އެމްޑީޕީގެ އެއްވެސް ފެކްޝަނަކާއެކު މަސައްކަތް ކުރުމުގެ ވިސްނުމެއް ޕީއެންސީ އަދި ޕީޕީއެމްއިން ނުގެންގުޅޭ ކަމަށް ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަން ހިންގުމާ ހަވާލުވެހުންނެވި، އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެ އެވެ.
އެމްޑީޕީ މެންބަރުން ހިތްހަމަ ނުޖެހުނު ނަމަވެސް، ދީނީ މެދުމިނަށް ތާއީދުކުރާ ނަމަ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އެހީއަށް އެދޭނެ ކަމަށް މަޖިލިސް ރައީސް، ރައީސް މުހައްމަދު ނަޝީދު ވަނީ ވިދާޅުވެފަ އެވެ.
އެކަމާ ގުޅިގެން "ވަން"އަށް މައުލޫމާތު ދެއްވަމުން އަދުރޭ ވިދާޅުވީ، ރައީސް ޔާމީނަށް އަނިޔާކުރަނީ މި ސަރުކާރުން ކަމަށާއި މިސަރުކާރަކީ އެމްޑީޕީގެ ސަރުކާރެއް ކަމަށެވެ.
"ރައީސް ޔާމީނަށް ހުރިހާ އަނިޔާއެއް މިދެނީ މި ސަރުކާރުން. މިއީ އެމްޑީޕީގެ ސަރުކާރު، ރައީސް ނަޝީދަކީ އެމްޑީޕީގެ ރައީސް، އެހެންވީމަ ރައީސް ޔާމީނަށް ބޭއިންސާފުން އަނިޔާކުރަމުންދާ ބަޔަކު ވަކި ކީއްވެތޯ ރައީސް ޔާމީންގެ ކިބައިން އެހީތެރިކަން ހޯދާ ވާހަކަ އެ ދައްކަނީ. އެންމެ ފުރަތަމަ ރައީސް ޔާމީނަކީ ކުށްވެރިއެއް ނޫން. ރައީސް ޔާމީނަށް ނާއިންސާފުން ބޮޑު ހުކުމެއް ކޮށްގެން އަނިޔާ ދޭއިރު ފުރަތަމަ ރައީސް ޔާމީނަށް ދޭ އަނިޔާ ހުއްޓާލަންވީނޫންތޯ އެބޭފުޅުން،" އަދުރޭ ވިދާޅުވިއެވެ.
އަދުރޭ ވިދާޅުވީ، އެމްޑީޕީގެ އެއްވެސް ފެކްޝަނަކާއެކު މަސައްކަތް ކުރުމުގެ ވިސްނުމެއް ޕީޕީއެމް، ޕީއެންސީގެ ނެތް ކަމަށެވެ.
"އެމްޑީޕީގެ އެއްވެސް ފެކްޝަނަކާއެކީގައި މަސައްކަތްކުރުމުގެ ވިސްނުމެއް ޕީޕީއެމް ޕީއެންސީއަކުން ނުގެންގުޅޭނެ،" އަދުރޭ ވިދާޅުވިއެވެ.
އަދުރޭ އިތުރަށް ވިދާޅުވީ، އިދިކޮޅުން މަސައްކަތް ކުރަމުން އަންނަނީ ރައީސް ޔާމީން މިނިވަންކޮށް ރައީސް ޔާމީން އަލުން އަނބުރާ ރާއްޖޭގެ ވެރިކަމަށް ގެނައުމަށް ކަމަށާއި ކުރިމަގު އޮތީ ޕީޕީއެމާއެކުގައިކަން ގިނަ ރައްޔިތުން ގަބޫލު ކުރާ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު