ތ. ގުރައިދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ މަސައްކަތް ނިމުމަކާ ގާތްވެއްޖެ އެވެ.

ގުރައިދޫ ބަނދަރު މަޗްރޫއުގެ މައުލޫމާތު ހިއްސާ ކުރަމުން އެ މަސައްކަތުގެ ކޮންޓްރެކްޓަރު، އެމްޓިސީސީން ބުނީ މުޅި މަޝްރޫއުގެ މަސައްކަތުގެ 60 ޕަސެންޓް މިހާރު ނިމިފައިވާ ކަމަށެވެ. އަދި ބޭރުތޮށި ލުމަށް ބޭނުންވާ ބޮޑުހިލައިގެ ފުރަތަމަ ޝިޕްމަންޓް މިހާރު ޕްރޮޖެކްޓް ސައިޓަށް ގެނެސްފައިވާ ކަމަށްވެސް ބުންޏެވެ.

މި މަޝްރޫއުގެ ދަށުން 24،485 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި، 325 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމާއި، 185 މީޓަރުގެ ސަރަހައްދެއްގައި އެއްގަމުތޮށި ލުން ހިމެނޭ ކަމަށް އެމްޓީސީސީން ވަނީ ބުނެފަ އެވެ. އަދި 22 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 1875 އަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހެދުމުގެ މަސައްކަތްވެސް ހިމެނޭ ކަމަށްވެސް އެކުންފުނިން ބުންޏެވެ.

މި މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 46.01 މިލިއަން ރުފިޔާއަށެވެ.