އިންޑިއާ ސަރުކާރުގެ އެހީގައި ކުރިއަށް ގެންދާ އައްޑޫ ސިޓީގެ ގަން އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީކުރުމުގެ މަސައްކަތް ނިމުމުން އެތަން ވެގެންދާނީ މި ސަރަހައްދުގެ ފާހަގަކޮށްލެވޭ ހަބަކަށް ކަމަށް އިންޑިއާ އިން ބުނެފި އެވެ.

ރާއްޖޭގައި ހުންނަ އިންޑިއާގެ ހައި ކޮމިޝަނުން ދިވެހި ބަހުން މިއަދު ކުރި ޓްވީޓެއްގައި ބުނެފައި ވަނީ، އެ މަސައްކަތް ނިމުމުން އެއާޕޯޓު ޓާމިނަލްގެ ފެންވަރު އެތައް ގުނައަކުން ރަނގަޅުވެގެންދާނެ ކަމަށެވެ.

އައްޑޫ ގަން އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީކުރަނީ ރާއްޖެއަށް ދޫކޮށްފައިވާ 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓްގެ ދަށުން ކަމަށްވެސް އެ ޓްވީޓުގައި ބުނެފައިވެއެވެ.

"ގަން އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީކުރުމުގެ މަސަައްކަތް ނިމުމުން އެއާޕޯޓުގެ ޓާމިނަލުގެ ފެންވަރު އެތައް ގުނައަކުން ރަނގަޅުވެ، މި ސަރަހައްދުގައި ފާހަގަކޮށްލެވޭ ރިީޖަނަލް ހަބަކަށް ވެގެން ދާނެ،" ހައި ކޮމިޝަނުން ބުންޏެވެ.

ގަން އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން އިންޓަނޭޝަނަލް ޓާމިނަލް އަޕްގްރޭޑްކުރުމާއި ޑޮމެސްޓިކް ޓާމިނަލެއް އެޅުމާއި އެ ތަންތަނާ ގުޅިފައިވާ މަގުތައް ހެދުމުގެ އިތުރަށް ސަޕޯޓް އިންފްރާސްޓްރަކްޗާ ހެދުން ހިމެނޭ ކަމަށްވެސް ބުނެފައިވެއެވެ.