ސަރުކާރު ހިންގާ ކޯލިޝަންގެ މައި ޕާޓީ، އެމްޑީޕީ ބައިބައިވިޔަ ނުދޭނެ ކަމަށް އެޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އިންޑިއާގެ ނޫހެއް ކަމަށްވާ "ދަ ހިންދޫ" އަށް ދެއްވި އިންޓަވިއުއެއްގައި ރައީސް ނަޝީދު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއި އެމަނިކުފާނާ އެއްވެސް ދެކޮޅުވެރިކަމެއް ނެތް ކަމަށެވެ.
"އަޅުގަނޑު، ރައީސް ސޯލިހާ ދެކޮޅުވެރިކަމެއް ނެތް. އެމްޑީޕީ ބައިބައިވެގެންދާކަށް ނޭދެން. އަޅުގަނޑު ހުއްޓައި، އެހެންވިޔަކަ ނުދޭނަން. ރަނގަޅު އަސާސްތަކަކަށް މަސައްކަތްކުރަން އެކުގައި އެއް މިސްރާބަކަށް މަސައްކަތްކުރާ ޕްލެޓްފޯމެއް އޮންނަން ޖެހޭ. އޭގައި ޕީޕީއެމް ވެސް ހިމެނިދާނެ،" ނަޝީދު ވިދާޅުވިއެވެ.
މެއި ހައެއްގައި ރައީސް ނަޝީދު އަވަހާރަކޮށްލަން ޓެރަރިޒަމްގެ ހަމަލާއެއް ދިނީ، އެމަނިކުފާނަކީ ލާދީނީ ބޭފުޅެއް ކަމަށް ތުހުމަތުކޮށް، އުފެއްދި ނަފްރަތުގެ ތެރެއިން ކަމަށް އެމްޑީޕީން ބުނަމުން ދަނިކޮށް އެގޮތަށް ނަފްރަތު އުފައްދާ ފަރާތްތަކަށް ޖަލުގެ އަދަބު ކަނޑައަޅައި ގާނޫނުލް އުގުބާތަށް އިސްލާހު ގެންނަން ބިލު މަޖިލީހަށް ފޮނުވީ ސަރުކާރުންނެވެ.
ނަމަވެސް ސަތޭކައަށްވުރެ ގިނަ ދީނީ އިލްމުވެރިންނާއި، ގިނަ އަދަދެއްގެ އާއްމުންނާއި، ގިނަ ކައުންސިލްތަކަކުން ވަނީ، އެ ބިލުގައި ހިމެނޭ ކަންތައްތަކަށް ދެކޮޅު ހަދައިފައެވެ.
އެ ބިލު ޖުޑީޝަރީ ކޮމިޓީން ދިރާސާކޮށް، މަޖިލީހުގެ ތަޅުމަށް ގެނައި ނަމަވެސް އެ ދެކޮޅުހެދުންތަކާ ގުޅިގެން ބިލު ވަނީ ފާސްނުކޮށް އަލުން ކޮމިޓީއަށް ފޮނުވާލައިފައެވެ. އެ ބިލުގެ ބަހުސް މަޖިލީހުގައި ކުރިއަށް ދިޔައިރު ބިލު ފާސް ކުރުމާމެދު އެމްޑީޕީގެ މެންބަރުންގެ މެދުގައިވެސް ބޮޑެތި ހިޔާލުތަފާތުވުންތައް އުފެދުނެވެ. އެކަމާ ގުޅިގެން ބިލު ފާސްކުރަން ސަރުކާރުން ހުރަސް އަޅަމުންދާ ކަމަށްބުނެ ބައެއް މެންބަރުން ސަރުކާރަށް ވަރަށްބޮޑަށް ފާޑުވެސް ވިދާޅުވިއެވެ.
ނަފްރަތުގެ ބިލާ މެދު ހިޔާލުތަފާތުވުންތައް އުފެދިފައިވާ އިރު، އެމްޑީޕީގެ އެތެރޭގައި ހަރުކަށި ފިކުރު އޮތް ކަމަށް ނަޝީދު ވަނީ ތުހުމަތުކުރައްވައިފައެވެ. އެމަނިކުފާނު ވަނީ ކޯލިޝަނަށްޓަކައި މިއަދުގެ ސަރުކާރުން ހަރުކަށި ފިކުރުގެ މީހުން ރުއްސަމުންދާ ކަމަށްވެސް ތުހުމަތު ކުރައްވައިފައެވެ.
ނަޝީދު ވަނީ، މި ސަރުކާރާއެކުގައި ހުންނަން ބޭނުންފުޅުނުވާ ކަމަށްވެސް ވިދާޅުވެފައެވެ. އަދި މިހާރު ބޭނުންފުޅުވަނީ ދީނީ ގޮތުން މެދުމިނުގެ ސިޔާސަތު ގެންގުޅޭ ކޯލިޝަނަކާއެކު މަސައްކަތް ކުރުމަށް ކަމަށާއި އެއީ ޕީޕީއެމް ކަމުގައި ވިޔަސް އެކަމަށް ތައްޔާރަށް ހުންނެވި ކަމަށް ވިދާޅުވިއެވެ.
މީގެ އިތުރުން ރައީސް ސޯލިހާއެކު ސިޔާސީ ގޮތުން ހުރެވެން ނެތް ކަމަށްވެސް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ. ނަޝީދު ވަނީ ނަފްތަރުގެ ބިލު މިހާރު އޮތް ގޮތަށް ފާސްނުކޮށްފިނަމަ ސަރުކާރަށް ކުރާ ތާއީދު އަނބުރާ ގެންދަވާނެ ކަމަށް ވެސް ވިދާޅުވެފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު