އަލްހާ އީދު ދުވަހުގެ ހަވީރު 4:00 އިން ރޭގަނޑު 8:00 އަށް މާލޭ ސަރަހައްދުގައި ފައިމަގުގައި އުޅޭ ގޮތަށް މާލޭ ސިޓީ ކައުންސިލުން ހަމަޖައްސައިފިއެވެ.
މާލޭ ސިޓީ ކައުންސިލުން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ، އީދު ދުވަހު ރައްޔިތުންނަށް ހިތް ފަސޭހަކޮށް އުޅެވޭނެ މަގުފަހިކޮށްދިނުމަށް މާލޭ ސަރަހައްދު (މާލެ، ހުޅުމާލެ އަދ ވިލިމާލޭ) ގެ ހުރިހާ މަގެއްގައި ހަވީރު 4:00 އިން ރޭގަނޑު 8:00 އަށް ފައިމަގުގައި އުޅޭ ގޮތަށް ހަމަޖައްސާފައިވާ ކަމަށެވެ.
"މި ނިންމުން އަޅުގަނޑުމެން ނިންމީ، އީދު ދުވަހުގެ އުފާ ރައްޔިތުންނަށް ފުރިހަމައަށް ހޯދައިދިނުމަށް،" މުއިއްޒު ވިދާޅުވިއެވެ.
މުއިއްޒު އިތުރަށް ވިދާޅުވީ، ސިޓީ ކައުންސިލްގެ އެ ނިންމުމާ ގުޅޭގޮތުން ޓްރެފިކް ޕޮލިހާވެސް މަޝްވަރާކުރުމުގެ ކަންކަން ކުރަމުން އަންނަ ކަމަށެވެ.
އާންމު ގޮތެއްގައި ކޮންމެ އީދަކާ ދިމާކޮށްވެސް މާލޭ ސަރަހައްދުގައި ވަކި ވަގުތުތަކެއްގައި ފައިމަގުގައި އުޅޭ ގޮތަށް ހަމަޖައްސައެވެ.
މިއަހަރުގެ އަލްހާ އީދު ދުވަހަކީ އަންނަ އަންގާރަ ދުވަހެވެ.
ޚަބަރު
ޚަބަރު
ޚަބަރު