ބެލަރޫސް އެތުލީޓުންނަށް މުބާރާތްތަކުގައި އެގައުމު ތަމްސީލުކުރުމަށް އަލުން ހުއްދަ ދޭން އިންޓަނޭޝަނަލް އޮލިމްޕިކް ކޮމިޓީ (އައިއޯސީ) އިން ނިންމައިފިއެވެ.
ބެލަރޫސް އެތުލީޓުންނަށް އެގައުމުގެ ނަމުގައި ކުޅިވަރުތަކުގައި ބައިވެރި ނުވެވޭ ގޮތަށް އައިއޯސީން ފިޔަވަޅު އެޅީ 2022 ވަނަ އަހަރުއެވެ. އެއީ ރަޝިއާއާއި ޔުކްރެއިން ހަނގުރާމައިގެ ތެރެއިން ރަޝިއާ ކުޅިވަރުން ބޭރުކުރުމަށް ދިން އަދަބާ އެކުގައެވެ. ބެލަރޫސްއަށް އަދަބު ދީފައި ވަނީ ރަޝިއާއަށް އެހީވާ ގައުމެއް ކަމަށް ބުނެއެވެ.
ރަޝިއާއި ބެލަރޫސްއަށް އެޅި ފިޔަވަޅުތަކާ އެކަމަށް ފާޑު ކިޔުންވެސް އަމާޒުވެފައިވެއެވެ. އެެއީ އިޒްރޭލުން އެތައް ދުވަހެއް ވަންދެން ނިރުބަވެރި، ލާއިންސާނީ ޖަރީމާތައް ހިންގަމުންދާ އިރު، އެގައުމަށް ފިޔަވަޅު ނާާޅާ އޮތުމުންނެވެ.
އައިއޯސީގެ އެކްސްކޯއިން ނިންމާފައި ވަނީ ބެލަރޫސްގެ އެތުލީޓުނަށް، އަމިއްލަ ގައުމު ތަމްސީލުކުރުމަށް ފުރިހަމައަށް ފުރުސަތު ދޭށެވެ. އެގޮތުން ބައިނަލްއަގުވާމީ ކުޅިވަރު ފެޑަރޭޝަންތަކާއި ބައިނަލްއަގުވާމީ ކުޅިވަރު އިވެންޓްތަކުގައިވެސް ބެލަރޫސް ތަމްސީލުކުރަން އެތުލީޓުންނަށް ވަނީ ފުރުސަތު ދީފައެވެ. އެއާއެކު ބެލަރޫސް އެތުލީޓުންނަށް 2028 ވަނަ އަހަރު އެމެރިކާގެ ލޮސް އެންޖެލެސްގައި އޮންނަ އޮލިމްޕިކްސްގެ ކޮލިފިކޭޝަންގައިވެސް ވާދަކުރެވޭނެއެވެ.
އައިއޯސީން ބެލަރޫސްއަށް އެޅި ފިޔަވަޅުތައް އުވާލި ނަމަވެސް، ދުނިޔޭގެ އެތުލެޓިކްސް މައި އިދާރާއިން އަދިވެސް އެކަމަށް އަމަލު ކުރާނެކަމުގެ ޔަގީންކަމެއް ނެތެވެ. އެހެން ނަމަވެސް، އެކަމުގައި މިހާރު އަންނަނީ މަޝްވަރާތައް ކުރަމުންނެވެ.
މިދިޔަ 2024 ވަނަ އަހަރު ޕެރިހުގައި އޮތް އޮލިމްޕިކްސްގެ އިތުރުން މިއަހަރު މިލާނޯ ކޯޓީނާ ވިންޓާ އޮލިމްޕިކްސްގައިވެސް ރަޝިއާ އަދި ބެލަރޫސް އެތުލީޓުން ވާދަކުރީ ނިއުޓްރަލް އެތުލީޓުންގެ ގޮތުގައެެވެ. އެ އެތުލީޓުންނަކީ ބެކްގްރައުޑް ބެލުމަށްފަހު ބައިވެރިކުރި މަދު އެތުލީޓުންތަކަކެވެ. އެ އެތުލީޓުން އޮލިމްޕިކްސްގައި ވެސް މެޑަލްވެސް ހޯދިއެވެ.
އައިއޯސީން ރަޝިއާގެ ފިޔަވަޅައަށް އަދި ލުޔެއްް ނުދިން ނަމަވެސް، ވަރަށް އަވަހަށް އެ ފިޔަވަޅުތައް އުވާލާނެ ކަމަށްވެސް ހަބަރުތައް ބުނެއެވެ.
މުޙައްމަދު ޝަމްޢޫން
އޮލިމްޕިކްސް
އޮލިމްޕިކްސް
އޮލިމްޕިކްސް
އޮލިމްޕިކްސް