އަލްހާ އީދު ދުވަސް ފާހަގަކުރުމުގެ އެންމެ ބޮޑު މަގުސަދަކީ މުޅި މުޖުތަމައުގައި އުފާވެރިކަމާއި އެކުވެރިކަން ފެތުރުން ކަމަށް ވެސް ސިޔާމްގެ ހިތާބުގައި ވިދާޅުވިއެވެ.
"އެހެންކަމުން މިއަދަކީ މުޖުތަމައުގެ އެކަކު އަނެކަކަށް މައާފުކޮށް، ހިތްހެޔޮކަން ފާޅުކޮށް، އެކަކު އަނެކަކަށް އެއްބަނޑު އެއްބަފާކަމުގެ ލޯބި ރައްދުކޮށް އުޅެންވީ މާތް ދުވަހެވެ. ތިމާގެކަމުގެ އެންމެހައި ގުޅުންތައް ބަދަހިކޮށް، އިޖުތިމާއީ ބަދަހިކަން ދިރުވައި އާލާކުރުމަށް އިތުރު ހިތްވަރެއް ލާންވީ ދުވަހެވެ. ހަމައެއާއެކު މި އީދު ދުވަހު އާއިލާގެ މެންބަރުންގެ ހާލުއަހުވާލު އޮޅުންފިލުވައި، އެމީހުންނަށް އެހީތެރިކަން ފޯރުވައިދިނުމަކީ އަޅުގަނޑުމެންގެ ކޮނޑުގައި އެޅިފައިވާ ދީނީ އަދި އާއިލީ ވާޖިބެއްކަން ހަނދާނުގައި ބެހެއްޓެވުން ވެސް ވަރަށް މުހިންމެވެ..،" ސިޔާމްގެ ހިތާބުގައި ވިދާޅުވިއެވެ.
ސިޔާމްގެ ހިތާބުގައި އިތުރަށް ވިދާޅުވީ މިއަހަރުގެ އީދުވެސް ފާހަގަ މިކުރަނީ ކޮވިޑް 19ގެ ބަލިމަޑުކަމުގެ އުނދަގޫތައް ތަހައްމަލު ކުރަމުންދާ ދަނޑިވަޅެއްގައިކަމުން، މި ބަލިމަޑުކަމުން އަރައިގަތުމަށް އެންމެހައި ރައްޔިތުން އެއްބައިވަންތަވުމަށް އިލްތިމާސްކުރާ ކަމަށެވެ. އަދި ލިބިފައިވާ ލުއިތަކުގެ ބޭނުން ހެޔޮގޮތުގައި ހިފައި، މި ބަލިމަޑުކަން ރާއްޖެއިން އެއްކޮށް ނައްތާލުމަށް މަސައްކަތްކުރުމަށް ހުރިހާ ރައްޔިތުން ވެސް މި އީދު ދުވަހު އަޒުމު ކަނޑައަޅައި، މަސައްކަތްކުރުމަކީ ކޮންމެ މީހެއްގެ ކޮނޑުގައި އެޅިފައިވާ ޒިންމާއެއް ކަމަށް ވެސް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު