ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު މިއަދުވެސް ފުލުހަށް ހާޒިރުވާން އަންގާފައިވާ ކަމަށް އެމަނިކުފާނުގެ ގާނީނީ ޓީމުން ބުނެފިއެވެ.
މިދިޔަ ހޮނިހިރު ދުވަހުވެސް ރައީސް ޔާމީން ވަނީ ފުލުހަށް ހާޒިރުކޮށްފައެވެ. އެފަހަރު ހާޒިރު ކުރީ ވ. އާރަށުގައި ރިސޯޓެއް ތަރައްގީ ކުރަން އެރަށް ވިއްކައިގެން ލިބުނު ރުފިޔާ އަމިއްލަފުޅު އެކައުންޓަށް ޖަމާކުރިކަމުގެ ތުހުމަތުގައި ކުރިއަށް ގެންދިޔަ ތަހުގީގީ ބަޔާންތަކުގައި ސޮއިކުރުމަށް ކަމަށް ގާނޫނީ ޓީމުން ބުންޏެވެ.
ރައީސް ޔާމީންގެ ގާނޫނީ ޓީމުގައި ހިމެނިވަޑައިގަންނަވާ އަދި ކުރީގެ ނައިބް ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ރައީސް ޔާމީން މިއަދު ފުލުހަށް ހާޒިރު ކުރުމަށް ނިންމާފައި ވަނީ މެންދުރު 2:00 އަށް ކަމަށެވެ.
އަދި މިއަދުވެސް އެމަނިކުފާނު ފުލުހަށް ހާޒިރު ކުރަނީ މިދިޔަ ހޮނިހިރު ދުވަހު ފުލުހަށް ހާޒިރުކުރި ބޭނުމުގައި ކަމަށާއި ބަޔާން ނަގައި ސޮއިކޮށްފައިވާ އެއް ކަމެއްގައި އަނެއްކާވެސް ފުލުހަށް ހާޒިރުކުރަން ނިންމުމުން ރައީސް ޔާމީންގެ ގާނޫނީ ހައްގުތަކަށް ގެއްލުންވެ ތަހުގީގުގެ އިންސާފުވެރި ކަމަށް ހުރަސްއެޅޭ ކަމަށް ވިދާޅުވިއެވެ.
ވ. އާރަށުގައި ރިސޯޓެއް ތަރައްގީކުރަން އެރަށް ވިއްކައިގެން ލިބުނު ރުފިޔާ އަމިއްލަފުޅު އެކައުންޓަށް ޖަމާކުރިކަމުގެ ތުހުމަތުގައި ރައީސް ޔާމީންގެ މައްޗަށް ދައުވާކޮށް ދޭން އެދި ޕްރޮސެކިއުޓަރު ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވީ، މި އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައެވެ.
އާރަށަކީ ޑީއާރުޕީގެ ކުރީގެ ލީޑަރު އަހުމަދު ތަސްމީން އަލީގެ ހިއްސާ އޮތް ކުންފުންޏަކަށް ދީފައި އޮތް ރަށެކެވެ. ނަމަވެސް ރައީސް ޔާމީންގެ ވެރިކަމުގައި 2015 ވަނަ އަހަރު އެ ރަށް ވަނީ ވ. ފެލިދޫ ކައުންްސިލާ ހަވާލުކޮށްފައެވެ.
އެ ރަށް ޓޫރިސްޓް ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރުމަށް ފަހުން ޓޫޖީ މޯލްޑިވްސް ކިޔާ ކުންފުންޏަކާ ހަވާލުކުރިއެވެ. އެ ރަށް އޭގެ ފަހުން ވަނީ ބޭރުގެ ކުންފުންޏަކަށް ވިއްކާލައިފައެވެ.
ރައީސް ޔާމީން މިއަދު ފުލުހަށް ހާޒިރު ކުރަނީ ވެސް އެމަނިކުފާނުގެ މައްޗަށް ސާބިތުވި މަނިލޯންޑާ ކުރުމުގެ ކުށުގައި ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވަނިކޮށެވެ.
މަނީ ލޯންޑަރިން ކުރި ކަމަށް ސާބިތުވެ ފަސް މިލިއަން ޑޮލަރުން ޖޫރިމަނާކޮށް ފަސް އަހަރަށް ޖަލަށްލުމަށް ރައީސް ޔާމީންގެ މައްޗަށް ކުރިމިނަލް ކޯޓުން ހުކުމް ކުރީ ނޮވެމްބަރު 29، 2019 ގައެވެ. ނަމަވެސް އެމަނިކުފާނު މިވަގުތު ހުރީ ގޭބަންދުގައެވެ.