ޓޯކިއޯ އޮލިމްޕިކްސް 2020 ގައި ރާއްޖޭން ވާދަކުރާ ކޮންޓިންޖެންޓު މިއަދު ޖަޕާނުގެ ޓޯކިއޯއަށް ފުރައިފިއެވެ.
ރާއްޖޭގެ ކޮންޓިޖެންޓުގައި ހިމެނެނީ ސްވިމިންއާއި ބެޑްމިންޓަންގެ އިތުރުން އެތުލެޓިކްގައި ވާދަކުރާ އެތުލީޓުންނާއި އޮފިޝަލުންނެވެ. އެތުލީޓުން މިއަދު ފުރާފައިވަނީ ޗެފް ޑި މިޝަނަށް ހަމަޖައްސާފައިވާ އެތުލެޓިކްސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އޭއޭއެމް)ގެ ޖެނެރަލް ސެކްރެޓަރީ އަހުމަދު މުންތަގިމްއާވެސް އެކުގައެވެ.
ޓީމު ފުރުމުގެ ކުރިން އޮލިމްޕިކް ކޮމިޓީން ބޭއްވި ބައްދަލުވުމުގައި އެ ކޮމިޓީގެ ރައީސް މުހައްމަދު އަބްދުއްސައްތާރާއި ނައިބު ރައީސް އަހުމަދު އިސްމާއިލް އަދި ސެކްރެޓަރީ ޖެނެރަލް ތަމޫހު އަހުމަދު ސައީދު (ތަމޫ) ވަނީ އޮލިމްޕިކްސްގައި ބައިވެރިވާ އެތުލީޓުންނާ ބައްދަލުކުރައްވައިފައެވެ.
ކޮވިޑް 19ގެ މި ހާލަތުގައި އޮލިމްޕިކްސް ކުރިއަށް ގެންދިއުމަށް މިހާރުވެސް ދަނީ ހަރުކަށި އުސޫލުތަކެއް ހަދައި ޓެސްޓިންއާއި ވެކްސިނޭޝަންގެ ހުރިހާ ކަމެއް ބަލަމުންނެވެ. އެކަންކަމުގެ ސަބަބުން މިފަހަރު ޗެފް ޑި މިޝަނަކަށް ހަވާލުވެ ހުންނެވި މުންތަގިމްއަށް ބުރަ ބޮޑު މަސައްކަތްތަކެއް ކުރަން ޖެހޭނެ ކަމަށް ބެލެވެއެވެ. ހަތަރުވަނަ ދައުރަކަށް އެތުލެޓިކްސް އެސޯސިއޭޝަންގެ ޖެނެރަލް ސެކްރެޓަރީއެއްގެ ޒިންމާ އަދާކުރަމުން އަންނަ މުންތަގިމް ވަނީ ބައިނަލްއަގުވާމީ ގިނަ މުބާރާތްތަކެއްގައި މަސައްކަތްކޮށްފައެވެ.
ޖަޕާނުގެ ޖިފޫގައި ބޭއްވި ޖޫނިއާ އެތުލެޓިކްސް މުބާރާތުގައި ސްޓާޓް ރެފްރީކަންކޮށް މުންތަގިމް ވެފައިވަނީ އޭޝިއާގެ މުބާރާތެއްގައި އެފަދަ ޒިންމާއެއް ނެގި ފުރަތަމަ ދިވެއްސަށެވެ. އަދި ނޭޕާލުގައި 2019 ވަނަ އަހަރު ކުރިއަށްދިޔަ ސައުތު އޭޝިއަން ގޭމްސްގެ އެތުލެޓިކްސް އިވެންޓްތަކުގެ އިންޓަނޭޝަނަލް ޓެކްނިކަލް އޮފިޝަލް (އައިޓީއޯ) އަކަށް މުންތަގިމް މަސައްކަތް ކުރެއްވި އިރު، އޭނާ އަކީ ގޭމްސްއެއްގެ އެތުލެޓިކްސްގެ އެފަދަ ޒިންމާއެއް އަދާކުރި ރާއްޖެއަށް ނިސްބަތްވާ ފުރަތަމަ މީހާއެވެ.
މި ފަހަރުގެ އޮލިމްޕިކްސްގައި އެތުލެޓިކްސް އިން ރާއްޖެ ތަމްސީލްކުރާނީ 2016 ވަނަ އަހަރުގެ އޮލިމްޕިކްސްގައި ވެސް ވާދަކުރި ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ ހަސަން ސާއިދު އެވެ. ފެތުމުން ރާއްޖޭގެ ފަރާތުން ބައިވެރިވަނީ އައިޝަތު ސާޖިނާ އާއި މުބާލް އައްޒާމް އިބްރާހީމް އެވެ. އަދި ބެޑްމިންޓަންގެ ފަރާތުން ފާތިމަތު ނަބާހާ އެވެ. މިއީ އޮލިމްޕިކްސްގެ ބެޑްމިންޓަން އިވެންޓްގައި ރާއްޖޭގެ އަންހެން ކުޅުންތެރިއަކު ވާދަކުރާ ފުރަތަމަ ފަހަރެވެ.
އޮފިޝަލުންގެ ގޮތުގައި މި ފަހަރުގެ އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލްކުރާނީ ތަޖުރިބާކާރު ބެޑްމިންޓަން އޮފިޝަލް އަހުމަދު ޝިހާމް (ޕުޗު) އެވެ. އޭނާ އަށް ފުރުސަތު ދިނީ އިންޓަނޭޝަނަލް ފެޑެރޭޝަނުންނެވެ.