ޔޫރޯ 2020

ޔޫރޯގެ އެންމެ މޮޅު ކުޅުންތެރިޔަކަށް އިޓަލީގެ ގޯލްކީޕަރު ޑޮނަރޫމާ

ޔޫއެފާ ޔޫރޯ 2020 ގެ އެންމެ މޮޅު ކުޅުންތެރިޔަކަށް އަދި އެންމެ މޮޅު ގޯލްކީޕަރަކަށް އިޓަލީގެ ގޯލްކީޕަރު ޖިއާންލުއީޖީ ޑޮނަރޫމާ ހޮވިއްޖެއެވެ.

އިޓަލީން އެންމެފަހުން ކުޅުނު 34 މެޗުންވެސް ބަލިވެފައި ނުވާއިރު، އެޓީމުން މުބާރާތް ނިންމާލީވެސް ހުސް މޮޅާއެކުގައެވެ. ގްރޫޕް ސްޓޭޖުގައި ކޮޅަށް ގޯލެއް ނުވައްދައި އިޓަލީން ނިންމާލައިފައިވާ އިރު، ތަށްޓާ ހަމައަށް ކުރި ދަތުރުގައި އެންމެ މުހިއްމު ދައުރެއް އަދާކުރީ ޑޮނަރޫމާއެވެ. ސެމީ ފައިނަލުގައި ސްޕެއިންއާ ދެކޮޅަށް ކުޅެ އިޓަލީން ޕެނަލްޓީ ޖަހައިގެން މޮޅުވި އިރު، ޑޮނަރޫމާގެ މުހިއްމު ޕެނަލްޓީ ސޭވްތަކެއް ފެނިފައިވެއެވެ.

މިރޭ ކުޅުނު ފައިނަލް މެޗުގައި އިންގްލެންޑާ ދެކޮޅަށް ކުޅެ އިޓަލީ ޕެނަލްޓީ ޖަހައިގެން މޮޅުވުމުގައިވެސް އެންމެ މުހިއްމު ދައުރެއް އަދާކުރި ޑޮނަރޫމާއެވެ. އިންގްލެންޑްގެ ދެ ޕެނަލްޓީ ޑޮނަރޫމާ މަތަކޮށްފައިވެއެވެ. އޭނާއަކީ މެޗުގެ ހޯރީއެވެ. މުބާރާތުގައި އިޓަލީގެ ވެސް ހީރޯއެކެވެ.

ޑޮނަރޫމާ ވެފައި ވަނީ ޔޫރޯ މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ދެވަނަ ގޯލްކީޕަރަށެވެ. ޑެންމާކުން 1992 ވަނަ އަހަރު ތަށި ނެގި ފަހަރު އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ޑެންމާކު ގޯލްކީޕަރު ޕީޓާ ޝޫމައިކަލްއެވެ.

އިޓަލީގެ އުމުރުން 22 އަހަރު ގޯލްކީޕަރު ޑޮނަރޫމާއަކީ މިހާރު ދުނިޔޭގައި ހުރި އެންމެ މޮޅު ގޯލްކީޕަރެވެ. 2015 ވަނަ އަހަރުން ފެށިގެން އޭސީ މިލާނަށް ކުޅެމުން އަންނަ ޑޮނަރޫމާ މިހާރު ކޮންޓްރެކްޓް ހަމަވެފައި ހުރި އިރު، އޭނާ އަންނަ ސީޒަންގައި ފެންނާނީ ޕީއެސްޖީންނެވެ. ޔޫރޯގެ ތެރެއިން ޕީއެސްޖީން ވަނީ ޑޮނަރުމާ ގެންދަން ހުރިހާ ކަމެއް ނިންމައިފައެވެ.

ޔޫރޯ 2020 ގެ އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔަކީ ޕޯޗުގަލްގެ ކްރިސްޓިއާނޯ ރޮނާލްޑޯއެވެ. އޭނާ ވަނީ ފަސް ގޯލު ޖަހައި، އެސިސްޓެއް ކޮށްފައެވެ. ޗެކު ރިޕަބްލިކްގެ ޕެޓްރިކް ޝިކް ފަސް ގޯލު ޖެހި ނަމަވެސް ރޮނާލްޑޯއަށް އެ މަގާމު ލިބުނީ އެސިސްޓް ގުނައިގެންނެވެ.