އެހީގެ ގޮތުގައި ޖަޕާނުން ކޮވިޑް-19 އިން ރައްކާތެރިވުމަށް ޖަހާ ވެކްސިންގެ 11 މިލިއަން ޑޯޒް ހަދިޔާ ކުރުމަށް ނިންމާފައިވާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނޭ ކަމަށް ފޮރިން މިނިސްޓްރީން ބުނެފި އެވެ.
ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ކޮވެކްސްގެ ދަށުން ޖަޕާން ސަރުކާރުން 10 ގައުމަކަށް 11 މިލިއަން ކޮވިޑް ވެކްސިން ދިނުމަށް ނިންމާފައިވާ ކަމަށާއި އޭގެ ތެރޭގައި ރާއްޖެ ހިމެނިފައިވާތީ ޝުކުރު ދަންނަވާ ކަމަށެވެ.
އެހެން ނަމަވެސް އެ ވެކްސިން ރާއްޖެއަށް ލިބޭނެ ދުވަހެއް ފޮރިން މިނިސްޓަރު ވެސް އަދި ސަރުކާރުން ވެސް ހާމަކޮށްފައެއް ނުވެއެވެ.
އެހެން ގައުމަތަކެކޭ އެއްގޮތަށް ރާއްޖެއިން ވެސް ކޮވިޑް-19އާ ދެކޮޅަށް ކުރަމުން އަންނަ ހަނގުރާމައިގައި ގިނަ އަދަދެއްގެ ރައްޔިތުންނަށް ވެކްސިން ޖަހައި ދެވެން ހުރި ލުއިތައް ދެމުން އަންނައިރު، މި ފަހުން ރާއްޖޭގައި ވަނީ ވެކްސިންގެ ސްޓޮކް މަދުވެ އެ ޕްރޮގްރާމް މެދުކަނޑާލަން ޖެހިފަ އެވެ.
ނަމަވެސް އަލުން އަނެއްކާ ވެސް ވެކްސިން ޕްރޮގްރާމް އާންމުކޮށް ހުޅުވާލައިގެން ފަށާފައިވާއިރު، ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި މީހުންގެ އަދަދު ހުރީ 318،756ގަ އެވެ. އަދި ދެވަނަ ޑޯޒް ފުރިހަމަކޮށްފައިވަނީ، 235،615 އެވެ. ވެކްސިންގެ ދެ ވަނަ ޑޯޒް ފުރިހަމަކޮށް 14 ދުވަސް ވެފައިވާ ފަރާތްތަކަށް ކަރަންޓީނަކާ ނުލައި ރާއްޖޭގެ އެއް ރަށުން އަނެއް ރަށަށް ދަތުރުކުރުމުގެ ފުރުސަތު މިހާރު ވަނީ ސަރުކާރުން ދީފަ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު