ވިލިމާލެ ދާއިރާގެ ކައުންސިލަރު ނަހުލާ އަލީގެ އެންގެވުމަށް މާލޭ ސިޓީގެ ކައުންސިލަރުން ތަކަކަށް ބިރުދެއްކި ކަމަށް ބުނާ މައްސަލައެއް ލޯކަލް ގަވާމެންޓް އޮތޯރިޓީ (އެލްޖީއޭ) އަށް ހުށަހެޅުމަށް މާލޭ ސިޓީ ކައުންސިލުން ފާސްކޮށްފިއެވެ.

މާލޭ ސިޓީ ކައުންސިލުން އެގޮތަށް ފާސްކޮށްފައި ވަނީ މިދިޔަ ހަފުތާގައި ބޭއްވި އެ ކައުންސިލްގެ ހަތަރު ވަނަ ދައުރުގެ 10 ވަނަ ރަސްމީ އާންމު ޖަލްސާގައެވެ. އެ މައްސަލަ ހުށަހެޅުއްވީ ގަލޮޅު އުތުރު ދާއިރާގެ ކައުންސިލަރު މުހައްމަދު ސައިފް ފާތިހެވެ.

ރަސްމީ ހައިސިއްޔަތުން މަގާމުގެ މަސްއޫލިއްޔަތުގެ ގޮތުން އެ ދާއިރާގެ ތެރެއިން ހަވާލުވާ ކަންކަން ކުރުމަށް ވިލިމާލެއަށް ކައުންސިލަރުން ވަޑައިގަތުމުން ނަހުލާ ވިދާޅުވެގެން ކަމަށް ބުނެ ވިލިމާލެ އިން ކައުންސިލަރުން ތަކަކަށް ބިރުދައްކައި، މަސްއޫލިއްޔަތު އަދާކުރުމަށް ހުރަސްއަޅާފައިވާ ކަމަށް ސައިފް ހުށަހެޅުއްވި މައްސަލައިގައިވެ އެވެ.

އެ ހުށަހެޅުން ފާސްވީ ޖަލްސާގައި ހާޒިރުވެ ތިއްބެވި ކައުންސިލަރުންގެ އަޣުލަބިއްޔަތުންނެވެ.

ކައުންސިލަރު ނަހުލާ ފޭސްބުކުގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައި ވަނީ ވިލިމާލެ އިން ހިތްހަމަނުޖެހުން އައިސްގެން އުޅެނީ ވިލިމާލޭގައި އިންތިހާބީ ކައުންސިލަރެއް ހުއްޓައި، އެމްޑީޕީގެ ކައުންސިލަރުން ވެސް ހިމެނޭ ގޮތަށް އެހެން ދާއިރާތަކެއްގެ ކައުންސިލަރުން ވިލިމާލެ ދާއިރާގެ ކަންކަން ކުރުމަށް ލާފަ ތިބި ތިބުމަށް ކަމަށެވެ.

"އެލްޖީއޭއަށް ދާނީ ރައްޔިތުން،" ސައިފް ހުށަހެޅުއްވި މައްސަލައަށް އިޝާރާތް ކުރައްވައި ނަހުލާ ފޭސްބުކުގައި ލިޔެފައިވެ އެވެ.