ޚަބަރު

ވަރަށް އަވަހަށް ރާއްޖެއަށް އިތުރު ވެކްސިން ހަދިޔާކުރާނަން: ޝީ ޖިންޕިން

އަލީ އަފާފް ރަމީޒު

ރައީސް އިބްރާހީމް މުހައްމަދު ސޯލިހު، ޗައިނާގެ ރައީސް ޝީ ޖިންޕިން އަށް ފޯނުން ގުޅުއްވައި ކޮވިޑުގެ ހާލަތާއި ދެ ގައުމުގެ ޝައުގުވެރިކަން ހުރި ދާއިރާތަކުން މަޝްވަރާކުރައްވައިފިއެވެ.

ރައީސް އޮފީހުން ބުނީ މިއަދު މެންދުރު ރައީސް ސޯލިހު، ޗައިނާގެ ރައީސަށް ފޯނުން ގުޅުއްވައި ކޮވިޑުގެ ހާލަތުން އަރައިގަތުމަށް ޗައިނާއިން މުޅި ދުނިޔެއަށް ފޯރުކޮށްދެމުން އަންނަ އެހީތެރިކަން ފާހަގަކުރައްވާފައިވާ ކަމަށެވެ. އަދި ރައީސް ވަނީ ރާއްޖެއަށް މިދިޔަ މާރިޗު މަހު ޗައިނާއިން 200،000 ޑޯޒް ސިނޯފާމް ވެކްސިން ހަދިޔާ ކުރައްވާފައިވާތީ އެކަމަށްޓަކައި ޗައިނާގެ ރައީސްއަށާއި އެގައުމުގެ ސަރުކާރަށް ޝުކުރުއަދާކުރައްވައިފައެވެ.

ރައީސް ވިދާޅުވީ ޗައިނާ އާއި ރާއްޖެއާ ދެމެދު ސިޔާސީ ގުޅުން ގާއިމުކުރިތާ ކުރިއަށް އޮތް އަހަރު 50 އަހަރު ފުރޭ އިރު، މިހާތަނަށް ޗައިނާއަކީ ރާއްޖޭގެ ތަރައްގީގެ މުހިންމު ބައިވެރިއެއް ކަމަށެވެ. އެގޮތުން ޗައިނާ ސަރުކާރުގެ އެހީތެރިކަމާއެކު ރާއްޖޭގައި ކުރިއަށްގެންދާ އަދި ހިންގާފައިވާ ބައެއް މަޝްރޫއުތައް ފާހަގަކުރައްވައި، ރައީސް ވިދާޅުވީ ކުރިމަގުގައިވެސް ޗައިނާގެ އެހީތެރިކަން އެގޮތުގައި ލިބެމުންދާނެ ކަމަށް އުންމީދުކުރައްވާ ކަމަށެވެ.

މި ފޯނު ކޯލުގައި ޗައިނާގެ ރައީސް ވިދާޅުވީ ދެގައުމުގައި އޮތީ ގާތް ގުޅުމެއް ކަމަށާއި ދެގައުމުގެ ސިޔާސީ ގުޅުމަށް 50 އަހަރު ފުރުން ކުލަގަދަ ގޮތެއްގައި ފާހަގަކުރުމަށް ޝައުގުވެރިވާ ކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ ކައިރި މުސްތަގުބަލެއްގައި ޗައިނާއިން ރާއްޖެއަށް އިތުރު ވެކްސިން ހަދިޔާކުރުމަށް ނިންމަވާފައިވާ ކަމަށެވެ. އަދި ޗައިނާއިން ރާއްޖެއަށް އެހީވެވެން ހުރި ދާއިރާތަކުން އެހީތެރިކަން ފޯރުކޮށްދިނުމަށް ނިންމަވާފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

އެގޮތުން ޑެޕްޓް ސާވިސް ސަސްޕެންޝަން އިނީޝިއޭޓިވް (ޑީއެސްއެސްއައި) އަށް އެހީތެރިވެދިނުމަށް ނިންމަވާފައިވާ ކަމަށާއި މިކަމުގެ ސަބަބުން ރާއްޖެއަށް ކޮވިޑުގެ ހާލަތުން އަރައިގަތުމަށް އެހީއަކަށް ވެގެންދާނެ ކަމަށްވެސް ޗައިނާގެ ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ރާއްޖެއާއެކު ކުޅިވަރުގެ ދާއިރާއިން ތަމްރީނުވާ މީހުން އިތުރުކުރުމަށާއި ޗައިނާ ފަތުރުވެރިން ރާއްޖެއަށް ފޮނުވުން އިތުރުކުރުމަށް ޝައުގުވެރިވާ ކަމަށްވެސް ވިދާޅުވިއެވެ. އެމަނިކުފާނު ވަނީ އދ.ގެ އާންމު މަޖިލީހުގެ 76 ވަނަ ރައީސަކަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ހޮވިވަޑައިގަތުމުން، މަރުހަބާ ވިދާޅުވެފައެވެ.