ރާއްޖޭގައި ހުންނަ އިންޑިއާގެ ހައިކޮމިޝަން ގޮއްވާލާނެ ކަމަށް ބުނެ ޓުވީޓް ކުރި އައިޑީ ހިންގާ ކަމަށް ތުހުމަތުކުރާ މީހާގެ ބަންދަށް ކްރިމިނަލް ކޯޓުން އިތުރު ތިން ދުވަސް އިތުރުކޮށްދީފިއެވެ.

އެ މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވަނީ މުހައްމަދު އިނާދު(42) ނަމަކަށް ކިޔާ މީހެކެވެ. އޭނާ ހައްޔަރު ކުރުމަށް ފަހު އެންމެ ފުރަތަމަ ބަންދަށް އިތުރުކޮށްދީފައި ވަނީ ހަތް ދުވަހެވެ.

އޭނާގެ ބަންދުގެ މުއްދަތު އިއްޔެ ކްރިމިނަލް ކޯޓުން އިތުރުކޮށްދީފައިވާއިރު، ތުހުމަތުކުރާ މައްސަލައިގައި ކޮންމެވެސް މިންވަރެއްގެ ހެއްކާއި ގަރީނާ ހުށަހަޅާފައިވީ ނަމަވެސް ޓުވީޓް ކޮށްފައިވަނީ ސީދާ އޭނާ ކަމަށް ތުހުމަތުކުރެވޭ މިންވަރަށް ހެކި ގަރީނާ ހޯދިފައި ނުވާ ކަމަށް ކޯޓު އަމުރުގައި ވަނީ ބުނެފަ އެވެ.

މުހައްމަދު އިނާދު ބަންދުގައި އިތުރަށް ބަހައްޓަން ކްރިމިނަލް ކޯޓުން އަމުރުކޮށްފައިވަނީ، ހެކި ނައްތާލުމަށް މަސައްކަތް ކޮށްފާނެތީ އާއި މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށް ޓަކައި ކަމަށް ވަނީ ބުނެފަ އެވެ.

އިންޑިއާ ހައިކޮމިޝަން ގޮއްވާލަން އިންޒާރުދީ ޓުވީޓް ކޮށްފައިވާ ކަމުގެ ތުހުމަތުގައި ފުލުހުން ހައްޔަރު ކޮށްފައިވަނީ ވެރިކަން ކުރާ ކޯލިޝަނުގެ މައި ޕާޓީ އެމްޑީޕީއަށް ނިސްބަތްވާ މެންބަރެކެވެ. އޭނާ އެ ޕާޓީން ވަކިކުރުމަށް ނިންމާފައިވާ ކަމަށް އެމްޑީޕީން ވަނީ ބުނެފަ އެެވެ.

އިނާދަކީ އެމްޑީޕީގެ މަޖިލިސް އިންތިހާބުގެ ޕްރައިމަރީގައި މައްޗަންގޯޅި ދެކުނު ދާއިރާއަށް ވާދަކުރި މީހެކެވެ. 'ރޯޔަލް ހުސައިން ތަކުރު'ގެ ނަމުގައި އޭނާ ހިންގާ ކަމަށް ތުހުމަތުކުރާ ޓުވިޓާ އެކައުންޓުން އިންޑިއާ ހައިކޮމިޝަން ވަރަށް އަވަހަށް ގޮއްވާލާނެ ކަމަށް ބުނެފައިވެއެވެ. ނަމަވެސް މިހާރު އެ އެކައުންޓް ވަނީ ސަސްޕެންޑް ކޮށްފަ އެވެ.

ގައުމުތަކާ މެދު އޮންނަ ގުޅުންތަކާ ބެހޭ ހަގީގަތެެއް ނެތް ވާހަކަތަކާއި ރާއްޖޭގައި ހުންނަ ބައެއް ޑިޕްލޮމެޓިކް މިޝަންތަކާއި އެ މިޝަންތަކުގައި މަސައްކަތްކުރާ ޑިޕްލޮމަޓުންނާ ގުޅޭ ގޮތުން އޮންލައިން ނޫހަކުން ކޮށްފައިވާ ޓުވީޓުތަކުގެ ސަބަބުން، ރާއްޖޭގައި ހުންނަ ޗައިނާ އެމްބަސީ ކުރިމަތީގައި މުޒާހަރާ ކުރާނެ ކަމަށާއި އިންޑިއާގެ ހައިކޮމިޝަން ގޮއްވާލާނެ ކަމުގެ އިންޒާރު ސޯޝަލް މީޑިއާގައި ދީފައިވާ ކަމަށް ފުލުހުން ދާދި ފަހުން ވަނީ ބުނެފައެވެ. އަދި އެކަމާ ގުޅިގެން އެ ދެ އިމާރާތުގެ ސެކިއުރިޓީ ވަނީ ވަރުގަދަކޮށްފައެވެ.