ހައުސިން ޑިވޮލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ފްލެޓް ލިބުނު ފަރާތްތަކަށް ވެސް އަދި ފްލެޓް ނުލިބޭ ފަރާތްތަކަށް ވެސް މޯބައިލް ނަންބަރަކުން ނުގުޅާނެ ކަމަށް ބުނެފި އެވެ.

އެޗްޑީސީން އެހެން ބުނެފައިވަނީ، ހިޔާ މަޝްރޫއުން ފްލެޓް ލިބިފައިވާ ފަރާތްތަކަށް އެ ކުންފުނީގެ ނަމުގައި ގުޅާ ކަމަށް ބުނެ ޝަކުވާތަކެއް ހުށަހަޅަމުން ދާތީ އެވެ.

އެޗްޑީސީން މިއަދު ނެރުނު އިއުލާނެއްގައި ބުނީ، ހިޔާ މަޝްރޫއުގެ ދަށުން އިމާރާތް ކޮށްފައިވާ ފްލެޓްތަކަށް ހޮވިފައިވާ ފަރާތްތަކަށް ގުރުއަތުން ލިބޭ ފްލެޓް ކަނޑައެޅުމަށްފަހު، ގުރުއަތުން އެއްވެސް ފަރާތަކަށް ކަނޑައެޅިފައި ނުވާ ފްލެޓްތަކަށް ހޮވިފައިވާ ކަމަށް ބުނެ އެ ކޯޕަރޭޝަނުން އެއްވެސް ފަރާތަކަށް ފޯނު މެދުވެރިކޮށް ނުގުޅާނެ ކަމަށެވެ.

"ގުރުއަތުން ފްލެޓް ލިބިފައިވާ ފަރާތްތަކާއި ފްލެޓް ލިބިިފައި ނުވާ އެއްވެސް ފަރާތަކަށް ފޯނު މެދުވެރިކޮށް ލިބިފައިވާ ފްލެޓްގެ ތަފުސީލު ހިއްސާ ކުރުމަށް ނުގުޅާނެ ކަން އެންމެހައި ފަރާތްތަކުގެ ސަމާލުކަމަށް ޓަކައި ދަންނަވަމެވެ،" އެޗްޑީސީގެ ބަޔާނުގައި ބުނެފައިވެ އެވެ.

ފްލެޓަށް ހޮވިފައިވާ ފަރާތްތަކަށް ލިބޭ ފްލެޓް ކަނޑައެޅުމަށް އަމަލުކުރަމުން އަންނަ އުސޫލަކީ، ފްލެޓް ގުރުއަތު ނެގުން ހަމަޖެހިފައިވާ ތާރީހު އަދި އެދުވަހެއްގެ ގުރުއަތުގައި ފްލެޓް ކަނޑައެޅޭނެ ފަރާތްތައް ހިމެނޭ ލިސްޓު އާންމުކޮށް އަންގައި އިއުލާނު ކުރުމަށްފަހު ޓީވީގެ ޒަރިއްޔާއިން ގެނެސްދެވޭ ލައިވް ޕްރޮގްރާމެއް މެދުވެރިކޮށް ގުރުއަތު ނެގުން ކުރިއަށް ގެންދިއުން ކަމަށް އެޗްޑީސީން ވަނީ ބުނެފަ އެވެ.

އެ މަޝްރޫއާ ގުޅޭ އެއްވެސް މައުލޫމާތެއް އެޗްޑީސީން އާންމުންނާ ހިއްސާ ކުރާނީ އެ ކުންފުނީގެ ސޯޝަލް މީޑިއާ ޕޭޖްތަކާއި އާންމު އިއުލާނުން ކަމަށް ވަނީ ބުނެފަ އެވެ. އަދި އެޗްޑީސީން އެއްވެސް ފަރާތަކަށް ގުޅާ ނަމަ ގުޅާނީ އެތަނުގެ ރަސްމީ ނަންބަރުތަކުން ކަމަށް ވެސް ވަނީ ބުނެފަ އެވެ.