ބްރައިޓަންގެ ޑިފެންޑަރު ބެން ވައިޓް ގެންދަން އާސެނަލްއާއެކު އެއްބަސްވުމަކަށް އަތުވެއްޖެއެވެ.

އިންގްލެންޑްގެ ޑިފެންޑަރު ބެން ވައިޓަށް ދެ ކްލަބުން އެއްބަސްވެފައި ވަނީ 50 މިލިއަން ޕައުންޑުގެ އަގަކަށެވެ. ބެން ވައިޓަކީ އިންގްލެންޑުގެ ޔޫރޯ ސްކޮޑުގައި ހިމެނި ކުޅުންތެރިޔެކެވެ. އޭނާއަށް ސްކޮޑުން ޖާގަ ލިބުނީ ފަހު ވަގުތުއެވެ. އުމުރުން 23 އަހަރުގެ ބެން ވައިޓަކީ ޕްރިމިއާ ލީގުގެ އެންމެ ވަރުގަދަ އެއް ޑިފެންޑަރެކެވެ.

ސައުތުހޭމްޓަންއަށްވެސް ކުރިން ބެން ވައިޓް ކުޅެފައިވާއިރު، އެ ކްލަބުން އޭނާ ދޫކޮށްލުމުން ދެން ގުޅުނީ ބްރައިޓަންއާ އެވެ. ބްރައިޓަން ގައި ހޭދަކުރި ދުވަސްތަކުގައިވެސް ސީގަލްސް އާއި ލީޑްސްއަށް ލޯނުގައި ކުޅެފައިވެއެވެ. އޭނާއަކީ 2019-20 ސީޒަނުގައި ލީޑްސްއާއެކު ޗެމްޕިއަންޝިޕް ކާމިޔާބުކުރި ކުޅުންތެރިޔެކެވެ.

ލީޑްސްއާއެކު ދެއްކި ކުޅުމަށް ގިނަ ކްލަބްތަކެއްގެ ސަމާލުކަން ހުއްޓި، ބެން ވައިޓް ވަނީ ޕްރިމިއާ ލީގުގައި ފުލްކޮށް ކުޅެން ފަށައިފައެވެ. ހަބަރުތައް ބުނާ ގޮތުގައި ބެން ވައިޓް ހޯދަން އާސެނަލްއިން ވަނީ ކުރިންވެސް ދެ ބިޑެއް ކޮށް، ނާކާމިޔާބު ވެފައެވެ. ބްރައިޓަން އިން އެއްބަސްވީ ތިންވަނަ ބިޑަކަށެވެ.

އިންގްލެންޑާއެކު ޔޫރޯ ނިންމާލުމަށްފަހު ވައިޓް މިވަގުތު ހުރީ ޗުއްޓީގައެވެ. ހަބަރުތައް ބުނާ ގޮތުގައި، ޗުއްޓީއަށްފަހު ބެން ވައިޓް އާސެނަލްގެ މެޑިކަލް ފުރިހަމަ ކުރާނެއެވެ. އާސެނަލްއިން ބެން ވައިޓް ގެންގޮސްފައި ވަނީ ޑޭވިޑް ލުއިސް ނެތްތަން ފޫބެއްދުމަށެވެ. ލުއިސް ވަނީ މިދިޔަ ސީޒަނަށްފަހު ހިލޭ ޓްރާންސްފާއެއްގައި އާސެނަލް ދޫކޮށްލައިފައެވެ.