އެމްޑީޕީގެ އެތެރޭގައި ހިޔާލުތަފާތުވުންތައް އުފެދޭ ދަނޑުވަޅިތަކުގައި ޕީޖީ ގުރޫޕުން އެމްޑީޕީގެ ރައީސަށް ނުރުހުން ފާޅުކުރުމަކީ އަމިއްލަ ކަރުގައި ވަޅި ޖެއްސުމުގެ ގޮތުގައި އެމްޑީޕީގެ ކުރީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް ރީކޯ މޫސަ މަނިކު ސިފަކުރައްވައިފިއެވެ.

ރާއްޖެ ޓީވީގެ "ފަލަ ސުރުހީ" ޕްރޮގްރާމްގައި މިރޭ ވާހަކަ ދައްކަވަމުން ރީކޯ މޫސަ ވިދާޅުވީި، މިހާރު ހުންނެވި އެންމެ ތާއީދު ބޮޑު ވެރިޔަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ކަމަށެެވެ. އަދި ރައީސް ސޯލިހަށް އެމްޑީޕީގެ ޓިކެޓު ދެވަނަ ދައުރަކަށްވެސް ޕްރައިމަރީއަކާ ނުލައި ދޭން ޖެހޭނެ ކަމަށް ވިދާޅުވިއެވެ.

"އަޅުގަނޑުމެން އޮންނާނެ ގަރާރެއް ނިންމާފައި އެމްޑީޕީގެ ފަރާތުން ރައީސަކަށް މީހަކު އަތުވެއްޖެއްޔާ އެމީހަކަށް ރައީސްކަން ދޭނީއޭ ޕްރައިމަރީއާ ނުލާ،" މޫސަ ވިދާޅުވިއެވެ.

މޫސަ ވިދާޅުވީ، ޕާޓީގެ އެތެރޭގެ ކޯޅުންތަކަކީ، ރައްޔިތުންގެ މަޖިލީހުގެ ތަޅުމާ ހަމައަށް އައިސްގެންވާނެ ކަންކަމެއް ނޫން ކަމަށާއި މީގެ ކުރިން އެއްވެސް ސަރުކާރަކުން އެފަދައިން އަމަލު ކޮށްފައިވެސް ނުވާ ކަމަށެވެ. ނަމަވެސް 19 ވަނަ މަޖިލީހުގައި އެމްޑީޕީގެ ސުޕަ މެޖޯރިޓީއެއް އޮވެ ފެނިގެންދަނީ ޕާލިމެންޓަރީ ގުރޫޕުގެ ލީޑަރުވެސް ނުކުމެ ރައީސުލްޖުމްހޫރިއްޔާއަށް ނުރުހުން ފާޅުކުރާ މަންޒަރު ކަމަށް އޭނާ ވިދާޅުވިއެވެ.

"މީހުން ބުނާހެން އަމިއްލަ ކަރުގައި ވަޅި އަޅަން ފެށީމާ ޕާޓީއެއް އެއްޗެއް އޮންނަ ކަމަށް މި ގަބޫލު ކުރަނީ. މިއީ އެމްޑީޕީ ގެންގުޅޭ އުސޫލެއް ނޫން. އެމްޑީޕީން ގެންގުޅުނު ރިވެތި އުސޫލު ގެއްލުވާލީއޭ އަޅުގަނޑު ދަންނަވާނީ،" ރީކޯ މޫސަ ވިދާޅުވިއެވެ.

މޫސަ އިތުރަށް ވިދާޅުވީ، ބިލަކާ ގުޅޭ ގޮތުން ހިޔާލުތަފާތުވުން އުފެދުނު ނަމަވެސް، އެކަން ހައްލު ކުރެވޭނެ ރަނގަޅު ގޮތްތައް ހުންނާނެ ކަމަށާއި އެކަންކަން ހައްލު ކުރާނެ ގޮތްތަކާއި ކޯލިޝަން ސަރުކާރެއް ދަމަހައްޓާނެ ގޮތްތައް ރައީސް ސޯލިހަށް އެނގިލައްވާނެ ކަމަށެވެ.

ނަފްރަތުގެ އަމަލުތަކަކީ ކުށެއް ކަމުގައި ކަނޑައަޅަން ގާނޫނުލް އުގޫބާތަށް ހުށަހެޅި އިސްލާހުގެ ބިލް މަޖިލީހުގެ ތަޅުމަށް ވެއްދި ހިސާބުން ފެށިގެން އެމްޑީޕީގެ މެންބަރުންގެ މެދުގައި ވަނީ ވަރަށް ބޮޑަށް ހިޔާލުތަފާތުވުންތައް އުފެދިފައެވެ. ބައެއް މެންބަރުން ފާޅުގައި ސަރުކާރަށާއި ރައީސް ސޯލިހަށް ފާޑުވިދާޅުވާއިރު ރައީސް ސޯލިހާއެކުގައި ސިޔާސީ ގޮތުން ހުރެވެން ނެތް ކަމަށް އެމަނިކުފާނުގެ އެންމެ އަރިސް ބޭފުޅާކަމުގައިވާ ރައީސް ނަޝީދު މިފަހުން ވަނީ ވިދާޅުވެފައެވެ.