ބަގާވާތަކުން ވެރިކަން ވައްޓާލުމުގެ ފުރުސަތު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ނުދެއްވާނެ ކަމަށާއި އެއީ ކުރީގެ ރައީސް މުހައްމަދު ނަޝީދު ކަމުގައި ވިޔަސް އެ ފުރުސަތު ނުލިބޭނެ ކަމަށް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން އަދި މަޖިލީހުގެ ކުރީގެ ނައިބު ރައީސް މޫސާ މަނިކު (ރީކޯ މޫސަ) ވިދާޅުވެއްޖެ އެވެ.
މޫސަ، ރައީސް ނަޝީދަށް ލިޔުއްވާފައިވާ ސިޓީއަކާއެކު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، މީގެ ކުރިން އެމްޑީޕީގެ ވެރިކަމުގައި ކަންކަން ހިނގައިދިޔަ ގޮތަށް ބަގާވާތަކުން ވެރިކަން ވައްޓާލައި ރައީސް ނަޝީދު ހަވަރަށް ދިން އުސޫލުން ރައީސް ސޯލިހު ހަވަރަށް ދިނުމަށް ކުރާ މަސައްކަތަށް ޖާގަ ނުދެވޭނެ ކަމަށެވެ. އަދި ވެެރިކަމުގެ ދަހިވެތި މަޅީގައި ރައީސް ނަޝީދު ބަނދެވެމުންދާ ކަމަށް މޫސަ ވިދާޅުވިއެވެ.
"މިއަދު ތި ޕާޓީ ވެރިކަމުގައި އޮވެ ދެވަނަ ފަހަރަށް އެމްޑީޕީގެ ވެރިކަން ބަގާވާތް ކޮށް ވައްޓައިލުމުގެ މޭސްތިރިއަކަށް ވެވަޑައިގެން މަނިކުފާނު މަސައްކަތް ކުރުމަކީ ހެޔޮވާވަރު ކަމެއް ނޫނެވެ. މަނިކުފާނުގެ ވެރިކަން ވެއްޓި ދިޔައީ ވެސް ކުރިން ވެރިކަން ކުރި ބައެއްގެ ކަރުބުޑުގައި ލީ ރަހަ ނުފިލައިގެން އެމީހުން ރޭވި ތިޔަ ފަދަ އަނިޔާވެރި މަޅީގައި މަނިކުފާނާއި އެމްޑީޕީގެ އެންމެން ޖެހިގެން" މޫސަ ވިދާޅުވިއެވެ.
މޫސަ ވިދާޅުވީ، އެމްޑީޕީ މިހާ ހިސާބަށް ގެނެސްފައިވަނީ އެތައް ބައެއްގެ ބުރަ މަސައްކަތުން ކަމަށާއި އެހެންކަމުން ވަކި މީހެއްގެ އަމިއްލަ މަންފާއަށް ޓަކައި ޕާޓީ ހަލާކުކޮށްލުމުގެ ފުރުސަތު ނުދެއްވާނެ ކަމަށެވެ.
މީގެ އިތުރުން މޫސަ ވިދާޅުވީ ސިޔާސީ ބޭނުމަކަށް ޓަކައި އެމްޑީޕީގެ ހަތުރުން ލާދީނީއޭ ކިތަންމެ ވަރަކަށް ގޮވިޔަސް އީމާންތެރިކަމާއި އަގީދާ ބަލިކަށި ނުވާނެ ކަމަށެވެ.
މޫސަ، ރައީސް ނަޝީދަށް ހާއްސަ ސިޓީއެއް ފޮނުއްވާފައި މިވަނީ ގާނޫނުލްއުގޫބާތަށް އިސްލާހު ގެނައުމަށް ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުށަހަޅުއްވާފައިވާ ނަފުރަތުގެ ބިލް ފާސްކުރަން އެމްޑީޕީގެ ލީޑާޝިޕް ނުދެކޭ ނަމަ، ސަރުކާރަށް ތާއީދުކުރަން އުނދަގޫ ކަމަށް ރައީސް ނަޝީދު ވިދާޅުވެފައިވާ ދަނޑިވަޅެއްގައެވެ.
ޚަބަރު
ޚަބަރު
ޚަބަރު