ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އެހީތެރިވުމުގެ ގޮތުން ސަރުކާރުން އުފެއްދި އެސްއެމްއީ ޑިވެލޮޕްމަންޓް އެންޑް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) ފަޅާލައި ވައްކަން ކޮށްފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ، އެސްޑީއެފްސީ އޮފީސް ފަޅާލައި ވައްކަން ކޮށްފައިވާ މައްސަލަ އެ އިދާރާއަށް ރިޕޯޓްކޮށްފައިވަނީ މިއަދު ހެނދުނު 8:56ގައި ކަމަށާއި ސީންގައި ފުލުހުން މިހާރު ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.

އެކަމާއި ގުޅިގެން އެސްޑީއެފްސީގެ މެނޭޖިން ޑިރެކްޓަރު ޒީނާދު އަހުމަދަށް ގުޅުމުން ފޯނަށް ޖަވާބު ނުދެއްވާތީ ވަނީ އިތުރު ތަފްސީލު ލިބޭގޮތް ނުވެފަ އެވެ. އެސްޑީއެފްސީ ފަޅާލައި ވައްކަން ކުރި ނަމަވެސް އަދި އެތަނުން ގެންގޮސްފައިވަނީ ކިހާ އަދަދެއްގެ ފައިސާއެއް ކަމެއް އަދި ލިޔެކިޔުންތަކެއް ކަމެއް ވެސް ސާފެއް ނުވެ އެވެ.

ކޮވިޑް-19 ގެ ހާލަތުގައި ރައްޔިތުންނަށް ކުރިމަތިވެފައިވާ ދަތިތަކަށް ލުޔެއް ހޯދައިދިނުމަށް އެސްޑީއެފްސީން ވަނީ މެދު ނުކެނޑި މަސައްކަތް ކޮށްފަ އެވެ. އެގޮތުން "ކޮވިޑް-19 ވިޔަފާރި އެހީލޯނު" ގެ ދަށުން ޖުމުލަ 2205 ފަރާތަކަށް 381,086,730 ރުފިޔާގެ ލޯނު ދޫކޮށްފައިވާ ކަމަށް އެ ކުންފުނިން ވަނީ ބުނެފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ ވިޔަފާރިތަކަށް ދޫކުރި 1520 ލޯނު އަދި އަމިއްލަ މަސައްކަތްކުރާ ވިޔަފާރިތަކަށް ދޫކުރި 685 ލޯނެވެ.