ފުލުހުންގެ މުއައްސަސާއަށް ބޭނުންވާ އުމްރާނީ ތަރައްގީގެ ގިނަ ޕްރޮޖެކްޓްތަކެއް ހިންގުމަށް އިންޑިއާގެ އޭބީއެލް އިންދިރާ ޕްރޮޖެކްޓްސް ޖޭވީއާ އެކު 48 މިލިއަން ޑޮލަރުގެ އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

މި އެއްބަސްވުމުގައި ދިވެހި ފުލުހުންގެ ހިދުމަތުގެ ފަރާތުން ސޮއިކުރެއްވީ ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދެވެ. އޭބީއެލް އިންދިރާ ޕްރޮޖެކްޓްސް ޖޭވީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ފައުންޑަރު އަދި ޗެއާމަން މރ. ބުޕޭޝް ނާގަރާޖަން އެވެ.

އިސްކަންދަރު ބިލްޑިންގައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތުގައި ކޮމިޝަނާ އޮފް ޕޮލިސް ހަމީދު ވިދާޅުވީ،މި ޕްރޮޖެކްޓަކީ ދިވެހި ފުލުހުންގެ ހިދުމަތުގެ އުމްރާނީ ތަރައްގީއަށް މިހާތަނަށް ހިންގޭ އެންމެ ބޮޑު ޕްރޮޖެކްޓްކަމަށެވެ

މި އެއްބަސްވުމުގެ ދަށުން 61 ޕޮލިސް ފެސިލިޓީ އާއި އިމަރާތް ބިނާ ކުރާނެއެވެ. އޭގެ ތެރޭގައި، ކ. ދޫނިދޫގައި އިމާރާތްކުރާ ކަސްޓޯޑިއަލް ފެސިލިޓީއާއި މިހާރުވެސް ބޭނުންކުރަމުން އަންނަ ދެ އިމާރާތެއް އުމްރާނީގޮތުން އިތުރަށް ތަރައްގީ ކުރުމާއި އަތޮޅުތެރޭގެ ރަށްރަށުގައި އިމާރާތްކުރާ 23 ޕޮލިސް ސްޓޭޝަނާއި 21 ޕޮލިސް ޕޯސްޓްގެ އިތުރުން 8 އަތޮޅު ޕޮލިސް ސްޓޭޝަނާއި މާލޭގައި އިމާރާތްކުރާ ޕޮލިސް ސްޓޭޝަނަކާއި ހުޅުމާލެ ފޭސް ދޭއް ގައި އިމާރާތްކުރާ ޕޮލިސް ސްޓޭޝަނަކާއި ހަތަރު އެކޮމޮޑޭޝަން އިމާރާތް ހިމެނެއެވެ.

ދެ އަހަރު ދުވަހުގެ މުއްދަތެއްގެ ތެރޭގައި ނިންމަން ހަމަޖައްސާފައިވާ މި އެއްބަސްވުމުގެ ދަށުން ކުރިއަށްގެންދާ ޕްރޮޖެކްޓްތަކުގެ ސަބަބުން ފުލުހުންގެ މަރުކަޒުތައް ތަފާތު ސަރަހައްދުތަކުގައި ގާއިމުކޮށް، ލާމަރުކަޒީ އުސޫލުން ރައްޔިތުން ބޭނުންވާފަދަ ޒަމާނީ ޑިމޮކްރަޓިކް ހިދުމަތެއް ދިނުމުގެ މަގު ތަނަވަސް ވެގެން ދާނެއެވެ. އޭގެ އިތުރުން، ބައިނަލްއަގުވާމީ މިންގަނޑުތަކާ އެއްގޮތަށް މީހުން ބަންދުކުރެވޭނެ ވަސީލަތްތައް ގާއިމުވެ، އަސާސީ ގޮތުން ފުލުހުންގެ މަރުކަޒުތަކުގައި ހުންނަންޖެހޭ ކަންކަން ފުރިހަމަވެގެން ދާނެއެވެ.

މި މަޝްރޫއަށް ފައިނޭންސް ކުރުމަށް ހަމަޖެހިފައިވަނީ އިންޑިއަން އެގްޒިމް ބޭންކާއި ދިވެހި ސަރުކާރާއެކު ވެވޭ ލޯން އެއްބަސްވުމެއްގެ ދަށުން މަޝްރޫއުގެ 85 އިންސައްތަ އެގްޒިމް ބޭނުންކުން ފައިނޭންސް ކުރާގޮތަށެވެ. ބާކީ 15 އިންސައްތަ ހަމަޖައްސާނީ ދިވެހި ސަރުކާރުންނެވެ.

މި މަޝްރޫއަކީ ބިޑްކުރުމަކާ ނުލައި ޕްރޮޕޯސަލް ހުށަހެޅުމުގެ އުސޫލުން ކުރިއަށް ގެންދާ މަޝްރޫއެކެވެ. މި މަޝްރޫއު ހިންގުމަށް ދާ ހަރަދާ ގުޅޭގޮތުން ދިވެހި ފުލުހުންގެ ހިދުމަތުން ކުރިއަށް ގެންދިޔަ އެސެސްމަންޓަށް ބަލާއިރު، މިހާތަނަށް ކުރިއަށް ގެންގޮސްފައިވާ ޕީއެސްއައިޕީގެ ދަށުން ހިންގާފައިވާ އިންފްރާސްޓްރަކްޗާ މަޝްރޫއުތަކަށްވުރެ މި މަޝްރޫއަށް ކުރަންޖެހޭ ހަރަދު ނިސްބަތުން ކުޑައެވެ.

އެއްބަސްވުމުގައި ސޮއި ކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދާއި އޭބީއެލް އިންދިރާ ޕްރޮޖެކްޓްސް ޖޭވީގެ ފައުންޑަރު އަދި ޗެއާމަން މރ. ބުޕޭޝް ނާގަރާޖަންގެ އިތުރުން، އިންޑިއާ އިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ސަންޖޭ ސުދީރުއާއި ފުލުހުންގެ ހިދުމަތުގެ އިސް ބައެއް އޮފިސަރުންނާއި އިންޑިއަން ހައި ކޮމިޝަންގެ ބައެއް އޮފިޝަލުން ބައިވެވެލެއްވިއެވެ.