ކުޑަކުދިންނާ ގުޅުން ހުރި މައްސަލަތައް ތަހުގީގު ކުރުމަށް 300 އެއްހައި ތަމްރީނުކޮށްފައި ވާ ކަމުގައި ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް ރިފްއާން އަހުމަދު އަދި އިންސްޕެކްޓާ އޮފް ޕޮލިސް އަހުމަދު ސަފްވަތު ރައޫފް ވިދާޅުވެއްޖެ އެވެ.
ކުޑަކުދިންނާ ގުޅޭ މައްސަލަތައް ތަހުގީގު ކުރުމަށް ފުލުހުންގެ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަނުން ކުރާ މަސައްކަތްތަކާ ގުޅޭގޮތުން ހުކުރު ދުވަހުގެ ރޭ ޕީއެސްއެމް އިން ގެނެސްދިން، ރާއްޖެ މިއަދު ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން އެ ބޭފުޅުން ވިދާޅުވީ ކުޑަކުދިންނާ ގުޅުންހުރި މައްސަލަތަކަކީ ހާއްސަ ސަމާލުކަމެއް ދީގެން ފުލުހުން ބަލަމުން އަންނަ މައްސަލަތެއް ކަމަށާއި ކުޑަކުދިންނާ ގުޅުން ހުރި މައްސަލަތައް ތަހުގީގު ކުރުމަށް ތަމްރީނު ލިބިފައިވާ ޖުވެނައިލް އޮފިސަރުން އުފައްދާފައިވާ ކަމުގައެވެ.
އެގޮތުން ސެންސިޓައިޒޭޝަން ޕްރޮގްރާމް ރާއްޖޭގެ އެކި ސަރަހައްދުގައި ހިންގާފައި ވާނެ ކަމަށާއި އެ ޕްރޮގްރާމްތަކުން، ފުލުހުންގެ ފްރަންޓް ލައިންގައި މަސައްކަތްކުރާ އޮފިސަރުންނާއި، އިންވެސްޓިގޭޝަން އޮފިސަރުން ހިމެނޭހެން 300 އެއްހައި ފުލުހުން މިހާތަނަށް ތަމްރީނުކޮށްފައިވާ ކަމުގައި ވިދާޅުވިއެވެ.
ރިފްއާން ވިދާޅުވީ އަލަށް އެކުލަވައިލި، ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނާއި، ކުޑަކުދިންގެ އަދުލުގެ ގާނޫނާއެކު، ކުޑަކުދިންނާ ގުޅުން ހުރި ތަފާތު މައްސަލަތައް ބަލައި ތަހުގީގު ކުރުމުގައި ފުލުހުންގެ ދައުރު ކުރިއަށްވުރެ ފުޅާވެ، އިތުރު ފަސޭހަތަކެއް ލިބިފައިވާ ކަމަށެވެ. އެ ގާނޫނުތަކަށް ފުލުހުން އިތުރަށް އަހުލުވެރި ކުރުވުމުގެ މަސައްކަތްވެސް ކުރަމުން އަންނަ ކަމުގައި ވިދާޅުވިއެވެ.
އެގޮތުން، ރިފްރެޝާ ޕްރޮގްރާމްތައް ހިންގަމުން އަންނަ ކަމަށާއި ރާއްޖެއާއި ރާއްޖެއިން ބޭރުންވެސް ފުލުހުންނަަށް ތަމްރީނުދެމުން އަންނަ ކަމަށާއި ކަމާ ގުޅުން ހުރި އިދާރާތަކާއި ޖަމިއްޔާތަކުގެ ހިޔާލާއި މަޝްވަރާ ހޯދައި ފުލުހުން ތަމްރީނު ކުރަމުން އަންނަ ކަމުގައިވެސް ރިފްއާން ވިދާޅުވިއެވެ. އަދި ޗައިލްޑް ޑާޓާ ބޭސް އިތުރަށް ހަރުދަނާ ކުރުމުގެ މަސައްކަތްވެސް ކުރަމުން އަންނަ ކަމަށާއި ޕްރޮޖެކްޓް ގާޑިއަންގެ މަސައްކަތްތައްވެސް ފަށާފައިވާ ކަމުގައި އޭނާ ރިފްއާން ވަނީ ފާހަގަކުރައްވާފަ އެވެ.
އޭގެ އިތުރުން، ރިފްއާން ވިދާޅުވީ ކުޑަކުދިންނާ ގުޅުންހުރި މައްސަލަތައް ރިޕޯޓު ކުރުމުގައި ބައެއް މީހުން ސޯޝަލް މީޑިއާ ބޭނުންކުރަމުން އަންނަ ކަމަށާއި ސޯޝަލް މީޑިއާގައި އެ ފަދަ މައުލޫމާތު ހިއްސާ ކުރުމުން އެ މައްސަލަ ތަހުގީގު ކުރުމުގައި ދަތިތައް ދިމާވާ ކަމަށެވެ. އަދި ސޯޝަލް މީޑިއާގައި ކުށްވެރިޔާގެ މައުލޫމާތު ހިއްސާކުރުމުން މައްސަލައިގެ ހެކި ގެއްލޭ ކަމަށާއި ހެއްކަށް ނުފޫޒު ފޯރުވުން ފަދަ ކަންކަން ކުރިމަތިވަމުންދާ ކަމުގައިވެސް އޭނާ ވިދާޅުވި އެވެ.
"ސޯޝަލް މީޑިއާގައި ކުޑަކުދިންނާ ގުޅުންހުރި މައްސަލަތައް ރިޕޯޓުކޮށް ވިކްޓިމްގެ ޒާތީ މައުލޫމާތު ހިއްސާ ނުކުރުމަށް އަޅުގަނޑުމެން ވަރަށް ބޮޑަށް އިލްތިމާސް ކުރަން. ގިނަދުވަސް ވެފައި ހުންނަ މައްސަލަތައް ހުށަހެޅުމުން އެ މައްސަލައެއްގައި އެކަށީގެންވާ ހެއްކެއް ނުހުރޭ. އެހެންކަމުން ކަމެއް ދިމާވުމުން ވީހާވެސް އަވަހަކަށް ފުލުހުންނަށް ރިޕޯޓު ކުރުމަށްވެސް އަޅުގަނޑުމެން އިލްތިމާސްކުރަން." އޭނާ ވިދާޅުވި އެވެ.
ސަފްވަތު ވިދާޅުވީ ކުޑަކުއްޖަކަށް އަނިޔާއެއް ލިބޭކަން އެނގިހުރެ އެކަން ރިޕޯޓު ނުކުރުމަކީ ކުށެއް ކަމަށާއި ކުޑަކުދިން ގްރޫމް ކުރުުމަކީވެސް ކުށެއް ކަމަށެވެ. އަދި ކުޑަކުދިންނާ ގުޅޭ މައްސަލައެއް ރިޕޯޓު ކުރާ ހިސާބުން ފެށިގެން އެ ކުއްޖަކަށް ރައްކާތެރިކަން ގާއިމުކޮށްދިނުމަށް ފުލުހުން މަސައްކަތްކުރަމުން އަންނަ ކަމަށާއި ކައުންސެލިން ބޭނުންވާ ކުދިންނަށް ކައުންސެލިން ދިނުން ވެސް ކުރިއަށް ގެންދާ ކަމަށެވެ.
މީގެ އިތުރުން ކުޑަކުދިންނަށް ރައްކާތެރިކަން ދިނުމުގައި ގާނޫނުގެ އިތުރުން މުޖުތަމައުގެ ދައުރު އަދި އާއިލާތަކުގެ ދައުރުވެސް މުހިންމުކަމުގައި އޭނާ ވަނީ ފާހަގަކުރައްވާފަ އެވެ. ކުޑަކުދިންނާ ދެކޮޅަށް ހިންގާ ކަންކަމުގައި ކުށްވެރި ވާނީ އަނިޔާ ލިބުނު ކުއްޖާ ނޫންކަމާއި ކުދިން ކުރާ ކަންކަން މައިންބަފައިން ވަރަށް ގާތުން ބަލަން ވާނެ ކަމަށްވެސް ވަނީ ވިދާޅުވެފަ އެވެ. މައިންބަފައިންނާއި ކުދިންނާ އޮންނަ ގުޅުން އިތުރަށް ރަނގަޅުކޮށް ކުއްޖާއާ ގާތް ގުޅުމެއް އުފެއްދުމަށް ވަނީ އިލްތިމާސްކުރައްވާފަ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު