ފަރުވާއަށް ފަހު މާލެ ވަޑައިގަތުމާ އެކު އަނެއްކާ ވެސް އެމަނިކުފާނު މަރާލުމަށް ހަމަލާއެއް ދެވޭނެ ގޮތަށް ކަންކަން ދޫކޮށްލައިގެން ނުތިބުމަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ގޮވާލައްވައިފި އެވެ.
ރައީސް ނަޝީދަށް އަމާޒުކޮށް މިދިޔަ މޭ މަހުގެ ހަ ވަނަ ދުވަހުގެ ރޭ ދިން ހަމަލާއާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީން އެކުލަވައިލި، އިންކުއެރީ ރިޕޯޓު އެމަނިކުފާނަށް އެރުވުމަށް އޮންލައިންކޮށް ބޭއްވި ރަސްމިއްޔާތެއްގައި ރައީސް ނަޝީދު ވިދާޅުވީ، ރިޕޯޓްގައި ކަންބޮޑުވާ ކަންތައްތަކެއް ހުރިކަމަށާއި ސަލާމަތީ ހިދުމަތްތަކެއްގެ ތެރޭގައި ރަނގަޅު ކުރަންހުރި ކަންކަން އަވަހަށް ރަނގަޅު ކުރަން ޖެހޭ ކަމަށެވެ.
"އަޅުގަނޑު ހަމަ މާލެ އަރާތުނުން އަނެއްކާ ވެސް އިތުރަށް ބަޔަކު މީހުން މަސައްކަތްކޮށްގެން އަޅުގަނޑު މަރާލުމަށް ކަންކަން ހިންގަން އުޅޭ އުޅުމެއް އޮވެގެން ނުވާނެ ކަމަށް އަޅުގަނޑުމެން އެންމެނަށް ވެސް އެބަފެނޭ،" ރައީސް ނަޝީދު ވިދާޅުވި އެވެ.
ފަރުވާއަށް އަދި ދުވަސްކޮޅަކު ރާއްޖެ އިން ބޭރުގައި ހުންނަން ޖެހޭނެކަން ފާހަގަކޮށް ރައީސް ނަޝީދު ވިދާޅުވީ، އެހުރިހާ ކަމަކުން އަރައިގަނެ ލަސްތަކެއް ނުވެ ރާއްޖެ ދެވޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް އިތުބާރުއޮތްކަން ފާހަގަކޮށް ރައީސް ނަޝީދު ވިދާޅުވީ، އެމަނިކުފާނު ފަހަތަށް ޖެހިވަޑައި ނުގަންނަވާނެ ކަމުގެ ޔަގީނަކްން އެބައޮތް ކަމަށެވެ. އަދި މި ވަގުތުން ވަގުތަށް އަޅަން ޖެހޭ ފިޔަވަޅުތައް އަޅައިދެއްވުމަށް ރައީސް ނަޝީދު ވަނީ އެދިވަޑައިގެންފަ އެވެ.
"ރިޕޯޓްގެ ރިކޮމެންޑޭޝަން އަރުއްވާފައިވާ އިރުޝާދާއި ލަފާ ރައިސުލްޖުމްހޫރިއްޔާ ހެޔޮގޮތުގައި ބަލައިގަންނަވާ އެމައްޗަށް އަވަހަށް އަމަލުކުރުމަކީ ރާއްޖޭގެ ރައްޔިތުންނަށް އަޅުގަނޑު ދެކޭ ގޮތުގައި މިވަގުތު އެންމެ ބޭނުންތެރިކަންތައް،" ރައީސް ނަޝީދު ވިދާޅުވި އެވެ.
"މައްސަލަ އަވަހަށް ބައްލަވާށޭ. އެއްވެސް ހާލެއްގައި ކުޑަކޮށްވެއް ފަހަތަށް ޖެހިވަޑައިނުގަންނަވާށޭ،" ރައީސް ނަޝީދު ވިދާޅުވި އެވެ.
އެ ރިޕޯޓު މިއަދު ވަނީ ރައީސް ސޯލިހަށް ވެސް އަރުވާފަ އެވެ. އަދި އެ ރިޕޯޓުގައި އިސްލާހު ކުރަން ބުނެފައިވާ ކަންކަން އިސްލާހު ކުރައްވާނެ ކަމަށް ރައީސް ސޯލިހު ވަނީ ވިދާޅުވެފަ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު