ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާ އެކު ސިޔާސީ ގޮތުން ހުރެވެން ނެތް ކަމަށް އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
އެމްޑީޕީގެ ވަޓްސްއެޕް ގްރޫޕަކަށް ނަޝީދު މިއަދު ފޮނުއްވި މެސެޖުގައި ވިދާޅުވީ ރައީސް ސޯލިހާއި އެމަނިކުފާނު މައްސަލައެއް ނުޖެހޭނެ ކަމަށާއި ދުވަހަކުވެސް ނުވެސް ޖެހޭނެ ކަމަށެވެ. ނަމަވެސް ރައީސް ސޯލިހާއި އެމަނިކުފާނާ ފިކުރީ ގޮތުން ހިޔާލު ތަފާތު ކަމަށް ވިދާޅުވިއެވެ.
"އަޅުގަނޑުގެ ޒާތީ ކަންކަމުގައި އަބަދުވެސް އުޅޭނީ އެކީގައި. އަޅުގަނޑުގެ ދަރިންގެ އިބޫ ދޮންބެ އެއީ. އެކަމު ދެން ރައީސުލްޖުމްހޫރިއްޔާއާ އެކު ސިޔާސީ ގޮތުން ހުރެވޭކަށް ނެތް،" ނަޝީދު ވިދާޅުވިއެވެ.
ނަޝީދު ވިދާޅުވީ އެމްޑީޕީގެ ބައެއް މެމްބަރުން ހިތްހަމަ ނުޖެހުނު ނަމަވެސް އެމަނިކުފާނު ކުރައްވާނެ ކަމެއް ނެތް ކަމަށެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި ޕީޕީއެމް އިން މެދުމިނުގެ ދީނީ ސިޔާސަތަށް ތާއީދު ކުރާނަމަ އެހީއަށް އެދިވަޑައިގަންނަވާނެ ކަަމަށް ވެސް ވިދާޅުވިއެވެ.
ނަޝީދު ވަނީ އެމްޑީޕީގެ އެއްވެސް މެމްބަރަކު ރައީސް ސޯލިހާ ޒާތީ ނުވުމަށާއި ރައީސް ސޯލިހަށް ގެއްލުންވާ އެއްވެސް ކަމެއް ނުކުރުމަށް އެދިވަޑައިގެންފައެވެ.
އެމަނިކުފާނު ވިދާޅުވީ ދުވަހަކުވެސް ވެރިކަން ނުލިބުނު ނަމަވެސް މި ސަރުކާރާއެކު ހުންނަން ބޭނުން ނުވާ ކަމަށެވެ. އަދި މިހާރު ބޭނުންވަނީ ދީނީ ގޮތުން މެދުމިނުގެ ސިޔާސަތު ގެންގުޅޭ ކޯލިޝަނަކާއެކު މަސައްކަތް ކުރުމަށް ކަމަށާއި އެއީ ޕީޕީއެމް ކަމުގައި ވިޔަސް އެކަމަށް ތައްޔާރަށް ހުންނެވި ކަމަށް ވިދާޅުވިއެވެ.
"އެވެރިން (ހަރުކަށި ފިކުރުގެ މީހުން) އެ ތައްޔާރުވަނީ ހަނގުރާމައަށް. އަޅުގަނޑުމެންގެ ކޯލިޝަނަށްޓަކައި އެމީހުން އެ ރުއްސަނީ. އެމްޑީޕީ ތެރޭގައިވެސް ހަރުކަށި ވިސްނުން އެބަހުރި. ރައީސް ޔާމީން އަރިހުގައި އަދި ޕީޕީއެމް ގާތުގައި މިވާހަކަ ދެއްކުން ވަރަށް މުހިންމު،" ނަޝީދު ވިދާޅުވިއެވެ.
ނަޝީދު އިތުރަށް ވިދާޅުވީ ވެރިކަން ބޭނުން ނޫން ކަމަށާއި އެކަން ކުރެވިއްޖެ ކަމަށެވެ. ނުކުރެވޭ އެއް ކަމެއްވެސްނެތް ކަމަށެވެ. އަދި ވިދާޅުވީ ރައީސް ސޯލިހް ހުންނެވީ ތާށިވެފައި ކަމަށެވެ.
ރައީސް މުހައްމަދު ނަޝީދު
ރައީސް މުހައްމަދު ނަޝީދު
ރައީސް މުހައްމަދު ނަޝީދު