ކުރީގެ ޑިފެންސް މިނިސްޓަރު، އަދި ރައްޔިތުންގެ މަޖިލިހުގެ ދަނގެތީ ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް ސިޔާސީ ޕާޓީއެއް އުފައްދަވަން ނިންމަވައިފި އެވެ.
ނާޒިމް ވަނީ މިކަން ކަށަވަރުކޮށްދެއްވައިފަ އެވެ.
"ވަން" އިން ދެންނެވި ސުވާލަކަށް ޖަވާބުދެއްވަމުން ދާދި ދެންމެއަކު ނާޒިމް ވިދާޅުވީ ސިޔާސީ ޕާޓީއެއް އުފައްދަވަން ނިންމަވާފައިވާ ކަމަށާއި އެކަމާ ގުޅޭ ތައްޔާރީތައް ވަމުން އަންނަ ކަމަށެވެ. އަދި ވަރަށް އަވަހަށް ރަސްމީކޮށް އިއުލާނުވެސް ކުރައްވާނެ ކަމަށް ވިދާޅުވި އެވެ.
ނާޒިމް އިސްވެ ހުންނަވައި މި އުފައްދާ ސިޔާސީ ޕާޓީގެ ފަރާތުން ރިޔާސީ އިންތިހާބުގައި ނާޒިމް ވާދަކުރައްވާނަންތޯ ސުވާލު ކުރުމުން ވިދާޅުވީ ރައްޔިތުން ބަލައިގަންނަ ރައްޔިތުންގެ ތާއީދު އޮތް ކެންޑިޑޭޓަކު އެ ޕާޓީން އިންތިހާބަށް ނެރޭނެ ކަމަށެވެ.
"އެކަން ނިންމާނީ އަޅުގަނޑުމެންގެ ޕާޓީން. އެކަމަކު މި ޕާޓީން ރިޔާސީ އިންތިހާބަށް ކެންޑިޑޭޓަކު ނެރޭނެ. އަދި އެއީ ރައްޔިތުންގެ ތާއީދުވެސް ލިބިފައިވާ ކެންޑިޑޭޓަކަށް ވާނެ." ނާޒިމް ވިދާޅުވި އެވެ.
ނާޒިމް އިތުރަށް ވިދާޅުވީ ޕާޓީއާ ގުޅޭ ކަންކަމުގެ މައުލޫމާތު ދެއްވުމަށް ވަރަށް އަވަހަށް ނިއުސް ކޮންފަރެންސެއް ބާއްވާނެ ކަމަށާއި އެ ބައްދަލުވުމުގައި މި ކަމުގެ އިތުރު ތަފްސީލު ދެއްވާނެ ކަމަށެވެ.
ކާނަލް ނާޒިމް އިސްވެ ހުންނަވައި ސިޔާސީ ޕާޓީއެއް އުފައްދަވަން ނިންމެވިކަން އިއުލާނު ކުރައްވާފައިވާއިރު، އޭނާގެ ގާތް އެކުވެރި ބޭފުޅެއް ކަމަށްވާ، ކުރީގެ ޕޮލިސް ކޮމިޝަނަރު، އަދި މިހާރު ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒް އިސްވެ ތިއްބަވައިގެން ސިޔާސީ ޕާޓީއެއް އުފައްދަވަން އުޅުއްވާ ކަމުގެ ހަބަރުތަކެއް މީގެ އަހަރެއްހައި ދުވަސް ކުރީން ވަނީ ފެތުރިފަ އެވެ. މިދިޔަ އަހަރުގެ ޖެނުއަރީ މަހު މި ދެބޭފުޅުން ވެސް ވަނީ އެ ހަބަރު ދޮގުކުރައްވައިފަ އެވެ.
ކާނަލް މުހައްމަދު ނާޒިމް
ކާނަލް މުހައްމަދު ނާޒިމް
ކާނަލް މުހައްމަދު ނާޒިމް