ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން މައްސަލައަކީ ރާއްޖެއަށް ބޮޑުވެފައިވާ މައްސަލައެކެވެ. މި މައްސަލައަށް މީގެ ކުރީގެ އެއްވެސް ސަރުކާރަކުން އެދެވޭ ހައްލެއް ހޯދިފައެއް ނުވެއެވެ. އެހެން ނަމަވެސް މިދިޔަ ތިން އަހަރެއްހައި ދުވަސް ތެރޭގައި ބިދޭސީންގެ މައްސަލައަށް ވަނީ ބޮޑު ބަދަލެއް އައިސް، ރާއްޖެއަށް ހާހުން ހާހުން އައި ބިދޭސީންގެ އަދަދު ބޮޑުތަނުން ދަށް ވެފަ އެވެ. އަދި ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅެމުން ދިޔަ ގިނަ އަދަދެއްގެ ބިދޭސީންވެސް ވަނީ އަނބުރާ ގައުމަށް ފޮނުވާލައިފަ އެވެ.
ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސްއިން އެންމެ ފަހުން އާންމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި ރާއްޖޭގެ އާބާދީއަކީ 568،362 މީހުންނެވެ. އޭގެ ތެރެއިން 182،666 މީހުންނަކީ ބިދޭސީން ކަމަށްވާއިރު، ބިދޭސީ މަސައްކަތްތެރީންގެ އަދަދަކީ 138،728 މީހުންނެވެ. ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންގެ ތެރޭގައި ގިނައީ ފިރިހެނުންނެވެ. އެގޮތުން ރާއްޖޭގައި ބިދޭސީ މަސައްކަތްތެރީންގެ ގޮތުގައި 127،947 ފިރިހެނުން މަސައްކަތް ކުރާއިރު އަންހެނުންގެ އަދަދު އުޅެނީ 10،781 ގައެވެ. ރާއްޖޭގައި ބިދޭސީ މަސައްކަތްތެެރީންގެ އެންމެ ގިނަ ބަޔަކު މަސައްކަތް ކުރަނީ އިމާރާތް ކުރުމުގެ ސިނާއަތުގައެވެ. އެގޮތުން އެ ސިނާއަތުގައި 38 އިންސައްތަ މީހުން މަސައްކަތްކުރާއިރު 18 އިންސައްތަ މީހުން ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތް ކުރެއެވެ. 8 އިންސައްތަ މީހުންނަކީ ގެތަކުގަ އާއި އެއްގަމު އުޅަނދުފަހަރު މަރާމާތުކުރުމާއި ހޯލްސޭލް އަދި ރިޓެއިލް ވިޔަފާރީގައި މަސައްކަތްކުރާ މީހުންނެވެ. ބިދޭސީ މަސައްކަތްތެރީންގެ ތެރެއިން 8 އިންސައްތަ މީހުން ހޮޓާތަކާއި ރެސްޓޯރެންޓު ސިނާއަތުގައިވެސް މަސައްކަތް ކުރެއެވެ.
ބިދޭސީން މަދުކުރުމަށް އިކޮނޮމިކް މިނިސްޓްރީން ފެށި ދަތުރުގައި ކުރި އެންމެ މުހިންމު އެއް ކަމަކީ އެންމެ ގިނައިން ރާއްޖެއަށް ބިދޭސީ މަސައްކަތްތެރީން އަންނަ ގައުމުކަމަށް ވާ ބަންގްލަދޭޝްއިން ރާއްޖެއަށް ބިދޭސީން އެތެރެވުން 2019 އިން ފެށިގެން އެއް އަހަރު ދުވަހުގެ މުއްދަތައް މެދުކަނޑައިލުމެވެ. އަދި އެހެން ބައެއް ގައުމުތަކުންވެސް ބިދޭސީ މަސައްކަތްތެރީން ރާއްޖެ އެތެރެވުމުގައި ކުރިން ގެންގުޅުނު އުސޫލުތައް ހަރުދަނާކުރިތަން ވެސް ވަނީ ފެނިގެން ގޮސްފައިވެއެވެ.
ރާއްޖެ އެތެރެވާ ބިދޭސީ މަސައްކަތްތެރީންގެ އަދަދު ކޮންޓްރޯލް ކުރުމަކުން އަދި ފުއްދައެއް ނުލެވެއެވެ. އިކޮނޮމިކް މިނިސްޓްރީން ވަނީ ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅެމުން ދާ 80،000 އެއްހާ ބިދޭސީންގެ ތެރެއިން 20،000 ވުރެ ގިނަ މީހުން އަނބުރާ ގައުމަށް ފޮނުވާލައިފަ އެވެ. އަދި ހަވާލުވާނެ މީހަކު ނެތި، އުޅެމުން ދިޔަ އެތައް ހާސް ބިދޭސީން ގަވައިދުގެ ތެރެއަށް ވައްދާފައިވެ އެވެ.
އިކޮނޮމިކް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި، 2019 އިން ފެށިގެން މިމަހުގެ 9 ވަނަ ދުވަހުގެ ނިޔަލަށް ދޫކޮށްފައިވަނީ 44،049 ކޯޓާއެވެ. އެއީ 2019 ވަނަ އަހަރު 26.535 ކޯޓާ، 2020 ވަނަ އަހަރު 7،774 ކޯޓާ އަދި މިއަހަރުގެ މިހާތަނަށް 9،740 ކޯޓާއެވެ. ނަމަވެސް 2018 ވަނަ އަހަރު އެކަނިވެސް 97،263 ކޯޓާ ދޫކޮށްފައިވެ އެވެ. 2018 ވަނަ އަހަރު ދޫކޮށްފައިވާ ކޯޓާތަކުގެ 95.37 އިންސައްތައަކީ ނޮވެމްބަރު މަހުގެ ކުރިން ދޫކޮށްފައިވާ ކޯޓާއެވެ. އެހެންކަމުން 2018 ވަނަ އަހަރާ އަޅައި ބަލާއިރު ފާއިތުވި ތިން އަހަރު ރާއްޖެއިން ކޯޓާ ދޫކޮށްފައިވާ މިންވަރު ދެގުނަ މަދެވެ.
ފާއިތުވި ދެތިން އަހަރު ރާއްޖެއިން ވޯކް ޕާމިޓް ދޫކުރި އަދަދުވެސް ވަނީ މަދުވެފައެވެ. އެގޮތުން 2019 އިން ފެށިގެން މިމަހުގެ 9 ވަނަ ދުވަހުގެ ނިޔަލަށް ދޫކޮށްފައިވަނީ 62،620 ވޯކް ޕާމިޓެވެ. އެއީ، 2019 ވަނަ އަހަރު 42،457 ޕާމިޓް، 2020 ވަނަ އަހަރު 11،198 ޕާމިޓް އަދި މިއަހަރުގެ މިހާތަނަށް 8،965 ޕާމިޓެވެ. އެ މުއްދަތުގައި ވޯކް ޕާމިޓްގައި ރާއްޖެ އައިސްފައިވަނީ 56،673 މީހުންނެވެ. އެއީ، 2019 ވަނަ އަހަރު 40،025 މީހުން، 2020 ވަނަ އަހަރު 9،675 މީހުން އަދި މިއަހަރުގެ މިހާތަނަށް 6،973 މީހުންނެވެ. 2018 ވަނަ އަހަރު 56،101 ވޯކް ޕާމިޓް ދޫކުރިއިރު، އެ އަހަރު އެކަނިވެސް ވޯކް ޕާމިޓްގައި 51،185 މީހުން ރާއްޖެ އައިސްފައި ވެއެވެ.
ބިދޭސީން މަދުކުރުން ވެފައި ވަނީ ރާއްޖޭގެ ވަޒީފާގެ ބާޒާރަށް އިންތިހާއަށް މުހިންމު އަދި ބޭނުންތެރި ކަމަކަށް ވެފަ އެވެ. ހަމަ އެހެންމެ ރާއްޖޭގައި އެތައް ހާސް ބިދޭސީންނެއް ގަވައިދާ ހިލާފަށް މަސައްކަތްކުރަމުންދާ އިރު، އެފަދަ ބިދޭސީން އަނބުރާ ނިޒާމުގެ ތެރެއަށް ވެއްދުމަށް ކުރަމުން އަންނަ މަސައްކަތާއި އެފަދަ މީހުން ގައުމަށް ފޮނުވައިލުމަށް ކުރަމުން އަންނަ މަސައްކަތަކީ ވެސް ވަޒީފާގެ ބާޒާރު ދިވެހި ކުރުމަށް ކުރިޔަށް އެޅުނު ނުހަނު ބޭނުންތެރި ފިޔަވަޅުތަކެކެވެ.
ރިޕޯޓް
ރިޕޯޓް
ރިޕޯޓް
ރިޕޯޓް