މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އަށް 1.4 މިލިޔަން ރުފިޔާ ދައްކަން، އައިޑިއަލް ބޯޓް ބިލްޑިން ޕްރައިވެޓް ލިމިޓެޑާއި ރ. އިންނަމާދޫ ރާސްތާ، ހުސެއިން މާހިރަށް އަންގައި ސިވިލްކޯޓުން ހުކުމް ކުރީ ރަނގަޅަށް ކަމަށް ހައިކޯޓުން ހުކުމް ކޮށްފިއެވެ.
މި މައްސަަލައަކީ، ހުސެއިން މާހިރު ޔަގީންކަން ދީގެން އިންސްޓޯލްމަންޓް އުސޫލުން އެމްޓީސީސީ އަށް އަގު ދައްކާ ގޮތަށް 405 ހޯސްޕަވަރުގެ ޔަންމާ ދެ އީންޖީނާއި ބައެއް ސްޕެއާޕާޓްސް 2015 ވަނަ އަހަރުގެ މާޗު މަހުގެ ކުރީކޮޅު ލިޔުމުން ވެފައިވާ އެއްބަސްވުމެއްގެ ދަށުން އައިޑިއަލް ބޯޓް ބިލްޑިން އިން ގަނެ އެއްބަސްވުމާ އެއްގޮތަށް ފައިސާ ނުދެއްކުމުގެ ސަބަބުން ހުށަހަޅާފައިވާ މައްސަލައެވެ.
އެތަކެއްޗަށް ފައިސާ ދެއްކުމަށް، ތަކެތި ގަތް ފަރާތުން އެމްޓީސީއަށް ޑޭޓެޑް ޗެކްތަކެއް ދިން ނަމަވެސް ބައެއް ޗެކްތައް ވަނީ ބައުންސް ވެފައެވެ.
އެކަމުގެ ސަބަބުން ޗެކުތަކުން ލިބެން ޖެހޭ ފައިސާ އާއި، ފައިސާ ނުދެއްކުމުގެ ސަބަބުން އަރާފައިވާ ޖޫރިމަނާ ފައިސާ ހޯދުމަށް އެމްޓީސީސީން އައިޑިއަލް ބޯޓް ބިލްޑިން ޕްރައިވެޓް ލިމިޓެޑާއި ހުސެއިން މާހިރުގެ މައްޗަށް ސިވިލް ކޯޓުގައި ދައުވާކޮށްފައި ވެއެވެ.
މި މައްސަަލަ ބެލުމަށްފަހު 2017 ވަނަ އަހަރު ސިވިލް ކޯޓުން ކުރި ހުކުމްގައި ވަނީ ބައުންސް ވި ޗެކްތަކުގެ ތެރެއިން ސްޓޭޓް ބޭންކް އޮފް އިންޑިއާގެ ހަތަރު ޗެކަށް ލިބެން ޖެހޭ ފައިސާ އާއި، އެ ފައިސާ ނުލިބުމުގެ ސަބަބުން ޖޫރިމަނާގެ ގޮތުގައި އަރާފައިވާ ފައިސާއާއެކު ޖުމުލަ 1.41 މިލިޔަން ރުފިޔާ އެ އަހަރުގެ އޯގަސްޓް 24 އިންފެށިގެން 30 ދުވަހުގެ ތެރޭގައި ސިވިލްކޯޓަށް ދައްކައި ހަލާސް ކުރުމަށް އައިޑިއަލް ބޯޓް ބިލްޑިން ޕްރައިވެޓް ލިމިޓެޑާއި ހުސެއިން މާހިރަށް އަންގައި، އަދި ބޭންކު އޮފް މޯލްޑިވްސްގެ ޗެކަށް ވާ 18،743 ރުފިޔާ، ހަމަ އެދުވަހުން ފެށިގެން 10 ދުހުގެ ތެރޭގައި ސިވިލްކޯޓަށް ދައްކައި ހަލާސް ކުރުމަށް ހުކުމް ކުރާ ކަމަށެވެ.
މައްސަަލައިގައި ސިވިލް ކޯޓުން ކުރި ހުކުމާމެދު ހިތްހަމަ ނުޖެހިގެން، އެ ހުކުމް ބާތިލު ކޮށްދިނުމަށް އެދި އައިޑިއަލް ބޯޓް ބިލްޑިން ޕްރައިވެޓް ލިމިޓެޑާއި ހުސެއިން މާހިރުގެ ފަރާތުން އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރިއެވެ.
ހައި ކޯޓުން މައްސަލަ ބަލައި އިއްޔެ ކުރި ހުކުމްގައި ވަނީ، މި މައްސަލައިގައި ހުށަހަޅާފައިވާ ނުކުތާތަކުގެ މައްޗަށް ރިއާޔަތް ކުރާއިރު އެ މައްސަލައިގައި ސިވިލް ކޯޓުން ކުރި ހުކުމް ބާތިލު ކުރަން ޖެހޭ ފަދަ ޝައުރީ ނުވަތަ ގާނޫނީ ސަބަބެއް ނެތްކަމަށް، މި މައްސަލަ ބެއްލެވި ހައިކޯޓުގެ ފަނޑިޔާރުގެ މަޖިލީހުގެ އިއްތިފާގުން ކަނޑައަޅައި ހުކުމް ކުރާ ކަމަށެވެ.
އެމްޓީސީސީ
އެމްޓީސީސީ
އެމްޓީސީސީ
އެމްޓީސީސީ