ރެޕިޑް ޑައިގްނޮސްޓިކް ޓެސްޓު (އާރުޑީޓީ) ކިޓުގެ 100،000 ކިޓު ޔުނައިޓެޑް ސްޓޭޓްސް އޭޖެންސީ ފޯ އިންޓަނޭޝަނަލް ޑިވެލޮޕްމެންޓް (ޔޫއެސްއެއިޑް) ގެ ފަރާތުން ރާއްޖެއަށް ހަދިޔާކޮށްފިއެވެ.

އެ ކިޓުތައް އިއްޔެ ރާއްޖޭގެ ހެލްތު މިނިސްޓްރީއަށް ފޯރުކޮށްދީފައިވަނީ ޔޫއެސްއެއިޑް މެދުވެރިކޮށެވެ.

ރެޕިޑް ޓެސްޓް ކިޓުތަކުން ކޮވިޑުގެ ނަތީޖާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ލިބިގެންދާނެއެވެ. ރާއްޖެއަށް ހަދިޔާކުރި ކިޓުތަކުގެ ސަބަބުން ކޮވިޑް ކޮންޓްރޯލް ކުރަން އެހީއަކަށްވެގެންދާނެ ކަމަށް ޔޫއެސްއެއިޑްގެ ފަރާތުން ރާއްޖެއަށާއި ސްރީލަންކާއަށް ކަނޑައަޅާފައި ހުންނަ މިޝަން ޑިރެކްޓަރު ރީޑް އެއިޝްލިމަން ވަނީ ވިދާޅުވެފައެވެ.

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވީ، އެ ކިޓުތައް ރާއްޖެއަށް ފޯރުކޮށްދީފައިވަނީ ނުހަނު ބޭނުންތެރި ވަގުތެއްގައި ކަމަށާއި އެ ކިޓުތަކުގެ ސަބަބުން ކޮވިޑް ކޮންޓްރޯލު ކުރުމުގެ މަސައްކަތަށް އިތުރު ކުރިއެރުމެއް ލިބިގެންދާނެ ކަމަށެވެ.

އެމެރިކާއިން އަންނަނީ ކޮވިޑުގެ ބަލިމަޑުކަމާ ދެކޮޅަށް ރާއްޖެއިން ކުރަމުން އަންނަ މަސައްކަތަށް އެތައް އެހީތެރިކަމެއް ފޯރުކޮށްދެމުންނެވެ. އެގޮތުން މިދިޔަ މަހުގެ ތެރޭގައިވެސް އެމެރިކާއިން 184،000 ޕީޕީއީ ވަސީލަތް ފޯރުކޮށްދިނެވެ. އޭގެތެރޭގައި އަންގިޔާއި އެން 95 މާސްކާއި ޕްރޮޓެކްޓިވް ގޮގަލްސް ހިމެނެއެވެ. އަދި 600 އޮކްސިމީޓަރާއި އެއަށް ބޭނުންވާ 1،200 ބެޓެރީ ވެސް ވަނީ ފޯރުކޮށްދީފައެވެ.