ނ. މިލަދޫ ބަނދަރުގެ މަސައްކަތުގެ އަޕްޑޭޓް އެ މަސައްކަތުގެ ކޮންޓްރެކްޓަރު، އެމްޓީސީސީން ދީފި އެވެ.

އެ ކުންފުނިން ބުނީ މިލަދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން، ބޭރުތޮށި ލުމަށް ބޭނުންވާ ބޮޑުހިލައިގެ ދެވަނަ ޝިޕްމަންޓް އެ ރަށަށް ގެންގޮސްފައިވާ ކަމަށެވެ.

އެމްޓީސީސީން ބުނީ ބޭރުތޮށީގެ ވަށައިގެން ޖަހާ ބޮޑުހިލަ އެ ރަށަށް ގެންގޮސްފައިވަނީ އިއްޔެ ކަމަށެވެ.

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން އެމްޓީސީސީއާ ހަވާލު ކޮށްގެން ކުރިއަށްގެންދާ މި މަޝްރޫއުގެ އަގަކީ 42.1 މިލިއަން ރުފިޔާ އެވެ. މަޝްރޫއުގެ ތެރެއިން އާ ހާބަރުގެ ބޭސިން ފުންކުރުމުގެ 91 ޕަސެންޓާއި ބޭރު ތޮށި ލުމުގެ މަސައްކަތުގެ 75 ޕަސެންޓް މިހާރު ވަނީ ނިންމާލައިފަ އެވެ.

މި މަޝްރޫއުގެ ދަށުން 37،222 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި، 248 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމާއި، 137 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓް ޖެހުމާއި، 286 މީޓަރުގެ ސަރަހައްދެއްގައި އެއްގަމު ތޮށި ލުމުގެ މަސައްކަތް ހިމެނެއެވެ. އަދި 1،430 އަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހަދައި، ނެރު ބައްތި ޖެހުމާއި މަގު ބައްތި ޖެހުމުގެ މަސައްކަތް ވެސް ހިމެނެ އެވެ.