އާޖެންޓީނާއާއެކު ކޮޕާ އެމެރިކާ ކާމިޔާބުކޮށް، ކެޕްޓަން ލިއޮނަލް މެސީ ޕޯސްޓް ކުރި ފޮޓޯއަކީ މިހާތަނަށް އިންސްޓާގްރާމްގައި އެންމެ ގިނަ ލައިކް ލިބުނު ސްޕޯޓްސް ފޮޓޯއަށް ވެއްޖެއެވެ.

ކޮޕާ އެމެރިކާގެ ކާމިޔާބީއާއެކު މެސީއަށް މުޅި ދުނިޔޭގެ ލޯބި ދައްކާލައިފައިވާއިރު، އޭނާ ޕޯސްޓް ކުރި ފޮޓޯއަށް މިހާރު ވަނީ އިންސްޓާގްރާމްގައި އެކަނި 19،800،000 އަށްވުރެ ގިނަ ލައިކް ލިބިފައެވެ. މީގެ ކުރިން އެންމެ ގިނަ ލައިކް ލިބިފައިވާ ސްޕޯޓްސް ފޮޓޯއަކަށް އިންސްޓާގްރާމްގައި ވެފައި ވަނީ ޑިއޭގޯ މަރަޑޯނާ މަރުވުމުން އޭނާއަށް ޓްރިބިއުޓެއް ދިނުމަށް ކްރިސްޓިއާނޯ ރޮނާލްޑޯ ކޮށްފައިވާ ޕޯސްޓެވެ. ރޮނާލްޑޯ އެ ޕޯސްޓް ކުރީ 25 ނޮވެމްބަރު 2020 ގައެވެ.

މެސީ ކޮށްފައިވާ ޕޯސްޓަށް މިހާރު ގިނަ ލައިކްތަކެއް ލިބިފައިވާއިރު، އޭނާގެ ޕޯސްޓަކީ މުޅި އިންސްޓާގްރާމްގައިވެސް ހަވަނައަށް އެންމެ ގިނަ ލައިކް ލިބިފައިވާ ފޮޓޯއެވެ. އިންސްޓާގްރާމްގައި އެންމެ ގިނަ ލައިކް މިހާތަނަށް ލިބިފައިވާ ފޮޓޯއަކީ، 2019 ވަނަ އަހަރު ޖަނަވަރީ މަހު ހަތަރު ވަނަ ދުވަހު އެރިއާނާ ގްރާންޑޭ ލާފައިވާ ބިހެއްގެ ފޮޓޯއެކެވެ.

2004 ވަނަ އަހަރާއި، 2007 ވަނަ އަހަރުގެ ކޮޕާ އެމެރިކާ ފައިނަލުގައިވެސް ބްރެޒިލު އަތުން އާޖެންޓީނާ ބަލިވެފައިވާ އިރު، 2015 ވަނަ އަހަރާއި 2016 ވަނަ އަހަރު ފައިނަލުން އާޖެންޓީނާ ބަލިވީ ޗިލީ ކައިރިން ޕެނަލްޓީ ޖަހައިގެނެވެ. އޭގެ އިތުރުން 2014 ވަނަ އަހަރުގެ ވޯލްޑް ކަޕް ފައިނަލުންވެސް އާޖެންޓީނާ އާއި މެސީ ހިތްދަތިކޮށް ބަލިވެފައި އޮތް އިރު، މިފަހަރުގެ ތަށި ވެގެން ދިޔައީ މެސީ ގައުމީ ޓީމާއެކު ހޯދި ފުރަތަމަ ތަށްޓަށެވެ.