ހއ. ދިއްދޫ ގޮނޑުދޮށް ހިމާޔާތް ކުރުމުގެ މަޝްރޫއުގެ މަސައްކަތާއި ބަނދަރު ތަރައްގީ ކުރުމުގެ މަސައްކަތް ކުރިއަށްދާ ގޮތް އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ބައްލަވާލައްވައިފި އެވެ.
އެމްޓިސީސީން ބުނީ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ 59 ޕަސެންޓް މިހާރު ނިމިފައިވާ ކަމަށާއި ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ 20 ޕަސެންޓް މިހާރު ނިމިފައިވާ ކަމަށެވެ.
ގޮނޑު ދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ ދަށުން ކޮނުމަށްފަހު ބިންގަނޑު އެއްވަރުކުރަން 7،750 ކިއުބިކް މީޓަރުގެ ވެލި ބޭނުންކުރުމާއި ޖިއޯ ބޭގްސްއަށް އެޅުމަށް 1،926 ކިއުބިކް މީޓަރުގެ ވެލި ބޭނުން ކުރުމާއި ރަށް ގިރުމުން ސަލާމަތް ކުރުމަށްޓަކައި 310 މީޓަރުގެ ސަރަހައްދެއްގައި ޖިއޯ ބޭގް ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް ހިމެނެ އެވެ.
މިިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި ހައުސިން މިނިސްޓްރީން މި މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައި ވަނީ 10.02 މިލިއަން ރުފިޔާ އަށެވެ.
ދިއްދޫ ބަނދަރު ބޮޑުކުރުމާއި ޖެޓީ ހެދުމުގެ މަޝްރޫއުގެ ދަށުން، 78،000 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި 616 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމާއި 185 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުން ހިމެނޭ ކަމަށް އެމްޓީސީސީން ވަނީ ބުނެފަ އެވެ. އަދި 326 މީޓަރުގެ ސަރަހައްދެއްގައި އެއްގަމު ތޮށި ލުމާއި 4320 އަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހެދުމާއި ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތް ވެސް ހިމެނެއެވެ.
ޖުމުލަ 87.69 މިލިއަން ރުފިޔާގެ މި ޕްރޮޖެކްޓު އެމްޓިސީސީއާ ހަވާލު ކޮށްފައިވަނީ އެއް އަހަރު ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާ ގޮތަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު