ކުޅިވަރު

އިނގިރޭސި ސަޕޯޓަރުންގެ "މުޑުދާރު" ފަޅި، ނަސްލީ ތަފާތުކުރުމާއި އިހުތިރާމު ކުޑަ އެތައް ކަމެއް!

1

ޔޫރޯ 2020 ނިމި އިޓަލީން އަންނަނީ ތަށްޓާއެކު މަގުތަކުގައި އުފާފާޅުކުރަމުންނެވެ. ފައިނަލުގައި ބަލިވި އިންގްލެންޑަށް މިއީ ކާމިޔާބު މުބާރާތެއް ނަމަވެސް އެޓީމުގެ ސަޕޯޓަރުން ހަމައެކަނި ބޭނުންވީ ތަށިކަން އެނގިއްޖެއެވެ. މިއީ 55 އަހަރު ފަހުން އެގައުމުގެ ފުޓުބޯޅަ ޓީމުން ކުޅުނު ފުރަތަމަ ފައިނަލް ނަމަވެސް، އެތައް ސަޕޯޓަރުންނަށް ތަށި ނޫން އެހެން އެއްޗެއް ހަޖަމު ނުވިތަން ފެނިގެން ހިނގައްޖެއެވެ. ވާނީވެސް އެހެންތާއެވެ. 1966 ވަނަ އަހަރަށްފަހު ފުޓުބޯޅައިން ކާމިޔާބީއެއް ނުލިބި އޮތް އޮތުން ވޭނަކަށް ވެއްޖެއެވެ. ހިތްދަތި ކަމުގެ އުދާސްތައް ކޮޅުން ލައިފިއެވެ. "އިޓްސް ކަމިން ހޯމް"ގެ ޝިޔާރުގައި މިފަހަރު ފައިނަލް ގެއްލުނީ އަމިއްލަ ދަނޑުގައި ކަމަށް ވުމުން ހިތްދަތިކަން އިތުރަށް ބޮޑުވިއެވެ. އެހެން ނަމަވެސް ފުޓުބޯޅައިގައި އޮންނަ "ރީތިކަން" ގެއްލުވައިލުމަކީ އެއްވެސް ބަޔަކު އެދޭނެ ކަމެއް ނޫނެވެ.

އިންގްލެންޑް ޒުވާން ސްކޮޑަކާއެކު ވަރުގަދަކޮށް މުބާރާތަށް ދިޔަ ނަމަވެސް ގްރޫޕް ސްޓޭޖަށްފަހުވެސް ކޯޗު ގެރެތު ސައުތުގޭޓަށް އެގައުމުގެ މީޑިއާތަކުން އުނދަގޫތައް ކުރިމަތި ކުރުވިއެވެ. އެއީ ހައިރާން ވާން ޖެހޭނެ ކަމެއްވެސް ނޫނެވެ. އެއީ އިނގިރޭސި މީޑިއާތަކުން ޓީމަށް ހިތްވަރު ދޭ ގޮތެވެ. ނޮކްއައުޓްގައި ޖަރުމަނު ބަލިކޮށް، ޔޫކްރެއިންވެސް ބަލިކޮށް، އިންގްލެންޑް ސެމީއާ ހަމައަށް ދިއުމުން ގައުމަށް އުންމީދު އާވިއެވެ. ސެމީގައި ޑެންމާކާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވީ "ރެފްރީ ދިން ހަދިޔާ" އަކުން ކަމަށް އެތައް ބަޔަކު ބުނެއެވެ. ކޮންމެއަކަސް ފައިނަލާ ހަމައަށް ދިޔައިރުވެސް އިންގްލެންޑުގެ ސަޕޯޓަރުންގެ "ވިޔާނުދާ" ބައެއް ކަންކަމުން ދުނިޔޭގެ ލޯބި އޮތީ އެގައުމަށް ގެއްލިފައެވެ. އިހުތިރާމު ކުޑަކުރުމުގެ އެތައް މަންޒަރެއްގެ ސަބަބުން އިންގްލެންޑަށް "ބަދު ދުއާ" ކުރި ގިނަ ބަޔަކު ތިއްބެވެ. އެ ސަޕޯޓަރުން ގައުމީ ޓީމަށްވެސް އިހުތިރާމު ނުކުރާކަން ފެނިގެން ދިޔައީ ފައިނަލް މެޗުންނެވެ. މެޗުގެ ކުރީންނާއި ފަހުންވެސް އިންގްލެންޑުންގެ އެއްކަލަ ވިޔާނުދާ ސަޕޯޓަރުންގެ ނާތަހުޒީބުކަން ފެނިގެން ދިޔައެވެ.

ޖަރުމަނު ކުޑަކުއްޖަކަށް ފުރައްސާރަ، ޑެންމާކު ގައުމީ ސަލާމަށް "ބޫ" ކުރުން

އިންގްލެންޑުން ގަދަ 16 ގައި ޖަރުމަނު ބަލިކުރީ ތާރީހީ ބައްޔަކުންނެވެ. އެއީ އިންގްލެންޑުގެ ކޮންމެ ސަޕޯޓަރަކުވެސް ފަހުރުވެރިވާނެ ހިތްވަރު އާވި މެޗެކެވެ. އިންގްލެންޑުން އެތައް ޒަމާނަކަށްފަހު ނޮކްއައުޓް މެޗެއްގައި ޖަރުމަނު ބަލިކުރުން ވީ ސަޕޯޓަރުން ހެއްވާލި ކަމަކަށެވެ. އެ ހިނިތުންވުމާއެކު ސަޕޯޓަރުންގެ އުފާފާޅުކުރުންވެސް ހައްދުން ނެއްޓިއެވެ. މެޗުން ޖަރުމަނު ބަލިވުމާއެކު ރޯން ހުރި ކުޑަކުއްޖަކީ "މީމް"އަކަށް ހަދައި، ސޯޝަލް މީޑިއާގައި އެ ކުއްޖާއަށް އަވަގުރާނަ ގޮވައި ފުރައްސާވެސް ކުރިއެވެ. ކުޅިވަރުގެ ރޫހުން ބޭރު އަމަލެކެވެ. އެފަދަ އަމަލުތަކަށް ލަދުގަނެ، އިންގްލެންޑުގެ ބައެއް ސަޕޯޓަރުން ވަނީ އެކުއްޖާއަށް ފަންޑެއް ހުޅުވައި، ފައިސާވެސް އެއްކޮށް ދީފައެވެ. އެއީ ގަދަ 16ގެ މެޗުގައި ދިމާވި ކަންތަކެވެ.

ދެން އޮތީ ސެމީ ފައިނަލްގެ ވާހަކައެވެ. ޑެންމާކަކީ އެތައް ބަޔަކު މުބާރާތުގައި ލޯބިދީ އިހުތިރާމު ކުރި ޓީމެއް ނަމަވެސް، މެޗު ފަށަންދެންވެސް އިންގްލެންޑަށް ޑެންމާކަށް އިހުތިރާމު ކުރެވިފައެއް ނުވެއެވެ. ގައުމީ ސަލާމަށް "ބޫ"ކޮށް އިހުތިރާމު ކުޑަކުރިއެވެ. މެޗުގެ ތެރެއިން އިންގްލެންޑުގެ ބައެއް ސަޕޯޓަރުން ސްޓޭޑިއަމް އެތެރޭގައި ބަޑި ބޭހުގެ ބޭނުން ކުރި ކަމަށްވެސް ޔޫއެފާއިން ފާހަގަކޮށްފައިވާ އިރު، އިންގްލެންޑް ސަޕޯޓަރަކު ޑެންމާކު ގޯލްކީޕަރު މޫނަށް ލޭޒަރެއް އެޅުވި މައްސަލައެއް ބަލައި، ޔޫއެފާއިން ވަނީ ފިޔަވަޅު ވެސް އަޅާފައެވެ. އަނގަބަހުން ކުރާ ފުރައްސާރައިގެ އިތުރުން އިންގްލެންޑުގެ ބައެއް ސަޕޯޓަރުން އަމަލީ ގޮތުންވެސް ނާތަހުޒީބު އަމަލުތަކަށް މިސްރާބު ޖެހިއެވެ.

ފައިނަލް މެޗު: ނުފަށަނީވެސް ވެމްބްލީއަށް ވަދެގަތުން، ނިމުމުން ކުޅުންތެރިންނަށް ނަސްލީ ފުރައްސާރަ

ނިމިގެން ދިޔައީ އިންގްލެންޑުގެ ފުޓުބޯޅަ ތާރީހުގައިވެސް އެންމެ ބޮޑު އެއް މެޗެވެ. އަމިއްލަ ދަނޑުގައި އެޓީމުން ޔޫރޯ 2020 ގެ ފައިނަލަށް ނުކުތުންވީ ބައެއް ސަޕޯޓަރުންނަށް ގަބޫލުކުރަންވެސް ދަތި ކަމަކަށެވެ. އަދި ތަށި ގާތްގަނޑަކަށް ޔަގީން ކުރި ސަޕޯޓަރުންވެސް ގިނައެވެ. އެ ޔަގީންކަމާއެކު "އިޓްސް ކަމިން ހޯމް" ޝިޔާރު ވަރަށް ބޮޑަށް އަޑުގަދަވެ، އިންގްލެންޑަކީ ޔޫރޯގެ ޗެމްޕިއަނުން ކަމަށް ބުނާ ޓެޓޫތައްވެސް ބައެއް ސަޕޯޓަރުން ޖަހާފައިވެއެވެ. އަދި އެދުވަހުގެ މެޗަށް ދިޔަ އިޓަލީ ސަޕޯޓަރުންނަށްވެސް އަދަބެއް ސަދަބެއް ނެތި ހަނގާ ކޮށްފައިވެއެވެ. މަގުމަތީން ފެނި އުނދަގޫތަކާ ކުރިމަތިކުރުވުމުގެ އިތުރުން މެޗަށް ވަދެ އިށީންނަން ހުރި ސީޓުވެސް ޓިކެޓެއް، ޕީސީއާރް ނެގެޓިވް ޓެސްޓެއް ނެތި ދަނޑަށް ވަން ބައެއް ސަޕޯޓަރުން ހިސޯރު ކޮށްފައިވެއެވެ.

މެޗުގެ ކުރިން އެތައް ސަޕޯޓަރުންނެއް ވެމްބްލީއަށް ގަދަކަމުން ވަންކަން އިނގިރޭސި އެފްއޭއިން ވަނީ ޔަގީން ކޮށްދީފައެވެ. އަދި ސެކިއުރިޓީ ބްރީޗް ހައްލުކޮށް ފަހުން އެމީހުން ބޭރުކުރި ކަމަށް ފައިނަލް މެޗުގެ ކުރީން ބުނެފައިވެއެވެ. މަންޒަރުތަކުން ފެނުނު ގޮތުގައި އިންގްލެންޑުގެ އެތައް ސަޕޯޓަރުންނެއް ވަނީ ގާޑުންނަށް ބިރު ދައްކައި، ޓިކެޓް ނެތި ދަނޑަށް ވަދެފައެވެ. އެމީހުންގެ އަމަލުތައް ފެނުނީ ވަރަށް ދަށް ފެންވަރުގެ އަމަލުތަކެއްގެ ގޮތުގައެވެ.

"އަހަންނަށް މިއީ ގަޑިއިރަކު 9.5 ޕައުންޑް ލިބޭ މީހެއް. އައިސް ވަޅި ދިއްކޮށްފައި ދަނޑަށް ވައްދާށޭ ބުނުމުން ދަނޑަށް ވައްދަން ގޭޓު ހުޅުވިން. އެއީ ފުރާނަ ދުއްވާލަން ބޭނުން ނުވާތީ. ވަރަށް ބާރަށް އައިސް ދިމާކުރި. ބައެއް ސެކިއުރިޓީ ގާޑުންނަށް ޖިންސީ ފުރައްސާރަވެސް ކޮށްފައިވޭ. އެއީ ނާތަހުޒީބު ސަޕޯޓަރުން،" ދަނޑުގައި ސެކިއުރިޓީ ބަލަހައްޓަން ހުރި ފަރާތަކުން ޓެލެގްރާފަށް ބުނެފައިވެއެވެ.

އެފްއޭގެ ޗީފް އެގްޒެކެޓިވް މާކް ބުލިންހަމް ބުނެފައި ވަނީ "ސަޕޯޓަރުންގެ ނަމުގައި" ގަދަކަމުން ވެމްބްލީއަށް ވަންނަން މަސައްކަތް ކުރި ފަދަ ނުރައްކާތެރި ބަޔަކާ މިހާތަނަށް އޭނާގެ ސެކިއުރިޓީ ޓީމާ ދިމާވެފައި ނުވާ ކަމަށާއި، އެކަމުގެ ސަބަބުން ދިމާވި ދަތިތަކަށް މައާފަށް އެދޭ ކަމަށެވެ. އޭނާ އިތުރަށް ފާހަގަ ކޮށްފައިވަނީ މަސްތުގެ ހާލަތުގައި ތިބި އެތައް ބަޔަކުވެސް އެ ސަރަހައްދުން ފުލުހުންގެ އެހީގައި ހައްޔަރު ކޮށްފައިވާ ކަމަށާއި، އެއީ ޔަގީންކަމާއެކު ސަޕޯޓަރުންކަން ބުނަން ނޭނގޭ ކަމަށެވެ.

ދަނޑަށް ވަން އިޓަލީ ސަޕޯޓަރުންނަށް ޖާގަ ގެއްލުމުގެ ވާހަކަތަކެއްވެސް އިންތިހާއަށް ބޮޑުވިއެވެ. ވެމްބްލީ ތެރެއަށް ޓިކެޓް ނެތް ސަޕޯޓަރުން ވަދެފައިވާ ކަމަށް އިންގްލެންޑްގެ އެފްއޭއިން ދޮގު ކުރި ނަމަވެސް އެކަން ހިނގިކަން ބައެއް ސަޕޯޓަރުންގެ ވާހަކަތަކުން ޔަގީންވެފައިވެ އެވެ. ބީބީސީއަށް ވާހަކަ ދައްކަމުން އިޓަލީ ސަޕޯޓަރެއް ކަމަށްވާ ރޮބާޓާ ކުޕަރީ އާއި އޭނާގެ ރަހުމަތްތެރިޔަކު ބުނެފައި ވަނީ މެޗު ބަލަން ޖެހުނީ ކަނަކަށް ވަދެ ތިބެ ކަމަށާއި، ގޮނޑީގައި އިށީންނަން ފުރުސަތު ނުލިބުނީ ޓިކެޓް ނެތް، ނެގެޓިވް ޓެސްޓެއް ނެތް ސަޕޯޓަރުން ގޮނޑިތައް ފުރާލުމުން ކަމަށެވެ.

"އެއީ އަހަރެންގެ ހަޔާތުގައިވެސް ފެނުނު އެންމެ ނާތަހުޒީބު އަމަލުތައް. އެތައް ބަޔަކު އެތަނަށް ކުޑަކަމުގޮސް، މަސްތުވާތަކެތި ބޭނުންކުރިތަންވެސް ފެނުނު. އެހީއަށް އެދުނު ނަމަވެސް ގާޑުންގެ ފަރާތުން އެކަން ބަލައިފައެއް ނުވޭ. ނަސީބެއް އަހަންނަށް ދަރިފުޅު ނުލައި ދެވުނުކަން. އެރޭ ސްޓޭޑިއަމްއަކީ އެއްވެސް ވަރަކަށް ރައްކާތެރިތަނެއް ނޫން،" ކުޕަރީ ބުނެފައިވެއެވެ.

ކުޅުންތެރިންނަށް ނަސްލީ ތަފާތުކުރުންތަކެއް: ކެޕްޓަން ކޭން ރަތަށް

އިންގްލެންޑުން ޕެނަލްޓީގައި ބަލިވީ ބުކަޔޯ ސަކާ އާއި، މާކަސް ރަޝްފޯޑު އަދި ޖޯޑަން ސާންޗޯ ޖެހި ޕެނަލްޓީތަކުންނެވެ. ޒުވާން ހުނަރުވެރި ކުޅުންތެރިންގެ ލިސްޓެކެވެ. އެއީ އިންގްލެންޑުގެ ކުރިމަގުކަންވެސް ޔަގީނެވެ. އަހަރުތަކަކަށްފަހު އެޓީމު ފައިނަލަށް ގެންދިޔަ ޓީމުގައި އެ ޒުވާން ކުޅުންތެރިން ދެއްކީ ތަފާތު ހިތްވަރެކެވެ. އެހެންނަމަވެސް ބައެއް ސަޕޯޓަރުންނަށް އެ ޕެނަލްޓީތައް "ހަޖަމެއް" ނުވިއެވެ. ސަކާ ފަދަ ކުޅުންތެރިންގެ ނަސްލާއި، އަސްލަށް ބަލައި، ޒާތީ ދިރިއުޅުމަށް ފުރައްސާރަ ކޮށްފިއެވެ. މެންޗެސްޓާ ޔުނައިޓެޑްގެ ބޭރުގައި ކުރެހިފައިވާ ރަޝްފޯޑުގެ މޫރަލްގައި ކުރަހައި ފުރައްސާރަ ކޮށްފިއެވެ.

އެ މައްސަލަތައް ހޫނުވެ، އެފްއޭއިން ވަނީ ބަޔާން ނެރެފައެވެ. އަދި ގިނަ ކުޅުންތެރިންތަކެއް ވަނީ އެ ކުޅުންތެރިންގެ ދިފާއުގައި ނުކުމެފައެވެ. ހާއްސަކޮށް ޔުނައިޓެގައި ތިބި ރަޝްފޯޑަށް ލޯބިކުރާ ސަޕޯޓަރުން ވަނީ ކުރަހާފައިވާ ކުރެހުމުގެ މަތީގައި އަޅާފައިވާ ފޮތިގަނޑުގައި ރަޝްފޯޑަށް ހިތްވަރުދީ މެސެޖުތައް ލިޔެފައެވެ. އެއީ ރީތި މަންޒަރެކެވެ. އިންގްލެންޑުން ރަޝްފޯޑު ފަދަ ކުޅުންތެރިންނަށް ލޯބިކުރަން ޖެހެއެވެ. މަދު ސަޕޯޓަރުންތަކެއް އަމަލުތަކުން މުޅި އިނގިރޭސިންނަށް ހުތުރު ނަން ލިބުން އެއީ ދެރަކަމެއްވެސް މެއެވެ. ބުކަޔޯ ސަކާއަކީ ނައިޖީރިއާއަށް އުފަން، ހިޖުރަކުރި އާއިލާއެއްގެ ކުއްޖެއް ނަމަވެސް އޭނާ އިންގްލެންޑް ޖާޒީގައި ދެއްކި ހިތްވަރަށް ސަޕޯޓު ދިނުން ލާޒިމެވެ.

ރަޝްފޯޑު އޭނާގެ ދިފާއުގައި ބަޔާނެއް ނެރެފައިވާއިރު، މީހުންގެ ރުޅިވެރިކަމަށް އޭނާ ބަދަލު ނުވާނެ ކަމަށް ރަޝްފޯޑު ބުނެފައިވެއެވެ. ޕެނަލްޓީ ނާކާމިޔާބުވުމުން މައާފަށް އެދޭ ކަމަށާއި، އޭނާއަށްވެސް އެއީ ބޮޑު ހިތްދަތިކަމެއް ކަމަށް ރަޝްފޯޑު ބުނެފައިވެއެވެ. އަސަރުގަދަ މެސެޖުގައި ރަޝްފޯޑު ބުނެފައިވަނީ "ޕެނަލްޓީ ޖެހުމަކީ އޭނާއަށް ވާނެ ކަމެއްކަން ކޯޗުވެސް، އޭނާ އަމިއްލައަށްވެސް ގަބޫލުކުރާނެ ކަމަށާއި، ފޯމު ދަށްވެފައި ހުރުމުން ޕެނަލްޓީ ނުވެއްދުނީ ކަމަށްވެސް" ރަޝްފޯޑު ބުނެފައިވެއެވެ.

ކުޅުންތެރިންގެ ދިފާއުގައި ކެޕްޓަން ކޭން ބުނެފައިވަނީ، ހިތްވަރު ގަދަކަން ކުޅުންތެރިން ސާބިތު ކޮށްދީފި ކަމަށާއި، އެކުޅުންތެރިންނަށް ހައްގީ ފުރައްސާރަ ނޫން ކަމަށެވެ. އަދި ފުރައްސާރަ ކުރާ ސަޕޯޓަރުންނަކީ އިންގްލެންޑް ސަޕޯޓަރުން ގޮތުގައި ސިފަ ނުކުރާނެ ކަމަށާއި، އެފަދަ ސަޕޯޓަރުން ބޭނުން ނޫން ކަމަށްވެސް ކޭން ބުނެފައިވެއެވެ.

ފައިނަލް މެޗަށްފަހު އިންގްލެންޑްގެ ބައެއް ސަޕޯޓަރުން އިޓަލީ ސަޕޯޓަރުންގެ ގައިގައި ތަޅައި އަނިޔާކުރި މަންޒަރު ފެނިފައިވެއެވެ. އެތައް "މުޑުދާރު" އަމަލުތަކެއްގެ ތެރެއިން އިންގްލެންޑްގެ ނަން ހުތުރުކޮށްލީ ފިނޑި ސަޕޯޓަރުންތަކެކެވެ. އަމިއްލަ ގައުމުގެ ގައުމީ ޓީމުން ފައިނަލާ ހަމައަށް ދިޔަ ކުޅުންތެރީންނަށް ނަސްލީ ގޮތުން ފުރައްސާރަ ކޮށް، އެޓީމުގެ ހިތްވަރު ދެރަކޮށްލީ އެފަދަ ސަޕޯޓަރުންނެވެ. ފުޓުބޯޅައިގެ ހޯމްއަކީ އިންގްލެންޑްގެ ގޮތުގައި އަމިއްލައަށް އެގައުމުން ސިފަކުރާއިރު، މިއީ ފުޓުބޯޅައިގެ ބައެއް ނޫނެވެ. އެއީ ފުޓުބޯޅައިން ބޭރު އަމަލުތަކެވެ. 2030 ވަނަ އަހަރު ވޯލްޑް ކަޕަށް ގްރޭޓް ބްރިޓަންއިން ބިޑް ކޮށްފައިވާއިރު، އެއީ ކުލަ ނުޖެހޭނެ ހުވަފެނަކަށް ވާން އޮތީ މިފަދަ އަމަލުތަކުންނެވެ. އެއީ އިންގްލެންޑާ މެދު ދުނިޔޭގެ ފުޓުބޯޅަ ސަމާލުވާނެ ކަންކަމެވެ.