މެންބަރު އަބްދުﷲ ރިޔާޒް

މެމްބަރު އަބްދުﷲ ރިޔާޒު ޖޭޕީން ވަކިވެވަޑައިގެންފި

ތިމަރަފުށީ ދާއިރާގެ މެމްބަރު އަދި ޖުމްހޫރީ ޕާޓީގެ ނައިބު ލީޑަރު އަބްދުﷲ ރިޔާޒު އެ ޕާޓީން ވަކިވެވަޑައިގެންފި އެވެ.

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމަށް ރިޔާޒް މިއަދު ފޮނުއްވި ސިޓީގައި ވަނީ ސިޔާސީ ޕާޓީއެއް އުފައްދައިގެން ދިވެހި ގައުމަށާއި ރައްޔިތުންނަށް ހިދުމަތް ކުރުމަށް ނިންމާފައިވާތީ މިއަދުން ފެށިގެން އެ ޕާޓީގެ މެމްބަރުކަމުން ވަކިވާ ކަމަށެވެ.

"މި ފުރުސަތުގައި މަނިކުފާނާއި ޖުމްހޫރީ ޕާޓީގެ އެންމެހައި މެމްބަރުންގެ ފަރާތުން އަޅުގަނޑަށް ވެވަޑައިގެންނެވި އެންމެހައި އެހީތެރިކަމާއި އެއްބާރުލުމަށް ހިތުގެ އެންމެ ފުންމިނުން އިޚްލާސްތެރިކަމާއެކު ޝުކުރު ދަންނަވަމެވެ،" ރިޔާޒު ފޮނުއްވި ސިޓީގައިވެ އެވެ.

ދަނގެތީ ދާއިރާގެ މެމްބަރު އަދި ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމް އިސްވެ ހުންނަވައި ސިޔާސީ ޕާޓީއެއް އުފައްދަން އުޅޭކަން އިއްޔެ ވަނީ ހާމަވެފަ އެވެ.

"ވަން" އިން ދެންނެވި ސުވާލަކަށް ޖަވާބުދެއްވަމުން ކާނަލް ނާޒިމް ވިދާޅުވީ ސިޔާސީ ޕާޓީއެއް އުފައްދަވަން ނިންމަވާފައިވާ ކަމަށާއި އެކަމާ ގުޅޭ ތައްޔާރީތައް ވަމުން އަންނަ ކަމަށެވެ. އަދި ވަރަށް އަވަހަށް ރަސްމީކޮށް އިއުލާނުވެސް ކުރައްވާނެ ކަމަށް ވިދާޅުވި އެވެ.

ނާޒިމް އިސްވެ ހުންނަވައި މި އުފައްދާ ސިޔާސީ ޕާޓީގެ ފަރާތުން ރިޔާސީ އިންތިހާބުގައި ނާޒިމް ވާދަކުރައްވާނަންތޯ ސުވާލު ކުރުމުން ވިދާޅުވީ ރައްޔިތުން ބަލައިގަންނަ ރައްޔިތުންގެ ތާއީދު އޮތް ކެންޑިޑޭޓަކު އެ ޕާޓީން އިންތިހާބަށް ނެރޭނެ ކަމަށެވެ.

"އެކަން ނިންމާނީ އަޅުގަނޑުމެންގެ ޕާޓީން. އެކަމަކު މި ޕާޓީން ރިޔާސީ އިންތިހާބަށް ކެންޑިޑޭޓަކު ނެރޭނެ. އަދި އެއީ ރައްޔިތުންގެ ތާއީދުވެސް ލިބިފައިވާ ކެންޑިޑޭޓަކަށް ވާނެ." ނާޒިމް ވިދާޅުވި އެވެ.

ނާޒިމް އިތުރަށް ވިދާޅުވީ ޕާޓީއާ ގުޅޭ ކަންކަމުގެ މައުލޫމާތު ދެއްވުމަށް ވަރަށް އަވަހަށް ނިއުސް ކޮންފަރެންސެއް ބާއްވާނެ ކަމަށާއި އެ ބައްދަލުވުމުގައި މި ކަމުގެ އިތުރު ތަފްސީލު ދެއްވާނެ ކަމަށެވެ.