ލ. ފޮނަދޫ މަގުހެދުމުގެ މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތުގެ ދަށުން ދުއްވާ ސަރަހައްދު ގާއިމު ކުރުމުގެ މަސައްކަތް ނިންމާލައިފި އެވެ.

ފޮނަދޫ މަގު ހެދުމުގެ މަސައްކަތް ކުރިއަށްދާ ގޮތް ހިއްސާ ކުރަމުން އެ މަސައްކަތުގެ ކޮންޓްރެކްޓަރު، އެމްޓީސީސީން ބުނީ އެ މަޝްރޫއުގެ މަސައްކަތުގެ 88 ޕަސެންޓް ނިމިފައިވާ ކަމަށެވެ. އަދި ދުއްވާ ސަރަހައްދު ގާއިމުކުރުމުގެ މަސައްކަތް އެއްކޮށް ނިމިފައިވާ ކަމަށެވެ.

މި މަޝްރޫއުގެ ދަށުން 27،848 އަކަ މީޓަރުގެ ސަރަހައްދެއްގައި ތާރުއެޅުމާއި، ފެން ހިންދާ ނިޒާމެއް ގާއިމުކުރުމާއި، ސްޕީޑް ބްރޭކަރު ހަރުކުރުމާއި، 10،205 މީޓަރުގެ ސަރަހައްދެއްގައި މަގުމަތީ ނިޝާން ހަރުކުރުމުގެ މަސައްކަތް ހިމެނޭ ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.

މި މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 25.5 މިލިއަން ރުފިޔާއަށެވެ.