ސްޕެއިނުން ވަނީ މީގެ ކުރިން ވެސް ރަން ޖީލެއް އުފައްދައިފައެވެ. އެ ކުޅުންތެރިންނާއެކު ސްޕެއިނުން ވަނީ 2008 އިން ފެށިގެން 2012 އަށް ތިން މުބާރާތް ކާމިޔާބުކޮށްފައެވެ. އެއީ 2008ގެ ޔޫރޯ އާއި 2010ގެ ވޯލްޑް ކަޕް އަދި 2012ގެ ޔޫރޯއެވެ. އޭގެ ތެރެއިން ވެސް އެންމެ ވަރުގަދަ ޓީމެއް ފެނިގެންދިޔައީ ޔޫރޯ 2012 ގައެވެ. ސްޕެއިންގެ އޭރު ޓީމު ވެގެންދިޔައީ ބަލިކުރަން އުނދަގޫ، އެހެން ޓީމުތަކަށް ނުރައްކާ ޓީމެއްގެ ގޮތުގައެވެ.
ސްޕެއިނުން ޔޫރޯ 2020 އަށް ނުކުތް އިރު، އެޓީމުން މުބާރާތުގައި މާ ކުރިއަށްދާނެ ކަމަކަށް ގިނަ ބަޔަކު އުންމީދެއް ނުކުރެއެވެ. މިފަހަރު ސްޕެއިންގެ ޓީމުގައި ފާހަގަކޮށްލެވޭ ތަރިޔަކުވެސް ނެތެވެ. ހާއްސަކޮށް ސްޕެއިންގެ ކެޕްޓަން ސާޖިއޯ ރާމޯސް، ސްކޮޑުގައި ނުހިމެނުން ވެގެންދިޔައީ އިތުރު ސުވާލުތަކެއް އުފެދިގެންދިޔަ ކަމަކަށެވެ. ސްކޮޑުގައި ރާމޯސް ހިމަނާފައި ނުވަނީ ކޯޗު ލުއިސް އެންރީކޭ އާއި ރާމޯސްއާ ވާހަކަދައްކައި، އަނިޔާއިން ރިކަވާ ވުމަށް އިތުރު ވަގުތު ދިނުމަށެވެ.
ޓީމުން ރާމޯސް ވަކިވުމުން ދެން އެ މަސްއޫލިއްޔަތުތައް އަދާކުރަން ޖެހުނީ އަބަދުވެސް މިޑްފީލްޑުގައި ބުރަ މަސައްކަތެއް ކުރާ ސާޖިއޯ ބުސްކެޓްސްއަށެވެ. މިފަހަރުގެ މުބާރާތާ ކުރިމަތިލީ އިރު، ސްޕެއިންގެ އެއް ނަންބަރު ގޯލްކީޕަރު ޑޭވިޑް ޑެ ހެއާ ވެސް ހުރީ އެންމެ ރަނގަޅު ފޯމުގައެއް ނޫނެވެ. އަދި ސްޕެއިންގެ ސްޓްރައިކަރު އަލްވާރޯ މޮރާޓާއަކީ ވެސް ނުރައްކާތެރި ސްޓްރައިކަރެއް ނޫނެވެ.
މިފަހަރުގެ ޓީމާ އަޅައި ބަލާއިރު، ޔޫރޯ 2012ގައި ސްޕެއިނުން ނެރުނު ޓީމު ހުރިހާ ގޮތަކުން ވެސް ވަރުގަދައެވެ. ސްޕެއިންގެ ފުރަތަމަ ގޯލްޑަން ޖެނެރޭޝަންގެ ޓީމުގައި ކީޕަރު އިކާ ކަސިޔަސް، ޖެރާޑް ޕީކޭ، އަންދްރޭސް އިނިއެސްޓާ، ޒަވީ، ފެނާންޑޯ ޓޮރޭސް، ސެސް ފެބްރިގާސް، ޒަބީ އަލޮންސޯ، ސާޖިއޯ ރާމޯސް، ސާޖިއޯ ބުސްކެޓްސް، ޖޯޑީ އަލްބާ އަދި ޑޭވިޑް ސިލްވާ ފަދަ ތަރިން ހިމެނުނެވެ. އެ ކުޅުންތެރިންގެ ތެރެއިން މިފަހަރުގެ ޔޫރޯގެ ސްކޮޑުގައި ހިމެނުނީ ހަމައެކަނި ބުސްކެޓްސް އާއި ޖޯޑީ އަލްބާއެވެ.
އޭރު އޮތް ކަންބޮޑުވުމަކީ ސްޕެއިންގެ ރަން ޖީލުގެ ކުޅުންތެރިން ރިޓަޔާމަންޓާ ގާތުގައި އުޅުމެވެ. ކަސިޔަސް، ޒަވީ އަދި އަލޮންސޯގެ އުމުރުން 30 އަހަރުން މައްޗެވެ. އިނިއެސްޓާ އާއި ޓޮރޭސްގެ އުމުރުން 28 އަހަރެވެ. އަދި ފެބްރިގާސް، ރާމޯސް އަދި ޑޭވިޑް ސިލްވާގެ އުމުރު ހުރީ 25 އަހަރުން މަތީގައެވެ. މުހިންމު ކުޅުންތެރިންގެ ތެރެއިން 25 އަހަރުން ދަށުގައި އޭރު އުޅުނީ މިހާރު ވެސް ޓީމުގައި ހިމެނޭ ބުސްކެޓްސް އާއި ޖޯޑީ އަލްބާއެވެ.
ސްޕެއިންގެ ފުރަތަމަ ރަން ޖީލުގެ ކޯޗަކީ 2008 ވަނަ އަހަރު މަގާމާ ހަވާލުވި ވިސެންޓޭ ޑެލް ބޮސްކޭއެވެ. ސްޕެއިންގެ އެންމެ ކާމިޔާބު ކޯޗަކީ ވެސް އޭނާއެވެ. އޭނާ ވަނީ އެޓީމަށް 2010ގެ ވޯލްޑް ކަޕާއި ޔޫރޯ 2012ގެ ޔޫރޯ ކާމިޔާބުކޮށްދީފައެވެ. ނަމަވެސް 2012 އަށްފަހު ވޯލްޑް ކަޕް 2014 ގައި އޭނާގެ އިރުޝާދުގެ ދަށުން ސްޕެއިން ނިންމާލަން ޖެހުނީ ގްރޫޕު ސްޓޭޖުންނެވެ. 2016 ގައި ސްޕެއިންގެ ކޯޗުކަމުގެ މަގާމުން ވަކިވެ، ރިޓަޔާމަންޓް އިއުލާންކުރި ޑެލް ބޮސްކޭއަށް ސްޕެއިންއާއެކު ނުހޯދުނު ކާމިޔާބަކީ އިތުރު ރަން ޖީލެއް އުފެއްދުމެވެ.
ޔޫރޯ 2012ގެ ކާމިޔާބަށްފަހު، ވޯލްޑް ކަޕް އަދި ޔޫރޯގައި ވެސް ސްޕެއިން ފެނިގެންދިޔައީ ނާކާމިޔާބު ޓީމެއްގެ ގޮތުގައެވެ. ވޯލްޑް ކަޕް 2014 ގައި ގްރޫޕު ސްޓޭޖުން ނިންމާލި އިރު، ޔޫރޯ 2016 ނިންމާލީ ގަދަ 16 އިންނެވެ. އަދި އެންމެ ފަހުން ބޭއްވި ވޯލްޑް ކަޕް 2018 ނިންމާލީ ގަދަ 16 އިންނެވެ.
ބާސެލޯނާގައި ޔޫއެފާ ޗެމްޕިއަންސް ލީގާއެކު ގިނަ ކާމިޔާބީތަކެއް ހޯދާފައިވާ ލުއިސް އެންރީކޭ، ސްޕެއިންގެ ކޯޗުކަމުގެ މަގާމާ ހަވާލުވީ ވޯލްޑް ކަޕް 2018 އަށްފަހުއެވެ. އެއާއެކު އޭނާ ފެށި މަސައްކަތަކީ ސްޕެއިންގެ އިތުރު ރަން ޖީލެއް އުފެއްދުމުގެ މަސައްކަތެވެ.
އެންރީކޭއާއެކު ސްޕެއިނުން ކުރިމަތިލީ ފުރަތަމަ ބޮޑު މުބާރާތަކީ މިފަހަރުގެ ޔޫރޯއެވެ. ޔޫރޯއަށް ނެގި ސްކޮޑުން ވެސް ފެނިގެންދިޔައީ ބޮޑު ބަދަލެކެވެ. ސްޕެއިންގެ ސްކޮޑުން ކުރިން ބާސާ އާއި ރެއާލް މެޑްރިޑްގެ ގިނަ ކުޅުންތެރިންނަށް ޖާގަ ލިބުނު ނަމަވެސް، އެންރީކޭ ވަނީ އެކަން ވެސް ބަދަލުކޮށްފައެވެ.
މިފަހަރުގެ ސްކޮޑުން ފުރުސަތު ލިބުނީ ބާސާގެ ތިން ކުޅުންތެރިޔަކަށެވެ. ރެއާލް މެޑްރިޑްގެ އެއްވެސް ކުޅުންތެރިޔަކަށް ޖާގަ ލިބިފައެއް ނުވެއެވެ. އެކަމާ ގުޅިގެން ބާސާގެ ކޯޗެއްގެ ގޮތުގައި ކުރިން މަސައްކަތްކުރި މީހަކަށް ވުމުން، އެ ވާދަވެރިކަމުގެ ތެރެއިން ރެއާލްގެ ކުޅުންތެރިންނަށް ފުރުސަތު ނުދިނީ ކަމަށް ބުނެ އޭނާއަށް ގިނަ ފާޑުކިޔުންތަކެއް ވެސް އަމާޒުވިއެވެ. އެ ފާޑުކިޔުންތައް އެހެން އޮތް ނަމަވެސް، އެންރީކޭ އެކަމަށް މާބޮޑު ސަމާލުކަމެއް ނުދެއެވެ. މިފަހަރު އެންރީކޭ ނެގި ސްކޮޑުގައި ގިނަ ކްލަބުތަކަކަށް ނިސްބަތްވާ ކުޅުންތެރިން ހިމެނެއެވެ.
ސްޕެއިނުން މިފަހަރު ނެގީ ތަޖުރިބާކާރު ކުޅުންތެރިންތަކަކާއި ޒުވާން ކުޅުންތެރިން ހިމެނޭ ސްކޮޑެކެވެ. މެޗުތަކުގައި ފުރަތަމަ 11 އިން ގިނައިން ފުރުސަތުދީފައިވަނީ ވެސް ޓީމުގައި އަލަށް ހިމެނި ޒުވާން ކުޅުންތެރިންނަށެވެ. އެ ކުޅުންތެރިން ވަނީ މުބާރާތުގައި މޮޅު ކުޅުމެއް ދައްކައިފައެވެ.
އެންމެ ބޮޑު ހައިރާންކަމަކަށްވީ އެއް ނަންބަރު ގޯލްކީޕަރު ޑޭވިޑް ޑެ ހެއާގެ ބަދަލުގައި އުމުރުން 24 އަހަރުގެ ކީޕަރު އުނައި ސިމޮންއަށް ފުރަތަމަ 11 އިން ޖާގަ ދިނުމެވެ. ޑެ ހެއާގެ އުމުރުން މިހާރު 30 އަހަރެވެ. ސިމޮން އާއި ޑެހެއާގެ އިތުރުން ދެން ސްކޮޑުގައި ހިމެނުނު ކީޕަރަކީ އުމުރުން 23 އަހަރުގެ ރޮބާޓް ސަންޗޭޒެވެ.
ޑިފެންޑަރުންގެ ތެރޭގައި ވެސް ޒުވާން ކުޅުންތެރިންތަކެއް ފެނިގެންދިޔައެވެ. އޭގެ ތެރޭގައި އުމުރުން 20 އަހަރުގެ އެރިކް ގާސިއާ އާއި 24 އަހަރުގެ ޕައު ޓޮރޭސް ފާހަގަކޮށްލެވެއެވެ. ހުރިހާ މެޗެއްގައި ކުޅުނު ހަމައެކަނި ޑިފެންޑަރަކީ އުމުރުން 27 އަހަރުގެ އެއިމެރިކް ލަޕޯޓެވެ. އޭނާއަކީ ފްރާންސަށް އުފަން ކުޅުންތެރިއެއް ނަމަވެސް، ޓީމުން ޖާގަ ނުލިބޭތީ އޭނާ ސްޕެއިނަށް ރަށްވެހިކަން ބަދަލުކުރިއެވެ. މިދިޔަ މަހުން ފެށިގެން ސްޕެއިނަށް ކުޅެމުން އަންނަ ލަޕޯޓް، އެޓީމަށް ޖެހި ފުރަތަމަ ލަނޑުވެސް ފެނިގެންދިޔައީ ޔޫރޯގެ ގްރޫޕު ސްޓޭޖުގައި ސްލޮވާކިއާއާ ދެކޮޅަށް ކުޅުނު މެޗުގައެވެ.
މިޑްފީލްޑަރުންގެ ތެރޭގައި ވެސް ޒުވާން ކުޅުންތެރިން ގިނައެވެ. ޔޫރޯގައި އެންމެ ވިދާލި ޒުވާން ކުޅުންތެރިޔަކީ ވެސް ސްޕެއިންގެ ކުޅުންތެރިއެކެވެ. އުމުރުން 18 އަހަރުގެ ޕެޑްރީ ވަނީ ސްޕެއިން ކުޅުނު ހުރިހާ މެޗެއްގައި ކުޅެ، މޮޅު ކުޅުމެއް ދައްކައިފައެވެ. އޭގެ އިތުރުން އުމުރުން 23 އަހަރުގެ ޑެނީ އޮލްމޯއަކީ ވެސް މުބާރާތުގައި ވިދާލި ކުޅުންތެރިއެކެވެ. އެ ކުޅުންތެރިން ފާހަގަކޮށްލެވުނީ ދަނޑުމަތީގައި ބުރަ މަސައްކަތްތަކެއް ކުރި ކުޅުންތެރިންގެ ގޮތުގައެވެ.
ފޯވަޑުންގެ ތެރޭގައި އަލްވާރޯ މޮރާޓާ އާއި ޖެރާޑް މޮރޭނޯ ފިޔަވައި ދެން ހިމެނުނީ 25 އަހަރުން ދަށުގެ ކުޅުންތެރިންނެވެ. ޒުވާން ފޯވަޑުންގެ ތެރެއިން އުމުރުން 21 އަހަރުގެ ފެރާން ޓޮރޭސް އާއި 24 އަހަރުގެ މިކެލް އޮޔާޒަބަލް ވަނީ މުބާރާތުގައި މޮޅު ކުޅުމެއް ދައްކައިފައެވެ.
ޒުވާން ޓީމަކާއެކު ސްޕެއިނުން ވަނީ ޔޫރޯގައި ރަނގަޅު ނަތީޖާތަކެއް ހޯދައިފައެވެ. ގްރޫޕު ސްޓޭޖުގެ ފުރަތަމަ މެޗުތަކުގައި އުނދަގޫތަކެއް ކުރިމަތިވީ ނަމަވެސް، އެޓީމުން ވަނީ ޖެހިޖެހިގެން ދެ މެޗެއްގައި ފަސް ލަނޑު ކާމިޔާބުކޮށްފައެވެ. ސެމީ ފައިނަލުގައި ސްޕެއިން ބަލިވީ އިޓަލީ އަތުންނެވެ. އެ މެޗުގައި ސްޕެއިންގެ ފަރާތުން މޮޅު ކުޅުމެއް ފެނުނު ނަމަވެސް، ބަލިވީ ޕެނަލްޓީ ޝޫޓްއައުޓްގައެވެ.
ސްޕެއިނުގެ ޑިފެންސް ލައިން ރަނގަޅެވެ. މިޑްފީލްޑު ވަރަށް ވަރުގަދައެވެ. ފޯވަޑް ލައިން ރަނގަޅު ނަމަވެސް، ގޯލާ ރައްޓެހި ސްޓްރައިކަރެއް ނެތެވެ. ޔޫރޯގައި އެ މަގާމަށް ކުޅުނު މޮރާޓާއަކީ ނުރައްކާތެރި ސްޓްރައިކަރެއް ނޫނެވެ. ނަމަވެސް މި މުބާރާތަކީ އޭނާއަށް ގޯސް މުބާރެތެކޭ ބުނެވޭކަށް ނެތެވެ. މުބާރާތުގައި އޭނާ ތިން ލަނޑު ޖެހިއެވެ.
ސްޕެއިންގެ ޓީމު ފުރިހަމަވެގެންދާނީ ގޯލާ ރައްޓެހި ސްޓްރައިކަރެއް އުފެއްދިގެންނެވެ. ސްޕެއިންގެ ކުރީގެ ރަން ޖީލުން ފެނުނު ފެނާންޑޯ ޓޮރޭސް އާއި ޑޭވިޑް ވިޔާ ފަދަ ސްޓްރައިކަރެއް ބޭނުންވެއެވެ. އެ ހުރިހާ ކަމެއް ފުރިހަމަވެއްޖެ ނަމަ، ސްޕެއިންގެ އާ ރަން ޖީލު ފުރިހަމަވެގެންދާނެއެވެ.
ސްޕެއިނުން ދެން ކުރިމަތިލާން ޖެހޭނީ އަންނަ އަހަރު ގަތަރުގައި ބާއްވާ ވޯލްޑް ކަޕަށެވެ. މިހާރުގެ ޓީމާއެކު ސްޕެއިނުން ވޯލްޑް ކަޕެއް ބޭނުންވާނެއެވެ. ވޯލްޑް ކަޕް 2010 ނެގި ގޮތަށް ސްޕެއިންގެ އާ ރަން ޖީލުން ވެސް އެ ކާމިޔާބީ ބޭނުންވާނެއެވެ. މިފަހަރުގެ ޔޫރޯގައި ފެނުނު ހުރިހާ ކަމަކާއެކު ސްޕެއިންގެ ކުރިމަގު ފެންނަނީ ވަރަށް އުޖާލާކޮށެވެ. އަމާޒަކަށް ވާނީ އަންނަ އަހަރު ބާއްވާ ވޯލްޑްކަޕް ކާމިޔާބުކޮށް ދުނިޔޭގެ ތަށި އުފުލައިލުމެވެ.
ޔޫރޯ 2020
ޔޫރޯ 2020
ޔޫރޯ 2020
ޔޫރޯ 2020