ކުޅިވަރު

އައިޑަލްއަކީ ބުފޮން، "ހީރޯ"އެއްގެ ކުޅުމާއެކު މުޅި އިޓަލީގެ ލޮލުން އުފާވެރިކަމުގެ ކަރުނަ

މުޙައްމަދު ޝަމްޢޫން

އިޓަލީގެ މަގުތައް ފުރާލައިފިއެވެ. އުފާފާޅުކުރުމުގެ ޕެރޭޑުތަކުން މުޅި ގައުމު ހިނިތުން ކޮށްލައިފިއެވެ. ކޮވިޑް 19ގެ ރާޅުތަކުން ގެއްލިގެން ދިޔަ އުފާވެރިކަން އަނބުރާ އައި ކަހަލައެވެ. 53 އަހަރަށްފަހު އެޓީމުން ޔޫރޯ ކާމިޔާބު ކުރީ އިންގްލެންޑް ބަލިކޮށްގެންނެވެ. އިންގްލެންޑްގެ ޕްރިންސް ވިލިއަމްސް އާއި އޭނާގެ އާއިލާ އަދި އެތައް ހާސް ސަޕޯޓަރުންގެ ކުރިމައްޗަށް ގޮސް، އިޓަލީ އެނބުރި ގައުމަށް ދިޔައީ ވެމްބްލީ ފަސްމަތީގައި ހުރި ޔޫރޯ ތަށި ހިފައިގެންނެވެ.

އެގައުމުގެ ފުޓުބޯޅައިގެ ކަޅު ދުވަސްތަކެއް ކަޑައްތު ކޮށް، އަލުން ތަށްޓަކާ ހަމައަށް ދިޔައީ 2018 ވަނަ އަހަރުގެ ވޯލްޑް ކަޕަށް ކޮލިފައި ނުވުމުގެ މާޔޫސީ ހަނދާންތައް ފޮހެލުމަށް ފަހުއެވެ. މިއީ 2006 ވަނަ އަހަރު ވޯލްޑް ކަޕަށްފަހު ފުޓުބޯޅައިން ގައުމަށް އަލުން ހިނިތުންވުން ގެނެސްދިން ފުރަތަމަ ފަހަރެވެ. މުބާރާތަށް ނުކުތްއިރު އިޓަލީއަކީ ފޭވަރިޓެއް ނޫން ނަމަވެސް އެޓީމުން ކުޅުނު ފުރަތަމަ މެޗާއެކުވެސް އެތައް ބައެއްގެ ލޯބި ހޯދިއެވެ. ރޮބާޓޯ މަންޗީނީއާއެކު އިޓަލީ މުބާރާތަށް ނުކުތީ ސަމާސާއަކަށް ނޫންކަން އެޓީމުން ސާބިތު ކޮށްދިނެވެ. ޓީމުގެ އެންމެ ބޮޑު ހިތްވަރަކަށް ވީ ލެޖެންޑަރީ ގޯލްކީޕަރު ޖިއާންލުއީޖީ ބުފޮން ނެތްތަން ފޫބައްދަން ހުރި ޖިއާންލުއީޖީ ޑޮނަރޫމާއަށް ކުރެވުނު ބޮޑު އިތުބާރެވެ.

ނަޕޯލީގެ ޔޫތު އެކަޑެމީން އިޓަލީ ފުޓުބޯޅައިގެ ތެރެއަށް ތައާރަފު ވެގެން އައި ޑޮނަރޫމާގެ ހިތް އޮތީ އޭސީ މިލާންގައެވެ. އުމުރުން އެންމެ 22 އަހަރުގައި ޑޮނަރޫމާ ވަނީ އޭސީ މިލާނަށް 200 އަށްވުރެ ގިނަ މެޗު ކުޅެފައެވެ. ސެރެއާ އޭގެ އެންމެ މޮޅު ގޯލްކީޕަރުގެ މަގާމު ހޯދައި އޭސީ މިލާނަށް މިދިޔަ ސީޒަންގައި ގަދަ ހަތަރެއް ހޯދައިދިނުމަށް މުހިއްމު ރޯލެއް އަދާކުރި ޑޮނަރޫމާއަށް މުޅި ޔޫރަޕްގެ ހުރިހާ ބޮޑެތި ކްލަބުތަކެއްގެ ލޯ އަމާޒުވެފައި އޮތްއިރު، ޔޫރޯއަށް އޭނާ ދިޔައީ ފްރީ އެޖެންޓެއްގެ ގޮތުގައެވެ. އޭސީ މިލާންގެ ކޮންޓްރެކްޓް ހަމަވެފައި އޮތުމުންނެވެ.

އިޓަލީއާއެކު މިހާތަނަށް 33 މެޗު ކުޅެފައިވާ ޑޮނަރޫމާއަށް ޔޫރޯވީ "ޖާދުވީ" މުބާރާތަކަށެވެ. ގްރޫޕް ސްޓޭޖު ގޯލެއް ނުވައްދައި ނިންމާލާފައިވާއިރު، އޭނާގެ ކޮޅަށް ޖުމުލަ ވަނީ ހަތަރު ގޯލެވެ. މުބާރާތުގައި ވަރުގަދަ ނުވަ ސޭވެއް ކޮށްފައިވެއެވެ. އިސްކޮޅުން ދިގު ބޮޑު ގޯލްކީޕަރެއް ނަމަވެސް ޑޮނަރޫމާ ފެނުނީ އާދަޔާ ހިލާފަށް ހަލުވިކޮށް ބިންމައްޗަށް ތިރިވެ ސޭވްތައް ކުރާ ގޯލްކީޕަރެއްގެ ގޮތުގައެވެ. އެކަން އިޓަލީގެ ޕެނަލްޓީ ޝޫޓްއައުޓްތަކުން ޔަގީންވެސް ވެއެވެ.

ޑޮނަރޫމާ 2016 ވަނަ އަހަރުން ފެށިގެން ގައުމީ ޓީމުގެ ސްކޮޑުގައި މަސައްކަތް ކުރަމުން އައީ އޭނާގެ އައިކަން ބުފޮންގެ ދެވަނަ ގޯލްކީޕަރުގެ ގޮތުގައެވެ. އެތައް އަހަރުތަކަކަށް އިޓަލީގެ ފުޓުބޯޅައިގެ ރަސްކަން ކުރި ބުފޮންއަކީ ޑޮނަރޫމާގެ އައިޑަލްއެވެ. ބުފޮންގެ ލެޖެންޑަރީ ކެރިއަރުގައި ވޯލްޑް ކަޕް ހޯދައި، އެގައުމަށް އުފަލާއި ހިނިތުންވުން ގެނެސްދީފައިވެ އެވެ. ބުފޮން ކަރުނައާއެކު ގައުމީ ޓީމަށް ކުޅުން ހުއްޓާލީ 2018 ވަނަ އަހަރު ވޯލްޑް ކަޕަށް އެގައުމު ކޮލިފައި ނުވި ހިސާބުންނެވެ. އެވަގުތު ބުފޮން ނެތްތަން ފޫބައްދަން ޑޮނަރޫމާ ނުކުންނަން ޖެހުނީ ބޮޑު ލެގަސީއެއް ހިފެހެއްޓުމަށެވެ. އެކަން އޭނާ އައީ ސާބިތުކޮށްދެމުންނެވެ.

"އަހަންނަކީ ބުފޮން ފަދަ ކީޕަރެއް ނޫން. އެއީ ހުރިހާ ކީޕަރުންގެ ތެރެއިންވެސް އެންމެ މޮޅު ގޯލްކީޕަރު. އެފަދަ ކުޅުންތެރިޔަކަށް ވާން އަހަރެން މަސައްކަތް ކުރަން. އަހަރެން ބަލާނީ ކިހާ ހިސާބަކަށް ދެވޭތޯ. މިއީ އަދި ފެށުމެއް،" އައިޑޮލްއަކީ ބުފޮން ކަމަށް ކުރިން ބުނެފައިވާ ޑޮނަރޫމާ އިއްޔެރޭގެ މެޗަށްފަހު ބުނެފައިވެއެވެ.

އިޓަލީން ސެމީގައި ސްޕެއިން ބަލިކުރި ޕެނަލްޓީ ޝޫޓްއައުޓްގެ ހީރޯއަކީވެސް ޑޮނަރޫމާއެވެ. އިއްޔެރޭ ކުޅުނު ފައިނަލްގައި އޭނާ ވަނީ އިންގްލެންޑްގެ ދެ ޕެނަލްޓީއެއް މަތަކޮށްފައެވެ. ވެމްބްލީގައި ތިބި 60،000 އެއްހާ ސަޕޯޓަރުން ލެވި ހަޅޭކަކަށް ނުބަލައި އުމުރުން ހަގު ނަމަވެސް ޑޮނަރޫމާ ދެއްކީ "މެޗުއާ" ކުޅުމެކެވެ. ޔަގީނުންވެސް ޑޮނަރޫމާގެ ކުރިމަގު އުޖާލާއެވެ.

"އަހަރެން ޕެނަލްޓީއަށް ދިޔައިރުވެސް ހުރީ ހަމަޖެހިލައިގެން. އަހަންނަށް އެނގޭ ޕެނަލްޓީގައި ޕާފޯމް ކުރެވޭނެކަން. މިއީ މުޅި ޓީމުން ވި ބޮޑު ގުރުބާނީއެއް. މިއީ ބުރަ މަސައްކަތެއް. ބޮޑު ހުވަފެނެއް. މިއީ ގައުމުގެ ރޫހާ ގުޅިފައިވާ ކާމިޔާބީއެއް. މިވަގުތު ސިފަކޮށްދޭންވެސް އުނދަގޫ. އިޓަލީއަށް ފުޓުބޯޅައިން އުފާވެރިކަން ގެނެސްދެވުން މިއީ ތާއަބަދު ދެކެމުން އައި ހުވަފެނެއް،" އިއްޔެރޭގެ މެޗަށްފަހު ކަރުނައާއެކު ޑޮނަރޫމާ ބުނެފައިވެއެވެ.

މުޅި މުބާރާތުގެ މޮޅު ކުޅުންތެރިޔަކީ ޑޮނަރޫމާއެވެ. އެ މަގާމު ހޮވުމުގައި މުބާރާތުގެ ކުޅުމުގެ އިތުރުން ޓީމް ވޯކާއި، ޕޮޒިޓިވް އެޓިޓިއުޑަށް ބަލައެވެ. ހާއްސަކޮށް ޔޫއެފާގެ މިންގަނޑުތަކުގެ ތެރެއިން އިހުތިރާމު ކުރުމާއި ކުޅިވަރުގެ ރޫހަށް ވަރަށް ބޮޑަށް ބެލެވޭނެއެވެ. އެހެންކަމުން މިއީ ޑޮނަރޫމާގެ ނަމޫނާ މުބާރާތެކެވެ. އެތަކެއް ޒުވާން ކުޅުންތެރިންނަކަށް އޭނާ ދެއްކީ ނަމޫނާއެކެވެ. މުޅި އިޓަލީގެ ލޮލުން އުފާވެރިކަމުގެ ކަރުނަ ހިލުވާލައި، އެގައުމުގެ މަގުތައް ފުރާލީ ޔޫރޯ ތަށްޓާއެކުގައެވެ.