ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވަކި ގޮތެއް ކަނޑައަޅަންދެން ދެކުނު އޭޝިއާ އިން ރާއްޖެ އަންނަ ފަތުރުވެރިންނަށް މީހުން ދިރިއުޅޭ ރަށްރަށާއި އެ ރަށްރަށުގައި ހުންނަ ގެސްޓްހައުސްތަކަށް ޗެކިން ނުވެވޭނެ ކަމަށް އެ އެޖެންސީން ބުނެފި އެވެ.

މީގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ރައީސް އޮފީހުގެ ތަރުޖަމާނު މަބުރޫކް އަޒީޒް ވިދާޅުވީ ދެކުނު އޭޝިއާގެ ގައުމުތަކުގެ ރާއްޖެ އަންނަ ފަތުރުވެރިންނަށް ރަށް ރަށުގައި ހިންގާ ގެސްޓްހައުސްތަކަށް ދެވޭނީ މި މަހުގެ 31 އިން ފެށިގެން ކަމަށެވެ.

ނަމަވެސް މިއަދު އެޗްޕީއޭ އިން އާންމު ކުރި އިއުލާނެއްގައި ބުނެފައިވަނީ ދެކުނު އޭޝިއާ އިން ރާއްޖެއަށް މިމަހުގެ 15 ވަނަ ދުވަހުން ފެށިގެން ފަތުރުވެރިން އައުމުގެ ހުއްދަ ދީފައިވާ ކަމަށެވެ. އެހެން ނަމަވެސް އެ އެޖެންސީން ވަކި ގޮތެއް ކަނޑައަޅަންދެން މީހުން ދިރިއުޅޭ ރަށްރަށާއި އެ ރަށްރަށުގައި ހުންނަ ގެސްޓްހައުސްތަކަށް ޗެކިން ނުވެވޭނެ ކަމަށެވެ.

އެހެންނަމަވެސް މާލޭގައި ފަތުރުވެރިން ފުރުމަށްޓަކައި ޓްރާންސިޓްކުރުމަށް ޓުއަރިޒަމް މިނިސްޓްރީން ކަނޑައަޅާ އުސޫލުގެ މަތިން އެ މިނިސްޓްރީން ކަނޑައަޅާފައިވާ ގެސްޓްހައުސްތަކުގައި ތިބޭ ތިބުން އިސްތިސްނާ ވާނެ ކަމަށް އެޗްޕީއޭ އިން ވަނީ ބުނެފަ އެވެ. އަދި، ސައުތު އޭޝިއާގެ ފަތުރުވެރިންނަށް މީހުން ދިރިއުޅޭ ރަށްރަށުގައި ހުންނަ ގެސްޓްހައުސްތަކަށް ޗެކިން ކުރުމަށް ހުޅުވާލުމުގައި އަމަލުކުރާނެ ގޮތްތައް ކަނޑައަޅައި އެކަން މި މަހުގެ 30 ވަނަ ދުވަހުގެ ކުރިން އަންގާނެ ކަމަށް އެ އެޖެންސީން ވަނީ ބުނެފަ އެވެ.

ދެކުނު އޭޝިއާގެ ގައުމުތަކުގެ ފަތުރުވެރީންނަށް ޓޫރިސްޓް ވިސާ ދިނުން ވަގުތީ ގޮތުން ހުއްޓާލަން ނިންމާފައި ވަނީ މެއި މަހުގެ 11 ވަނަ ދުވަހުން ފެށިގެންނެވެ.