ދިވެހިރާއްޖޭގެ އަޑަށް ގިނަ ދުވަހު ހިދުމަތްކުރެއްވި އަލީ މަނިކު (ކޮނޑޭ އަލިމަނިކު) ނިޔާވެއްޖެއެވެ.

އޭނާ ނިޔާވެފައި ވަނީ މިއަދުގެ ހެނދުނުގެ ވަގުތެއްގައެވެ. ނިޔާވިއިރު އުމުރުފުޅަކީ 87 އަހަރެވެ. އޭނާގެ މައްޗަށް ކަށުނަމާދުކޮށްފައިވަނީ މިރޭ މަޣްރިބް ނަމާދަށްފަހުއެވެ.

އަލިމަނިކަކީ ރާއްޖޭގެ އަޑުގެ ރޭޑިއޯ ހިދުމަތް ތައާރަފުކުރުމުގައި އިސް ދައުރެއް އަދާކުރެއްވި ބޭފުޅެކެވެ.

އަލިމަނިކު އަވަހާރަވުމާ ގުޅިގެން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ކޮނޑޭ އަލިމަނިކަކީ ރާއްޖެއަށް ރޭޑިއޯގެ ހިދުމަތް ތައާރަފުކުރުމުގައި ވަރަށް އިސް ދައުރެއް އަދާކުރެއްވި ހިދުމަތްތެރިއެއް ކަމަށެވެ.

"މާތްلله މަރުހޫމްގެ ފުރާނައަށް ސުވަރުގޭގެ މަތިވެރި ނިއުމަތް މިންވަރު ކުރައްވައި، އާއިލާއަށް ކެތްތެރިކަން ދެއްވާށި،" ރައީސްގެ ޓުވީޓުގައިވެއެވެ.

އަލިމަނިކު އަޑުގެ ހިދުމަތާ ގުޅުނީ 1966 ވަނަ އަހަރުގައެވެ. އޭނާ ވަނީ އަޑަށް 40 އަހަރަށްވުރެ ގިނަދުވަސް ވަންދެއް ހިދުމަތް ކޮށްދެއްވައިފައެވެ. ދިވެހިރާއްޖޭގެ އަޑުގައި އޭނާ ވަނީ ވޯކްޝޮޕްގެ އެހީތެރިޔާގެ މަގާމާއި ޓެކްނީޝަނެއްގެ މަގާމާއި ސީނިއާ ޓެކްނީޝަންކަމާއި ޗީފް ޓެކްނީޝަންކަމުގެ އިތުރުން އިންޖިނިއާކަމުގެ މަގާމުވެސް އަދާކުރައްވައިފައެވެ.

އޭނާއަކީ ރާއްޖޭގައި ރޭޑިއޯގެ ހިދުމަތް ފޯރުކޮށްދިނުމަށް އެންމެ ފުރަތަމަ ތައްޔާރުކުރެވުނު ޓްރާންސްމީޓަރުތައް ރާއްޖޭގައި އުފެއްދުމުގައި އަމަލީގޮތުން އެންމެ އިސްކޮށް ހަރަކާތްތެރިވި އެއް ބޭފުޅާއެވެ. އަދި ރޭޑިއޯގެ އަޑު ދުރަށް ފޮނުވަން ބޭނުންކުރާ މިކްސަރާއި އެހެންވެސް ތަކެތި އަލިމަނިކު ވަނީ އަޑަށް އުފައްދަވައިފައެވެ.

ރާއްޖޭގެ އަޑަށް 50 އަހަރު ފުރުމުން ބޭއްވި ހަފުލާގައި އަލިމަނިކަށް ވަނީ ހިދުމަތުގެ ރަން ހަނދާނުގެ ޝަރަފުވެރިކަމުގެ އައްޑަނަ އަރުވައިފައެވެ.