ވޭތުވެދިޔަ އަހަރުތަކާ އަޅައިބަލާއިރު މިއަހަރުގެ މިހާތަނަށް އަރިދަފުސް ރޯގާ އަދި ޑެންގޫ ޖެހޭ މިންވަރު މަދުވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.
އެޗްޕީއޭއިން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ މިދިޔަ އަހަރުގެ މިދުވަސްވަރާ އަޅައި ބަލާއިރު އަރިދަފުސް ރޯގާ އަދި ޑެންގޫ ހުން ޖެހޭ މިންވަރު މަދުވެފައިވާ ކަމަށާއި މިބަލި ޖެހިގެން ރިޕޯޓު ކުރި އަދަދުވެސް ދަށަށް ގޮސްފައިވާ ކަމަށެވެ.
މަދިރީގެ ޒަރީއާއިން ޖެހޭ ބަލި މިދުވަސްވަރު މަދު ނަމަވެސް އެ ބަލިތަކުން ރައްކާތެރިވުމަށް ހާއްސަ ސަމާލުކަން ދިނުމަށް އެޗްޕީއޭ އިން ވަނީ އިލްތިމާސް ކޮށްފަ އެވެ.
އެޗްޕީއޭގެ ތަފާސް ހިސާބުތަކަށް ބަލާއިރު މި އަހަރުގެ މޭ މަހު ޑެންގޫ ހުން ޖެހިގެން ރިޕޯޓު ކުރި އަދަދަށްވުރެ ޖޫން މަހުގެ އަދަދު ވަނީ ވަރަށް ބޮޑަށް ދަށްވެފަ އެވެ. އެގޮތުން މޭ މަހު 12 މީހަކު ޑެންގޫ ޖެހިގެން ރިޕޯޓު ކޮށްފައިވާއިރު ޖޫން މަހު ރިޕޯޓު ކޮށްފައިވަނީ ހަތް މީހުންނެވެ.
މީގެ އިތުރުން އަރިދަފުސް ރޯގާ ޖެހިގެން 12،216 މީހަކު މޭ މަހުގައި ރިޕޯޓުކޮށްފައިވާއިރު މި އަދަދު ޖޫން މަހު ވަނީ ދެ ގުނަ ދަށްވެފަ އެވެ. އެގޮތުން ޖޫން މަހު ރޯގާ ޖެހިގެން ރިޕޯޓު ކޮށްފައިވަނީ 5،168 އަށް މީހެކެވެ. އަދި ބޭރަށް ހިންގުމާއި ހޮޑުލުމުގެ ރިޕޯޓުވެސް މޭ މަހާ އަޅައި ބަލާއިރު ޖޫން މަހު ވަނީ ދަށްވެފަ އެވެ. އެގޮތުން މޭ މަހު 1451 މީހަކު ރިޕޯޓުކޮށްފައިވާއިރު ޖޫން މަހު ރިޕޯޓު ކޮށްފައިވަނީ 882 މީހުންނެވެ.
އެޗްޕީއޭ އިން ބުނީ މިއިން ބައްޔެއް ޖެހިއްޖެ ނަމަ ވީހާވެސް އަވަހަކަށް ޑޮކްޓަރެއްގެ ލަފާ ހޯދުން މުހިންމު ކަމަށާއި ބަލި ޖެހިފައިވާ ނަމަ ރައްކާތެރިކަމުގެ ގޮތުން ފިޔަވަޅު އެޅުން މުހިންމު ކަމަށެވެ. އެގޮތުން އަމިއްލަ ސާފުތާހިރުކަމަށް ސަމާލުކަން ދިނުމާއި މަދިރިން ރައްކާތެރިވުން މުހިންމު ކަން ވަނީ ފާހަގަ ކޮށްފަ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު