މާލެ އާއި ހުޅުލެ އަދި ހުޅުމާލެ ކަރަންޓުގެ އެއް ވިއުގަކުން ގުޅާލުމަށް ސްޓެލްކޯ އިން ކުރިއަށް ގެންދިޔަ "ގްރޭޓާ މާލެ އިންޓަކަނެކްޝަން ގްރިޑް ޕްރޮޖެކްޓް"ގެ މަސައްކަތް ނިންމާލުމަށްފަހު މިއަދު ކަރަންޓް ވިއުގަ ގުޅާލައިފިއެވެ.
"ސްޓެލްކޯ ފިފްތް ޕަވާ"ގެ ނަމުގައި ރައީސް އަބްދުالله ޔާމީން އަބްދުލް ގައްޔޫމްގެ ސަރުކާރުގައި ޖުލައި 2016 ގައި އިފުތިތާހު ކުރި މި މަސައްކަތަކީ 104 މިލިއަން ޑޮލަރުގެ މަޝްރޫއެކެވެ.
ސްޓެލްކޯގެ މީޑިއާ އޮފިޝަލު މިއަދު "ވަން" އަށް ވިދާޅުވީ, މާލެ އާއި ހުޅުލެ އަދި ހުޅުމާލޭގެ ކަރަންޓު އެއް ވިއުގައަކުން މިއަދު ހެނދުނު ގުޅާލައި ނިންމާލާފައިވާ ކަމަށެވެ. އަދި މަޝްރޫއުގެ ދަށުން ކަރަންޓު ދޭން ފެށުމަށް ނުވަތަ އެނަޖައިޒް ކުރުމުގެ މަސައްކަތް އަންނަ ހުކުރު ދުވަހު ކުރުމަށް ހަމަޖެހިފައިވާ ކަމަށް ވިދާޅުވިއެވެ.
އޮފިޝަލު ވިދާޅުވީ, މި މަޝްރޫއުގެ ދަށުން ހުޅުމާލޭގައި އަޅާފައިވާ 50 މެގަވޯޓުގެ އިންޖީނުގެއިން އުފައްދާ ކަރަންޓުގެ ބައެއް ވިއުގަ މެދުވެރިކޮށް މާލެ ސަރަހައްދަށް ނަގާނެ ކަމަށެވެ. އަދި އެއަށްފަހު މާލޭގައި ބަހައްޓާފައި ހުރި ހަތަރު ޖެންސެންޓް ނިއްވާލަން ހަމަޖެހިފައިވާ ކަމަށް ވިދާޅުވިއެވެ.
މި މަޝްރޫއުގެ ދަށުން ކަރަންޓު ދޭން ފެށުމުން ހުޅުމާލެ އިން މާލެ އަށް ނުވަތަ މާލެ އިން ހުޅުލެއަށްވެސް ބޭނުން ޖެހިއްޖެ ހާލަތެއްގައި ވަގުތުން ކަރަންޓު ފޯރުކޮށްދެވޭނެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު