ޓޮޓެންހަމްގެ ތަރި، ހެރީ ކޭން އެހެން ކްލަބަށް ދިޔަ ނުދޭނެ ކަމުގެ އިޝާރާތެއް އެ ކްލަބާ އަލަށް ހަވާލުވި ކޯޗު ނޫނޯ އެސްޕިރިޓޯ ސަންޓޯ ދީފިއެވެ.

ޓޮޓެންހަމްގެ ތަރި، ކޭންއަކީ ދުނިޔޭގެ ހުރިހާ ބޮޑެތި ކްލަބުތަކުން ފާރަތަލުންދާ ފޯވަޑެކެވެ. މިވަގުތު ދުނިޔޭގައި ހުރި އެންމެ ވަރުގަދަ އެއް ފޯވަޑް ކޭން ގެންދަން އެންމެފަހުގެ އިނގިރޭސި ޗެމްޕިއަން މެންޗެސްޓާ ސިޓީންވެސް މަސައްކަތްތަކެއް ކުރަމުންދެއެވެ. އެ ކްލަބުން ވަނީ ޔޫރޯގެ ކުރިން ބިޑެއްވެސް ކޮށްފައެވެ. ކޭންގެ ވިސްނުންވެސް މިދިޔަ ސީޒަނަށްފަހު ހުރީ ކްލަބު ދޫކޮށްލުމަށް ކަމަށް ބެލެވުނެވެ. ސީޒަނަށްފަހު ކޭން ހާމަކޮށްފައިވާ ގޮތުގައި އޭނާގެ ކެރިއަރުގައި ތަށި ލިބޭނެ ގޮތެއް ހޯދަން ބޭނުންވެއެވެ.

ކޭންގެ ވިސްނުން އެހެން ހުރި ނަމަވެސް ޓޮޓެންހަމްއިން ތަކުރާރުކޮށް ބުނަމުންދަނީ ކޭން ވިއްކާ ނުލާނެ ކަމަށެވެ. އަލަށް ހަވާލުވި ކޯޗު، ނޫނޯވެސް ބުނެފައިވަނީ އެހެންނެވެ.

"މިއީ ކޭންއަށް ރިކަވަރީގެ ވަގުތު. އޭނާގެ ވާހަކަ ދައްކަން އޮތީވެސް އޭގެ ފަހަށް. ހެރީ ކޭންއަކީ ޓޮޓެންހަމްގެ ކުޅުންތެރިއެއް. ހަގީގަތަށް ބުނަންޏާ އެއީ އެވާހަކަ އެހިސާބުން ނިމުނީ. ކޭންއަކީ ދުނިޔޭގެ އެންމެ މޮޅު އެއް ކުޅުންތެރިޔާ، އަހަރެން މި ކްލަބާއެކު ހާސިލްކުރަން ބޭނުންވާ ނަތީޖާ ހާސިލްކުރެވޭނީ ކޭންއާއެކު،" ކުރިން ވުލްވްސްއާއެކު ކާމިޔާބު ސީޒަންތަކެއް ހޭދަކުރި ނޫނޯ ބުނެފައިވެއެވެ.

އުމުރުން 27 އަހަރުގެ ކޭން ބޭނުންވާނަމަ، ޓޮޓެންހަމްއިން ކޭން ދޫކޮށްދޭނެ ކަމަށް ކުރިން އަނގަބަހުން އެއްބަސްވެވިފައި އޮތް ކަމަށް ހަބަރުތައް ބުނެއެވެ. މިއަހަރު ޔޫރޯއަށްފަހު ކޭން މިވަގުތު ހުރީ ޗުއްޓީގައެވެ. އޭނާގެ ޓްރާންސްފާ ވާހަކަތައް ޗުއްޓީއަށްފަހު ގަދަވެގެން ދާނެ ކަމަށް ބެލެވެއެވެ. ހާއްސަކޮށް ޔޫރަޕްގެ ވަރުގަދަ ހުރިހާ ކްލަބުތަކުން ކޭން ހޯދަން މަސައްކަތް ކުރާނަމަ އޭނާ ހިފަހައްޓަން ޓޮޓެންހަމްއަށް އުނދަގޫވާނެއެވެ.

ޓޮޓެންހަމްގެ ޔޫތު ސިސްޓަމްގެ ތެރެއިން 2009 ވަނަ އަހަރު ސީނިއާ ޓީމަށް ޕްރޮމޯޓްވި ކޭން، މިހާތަނަށް ޓޮޓެންހަމްއާއެކު ވަނީ 12 ސީޒަން ހޭދަކޮށްފައެވެ. ކްލަބާއެކު ކާމިޔާބީތަކަކާ ހަމައަށް ނުދެވި އޮތް ނަމަވެސް، އެ ކްލަބުގައި ދައްކަމުންދާ ކުޅުމާއެކު މިހާރު ވެފައި ވަނީ މުޅި ދުނިޔޭގައިވެސް ހުރި އެންމެ މޮޅު އެއް ފޯވަޑަށެވެ. 2018 ވަނަ އަހަރު ވޯލްޑް ކަޕްގެ ރަން ބޫޓުވެސް ހޯދި ކޭން، ޓޮޓެންހަމް ދޫކޮށް ބޮޑު، ކާމިޔާބު ތާރީހެއް އޮތް ކްލަބަކަށް ދާން ޖެހޭ ކަމަށް ގިނަ ބަޔަކު ދެކެމުން ގޮސްފައިވާއިރު، އިނގިރޭސި ލީގުގައި މިހާތަނަށް ކުޅުނު 243 މެޗުން ކޭން ވަނީ 165 ގޯލް ޖަހައިފައެވެ.