ރޮބާޓޯ މަންޗީނީއަކީ އެއްވެސް އިރެއްގައި މުބާރާތެއްގައި ބައިވެރިވެލުމަށް ޓީމާއެކު ބައިވެރިވާނެ ކޯޗެއް ނޫނެވެ. ހަގު އުމުރުން ފެށިގެންވެސް މަންޗީނީއަކީ ޗެމްޕިއަންކަން ނޫނީ ނުދަންނަ ވިސްނުމެއްގައި ހުރި މީހެކެވެ. އުމުރުން އެންމެ ނުވަ އަހަރުގައި ޓޭބަލް ޓެނިސް މެޗަކުން ބަލިވެ، އެކަމުގެ ރުޅީގައި ދެބެންގެ ދެދަރި ކޮއްކޮއެއްގެ ބޮލުގައި ރެކެޓުން ޖެހިޖެހުން އެއީ "ވިނިން މެންޓާލިޓީ" ކަމަށް ބެލެވިދާނެއެވެ. އުމުރުން 24 އަހަރުގައި މަންޗީނީއަކީ ޕްރޮފެޝަނަލް ކުޅުންތެރިއެއްގެ ގޮތުގައި ސަމްޕްޑޯރިއާއާއެކު އިޓަލީ ލީގު ހޯދި ކާމިޔާބު ފޯވަޑެކެވެ. އެކްލަބުގެ ތާރީހުގައި ހޯދި ފުރަތަމަ ސެރެއާ އޭ ތަށި ހޯދުމުގައި މަންޗީނީއާއެކު ކުޅުނު ކުޅުންތެރިން މިހާރުވެސް އޭނާގެ ދަށުން އިޓަލީ ޓީމުގެ ކޯޗިން ޓީމުގައި މަސައްކަތް ކުރަމުން ދެއެވެ.
ލީގު ހޯދައި މަންޗީނީއާއެކު ސަމްޕްޑޯރިއާއިން ޔޫރަޕްގެ ޗެމްޕިއަން ކަމަށް 1992 ވަނަ އަހަރު ކުރި މަސައްކަތް ނާކާމިޔާބުވީ ބާސެލޯނާ ކައިރިން ބަލިވުމުންނެވެ. ކުޅުންތެރިއެއްގެ ކެރިއަރު ނިންމައި، ކޯޗެއްގެ ގޮތުގައިވެސް މަންޗީނީއަކީ ބަލިވާން ނޭދޭ މީހެކެވެ. އޭނާގެ ފިލޯސަފީއަކީ މޮޅެވެ. ކްލަބު ކޯޗިން ކެރިއަރުގައި އިންގްލެންޑާއި އިޓަލީގައި ލީގު ކާމިޔާބުކުރި ކޯޗު، މަންޗީނީގެ ވިސްނުން އެންމެ ފައްކާކޮށް މިހާރު ފެންނަމުން ދަނީ އިޓަލީގެ ގައުމީ ޓީމުންނެވެ. ވީރާނާވެ ހަފުސްވެފައިވާ އިޓަލީ ގައުމީ ޓީމެއް، ތިން އަހަރު ތެރޭގައި އާދަޔާހިލާފު އުކުޅުތަކަކުން ނަގައި ކޮޅަށް ޖަހައި، އަންނަ އާދީއްތަ ދުވަހުގޭ ރޭ ނުކުންނާނީ ޔޫރޯ 2020 ގެ ފައިނަލަށެވެ. މިހާތަނަށް މުބާރާތުގައި ބަލިވެފައި ނުވުން އެކަންޏެއް ނޫނެވެ. މަންޗީނީއާއެކު އިޓަލީ އެންމެފަހުން ކުޅުނު 33 މެޗުގައިވެސް ބައްޔަކާ ކުރިމަތިލައިފައެއް ނުވެއެވެ. ތައުރީފު ހައްގު މަސައްކަތެކެވެ.
މަންޗީނީ އިޓަލީއާ ހަވާލުވީ އެގައުމުގެ ފުޓުބޯޅަ ތާރީހުގައި އެންމެ ބަނަ ދުވަސްކޮޅުގެ ތެރޭގައެވެ. 60 އަހަރު ތެރޭގައި "އަޒޫރީ"އަށް ފުރަތަމަ ފަހަރަށް ވޯލްޑް ކަޕް ގެއްލި، އެ މާޔޫސްކަމުގައި މުޅި ޓީމު ތިބީ ރޯށެވެ. އެއީ އެންމެފަހުން ރަޝިއާގައި ބޭއްވި 2018 ވަނަ އަހަރު ވޯލްޑް ކަޕެވެ. ޖިއާންލުއީޖީ ބުފޮންއާއި ޖޯޖިއޯ ކިއެލީނީގެ އިތުރުން ޑެނިއެލް ޑި ރޮސީއާއި އަންދްރޭ ބާޒާލީ ފަދަ ލެޖެންޑަރީ ކުޅުންތެރިން ގައުމީ ޓީމަށް ކުޅުން ހުއްޓާލީ މާޔޫސްކަމާއި ހިތްދަތިކަމުގެ ތެރެއިންނެވެ.
އޭރު އިޓަލީ ކޯޗުކަމުގައި ހުރި ޖިއާމްޕިއޭރޯ ވެންތޫރާ ކޯޗުކަމުން ވަކިކޮށް، އިޓަލީ ކޯޗުކަމަށް ރަސްމީކޮށް ކޯޗެއް ނުގެނެސް ތިން މަސް ދުވަސް އޮތެވެ. އެ ތިންމަސް ދުވަހު ގައުމީ ޓީމުގެ ކޯޗުކަމުގައި ހުރީ 21 އަހަރުން ދަށުގެ ޓީމަށް ކޯޗުކަން ކޮށްދެމުން ދިޔަ ލުއީޖީ ޑި ބިއާޖީއޯއެވެ. އިޓަލީން ކުރިއަށް ނެރޭނެ ވިސްނުމަކަށް ދުނިޔެ ބަލަން ތިއްބައި، އެގައުމުގައި ނަން ހިނގާނެ ނަމެއް ކުރިއަށް ނެރުނެވެ. އެއީ މަންޗީނީގެ ނަމެވެ. މަންޗީނީއަކީ ދުނިޔޭގެ ފުޓުބޯޅައަށް އާ ނަމަކަށް ނުވާ އިރު، ދެން ކުރެވުނު ސުވާލަކީ ހައި ޕްރޮފައިލިކް ކޯޗަކާއެކު އިޓަލީއަށް ނަތީޖާތައް އަނބުރާލެވޭނެތޯ ކުރެވުނު ސުވާލެވެ. މަންޗީނީ ޓީމަށް ގެންނާނީ ވަކި ކޮން ބަދަލެއްތޯ ބުނެ، ކުރެވުނު ސުވާލެވެ. އެ ބަދަލު ގެންނަން މަންޗީނީ ގިނަ ދުވަހެއްވެސް ނުނެގިއެވެ.
"އަހަރެން ބޭނުންވަނީ އިޓަލީއަށް ރަނގަޅު ކޯޗަކަށްވާން. އަދި އިޓަލީއަކީ ދުނިޔޭގެ އެއްވަނަ ޓީމަށް ހެދުމަކީ އަމާޒު،" މަންޗީނީ އިޓަލީއާ ހަވާލުވެ ފުރަތަމަ ބުނި ބަހުގައި ސާބިތުވެ މިއަދު ހިފަމުންދެއެވެ. އޭނާގެ މަސައްކަތް ޔޫރޯ 2020 އިން ސާފެވެ.
މަންޗީނީއަށް ލިބުނީ އިޓަލީއާއާއެކު އާ ސަފުހާއެއް ފެށުމަށެވެ. ޖީލެއް އެކީހެން ރިޓަޔާކުރުމާއެކު މަންޗީނީއަށް އޭނާގެ އަމިއްލަ ވިސްނުމަށް، އާ މޫނުތަކަކަށް ޖާގަ ދިނުމަށް ފުރުސަތު ފަހިވިއެވެ. އޭނާ އެންމެ ވަގުތުކޮޅަކަށްވެސް ފަސް ނުޖެހި، އެކުލަވައިލަން ފެށީ، މުޅި ލީގުގެ އޯލް ސްޓާ ޓީމެކެވެ. ވަކި ކްލަބެއްވެގެން ކުޅުންތެރިން ނެގުމުގެ ވިސްނުން ދުރަށް ޖައްސާލައި، އިޓަލީގެ ދެވަނަ ޑިވިޝަނުގައި ތިބި ބައެއް ކުޅުންތެރިންވެސް މެޗުތަކުގައި ބޭނުންކުރަން ފެށިއެވެ. އެގޮތުން ނިކޮލާ ޒަނިއޯލޯއާއި ސަންޑްރޯ ޓޮނަލީ ފުރަތަމަ ޑިވިޝަންގައި މެޗެއްވެސް ނުކުޅެނީސް ގައުމީ ޓީމަށް ނަގައި، ގައުމީ ޓީމުގެ ފުރުސަތު މުޅި ގައުމަށް ހުޅުވިފައި އޮތްކަން މަންޗީނީ ސާބިތު ކޮށްދިނެވެ. ޔޫރޯ 2020 އަށް ގެންދިޔަ ސްކޮޑުގައިވެސް 12 ކްލަބެއް ތަމްސީލުވުން އެއީ އެކަމުގެ ހެއްކެއްވެސް މެއެވެ.
ބައެއް މުހިއްމު ތަޖުރިބާކާރު މޫނުތައް އަނބުރާ ޓީމަށްވެސް ގެނައެވެ. ކިއެލީނީއަށް ޓީމަށް ކުޅުމަށް ވަގުތުދީ، ޑި ރޮސީ، މަންޗީނީ ލީ ކޯޗިން ޓީމަށެވެ. މަންޗީނީގެ ކޯޗިން ޓީމުގައި ގާތް މިތުރުންތަކެއް ތިބުންވީ އޭނާގެ ފަލްސަފާއަށް ޓީމު ބައްޓަންކުރަން ލިބުނު ބޮޑު ހިތްވަރަކަށެވެ. 2018 ވަނަ އަހަރު ނޭޝަންސް ލީގަށް މަންޗިނީ އިޓަލީއާއެކު ނުކުމެ، މުބާރަތުން އަލްވަދާއު ކީ ޕޯޗުގަލް އަތުން ބަލިވެގެންނެވެ. އެހެންނަމަވެސް އެއީ މަންޗީނީ "އެރާ"ގެ އަސްލު ފެށުމެވެ. އޭގެ ފަހުން އިޓަލީ އަދި މިއަދާ ހަމައަށްވެސް ބަލިވެފައެއް ނުވެއެވެ. 33 މެޗު ހަމަކޮށް، ވެމްބްލީގައި އިންގްލެންޑާ ދެކޮޅަށް ނުކުންނާނީ ބަލިނުވެ 34 ހަމަކުރުމަށެވެ.
ޔޫރޯގެ ކޮލިފިކޭޝަން 10 މެޗުން މަންޗީނީގެ ޓީމު މޮޅުވީ 37 ގޯލު ޖަހައި، ކޮޅަށް އެންމެ ހަތަރު ގޯލު ވައްދާލައިގެންނެވެ. ނޭޝަންސް ލީގު ގްރޫޕް އެއްވަނަ ހޯދި އިރު، މަންޗީނީގެ އިޓަލީން ވޯލްޑް ކަޕް ކޮލިފިކޭޝަންގެ ރެކޯޑުވެސް ބެހެއްޓީ 100 ޕަސެންޓްގައެވެ. އެންމެ ބޮޑަށް ފާހަގަވީ ކުޅުންތެރިންނަށް ވަކި ސިސްޓަމަކަށް ކުޅުމަށް އިރުޝާދު ދިނުމުގެ ބަދަލުގައި، މަންޗީނީ ބޭނުންކުރާ ކުޅުންތެރިންނަށް ޓީމު ހާނުވާ ސިސްޓަމެވެ. މެދުތެރެއިން މާކޯ ވަރާޓީއާއި ޖޯޖީނިއޯ އަދި ނިކޮލޮ ބަރޭލާ ފަދަ ކުޅުންތެރިން އިޓަލީ ގައުމީ ޓީމަށް ކުޅެމުން އައީ އެ ކުޅުންތެރިންގެ ސްޓައިލް ހިފަހައްޓައިގެންނެވެ.
އަރިމަތިން ލޮރެންޒޯ އިންސީނިއާއާއި ފެޑަރީކޯ ޗިއޭސާގެ ބޭނުން މަންޗީނީ ކުރަމުންދަނީ ފުރިހަމައަށެވެ. ކުރިން އިންސީނިއާއަކީ އިޓަލީގެ ސްކޮޑުގައި ބާކީ ކުޅުންތެރިއެއް ނަމަވެސް އެޓޭކިންގައި 3-2-4-1 ފޯމޭޝަނެއް އިޓަލީން ހިފަހައްޓަމުންދާ ދިޔުމަކީ އިންސީނިއާއަށް މިނިވަންކަން ލިބޭ އެންމެ ރަނގަޅު ސްޓައިލެވެ. ޓީމުގެ ތަނބުގައި ތަޖުރިބާގެ ބޭނުން މަންޗީނީ ހިފަނީ ފަހަތުން ބޮނޫޗީއާއި ކިއެލީނީ އަދި ކުރިން ސީރޯ އިމޯބިލޭ ފަދަ ކުޅުންތެރިންގެ އެހީގައެވެ.
"އަހަރެން ހުއްޓި ހުރެގެން ބަލަން ހުންނަން ޗިއޭސާގެ ކުޅުމަށް. އަހަންނަށް އޭނާގެ ކުޅުން ފެނުމުން ތާރީހުގެ ތެރެއަށް ދެވޭ. ޗިއޭސާގެ ބައްޕަ އެންރީކޯއާއެކު އަހަރެން ކުޅުނިން. އެ ދެމީހުންނަކީ ހަމަ އެއް ސްޓައިލެއްގެ، އެއް ވިސްނުމެއްގެ ދެ ކުޅުންތެރިން،" ކުޅުންތެރިންނަށް ވަކިން ތައުރީފު ކުރުމަކީވެސް މަންޗީނީގެ ފަރާތުން އާންމުކޮށް ފެންނަ ކަމަކަށްވާ އިރު، ޗިއޭސާގެ ހުނަރަށް އޭނާ ބުނެފައިވެއެވެ. މަންޗީނީ މިހާރު އިޓަލީގައި ގެންގުޅޭ ވިސްނުމަކީ "ޓީމުގެ ހުނަރު، ޓީމަކަށް ފައްކާކޮށް، ވަކިވަކި ކުޅުންތެރިންގެ އިހުސާސް ދުއްވާލައި، ޓީމަކަށް ހުރިހާ ހުނަރެއް އެއްކޮށްލުމުގެ،" ވިސްނުމެވެ.
އިޓަލީއަކީ ޔަގީނުންވެސް ޓީމެކެވެ. އެއް ކުޅުންތެރިޔަކު ކުޅޭނީ އަނެއް ކުޅުންތެރިޔަކަށެވެ. އެއް ކުޅުންތެރިޔަކަށް އަނިޔާ ވެއްޖެނަމަ، ދެން އަރަން ހުންނަ ކުޅުންތެރިޔާ ރަނގަޅަށް ކުޅޭނެ ކަމުގެ ޔަގީންކަންވެސް އިޓަލީ ޓީމުން ދެވެއެވެ. އެ ސިފަ މިހާރުގެ ޓީމުން ފެނެއެވެ. ޔޫރޯ 2020 ގެ ކުރިން އިޓަލީގެ އެންމެ މުހިއްމު މިޑްފީލްޑަރު ވެރާޓީއަށް އަނިޔާވެ އޭނާއަށް ފުރަތަމަ ދެ މެޗު ގެއްލުނު ނަމަވެސް އެތަން ފޫބައްދަން ދެމެޗަށް ނުކުތް ލޮކަޓެލީ ޔޫރޯގައި ވިދާލައިފިއެވެ. އެއީ ޓީމެއްގެ ސިފައެވެ.
ޓީމު ރޫހަށް މަންޗީނީ ކުޅުންތެރިއެއްގެ ގޮތުގައި ކޮށްފައިވާ ތަޖުރިބާތައް މުހިއްމެވެ. 1990 ވަނަ އަހަރުގެ ވޯލްޑް ކަޕަށް ގޮސް، އެ މުބާރާތުގެ އެންމެ މިނެޓެއްގައިވެސް ކުޅެލަން ނުލިބި މަންޗީނީއާ އެނބުރި ގައުމަށް ދާން ޖެހުނު ދުވަސް އެއީ މިއަދުގެ އިޓަލީ ޓީމު ބިނާ ކުރުމަށް މަންޗީނީ ބޭނުންކުރި އެންމެ މުހިއްމު ހަނދާނެވެ.
އެފަހަރު މުބާރާތަށް ދިޔައިރު މަންޗީނީއަކީ އެންމެ މުހިއްމު އެއް ފޯވަޑް ނަމަވެސް އޭނާ ޓީމަށް ނޭރުވީ 1986 ވަނަ އަހަރު ވޯލްޑް ކަޕަށް ގޮސް، އެމެރިކަން ޓުއާއަކަށް ދިޔަ ދިޔުމަށް މައާފަށް ނޭދި އޮތުމުންނެވެ. އިޓަލީ ކޯޗުކަމަށް ދިޔުމުގެ ކުރިންވެސް މަންޗީނީ ވަނީ އެ ހަނދާންތަކުން ހިތްވަރު ހޯދައި، ކޯޗެއްގެ ގޮތުގައި ވޯލްޑް ކަޕެއް ހޯދުމަށް ކުރާ އުންމީދު ބޮޑުކަމަށް ހާމަކޮށްފައެވެ.
"އަހަރެންގެ އެބައޮތް ހުވަފެނެއް. އެއީ ކުޅުންތެރިއެއްގެ ގޮތުގައި ވޯލްޑް ކަޕްގައި ކުރިމަތިވި ނާކާމިޔާބީ ހަނދާން ނައްތާލުމަށް ކޯޗެއްގެ ގޮތުގައި ވޯލްޑް ކަޕް ހޯދުން،" 2020 ވަނަ އަހަރު މަންޗީނީ ބުނެފައިވެއެވެ.
އެ ހުރިހާ ވާހަކައަކުންވެސް މަންޗީނީ ހާމަކުރަމުންދަނީ މެޗެއް ނުކުޅެ ގައުމަށް ދާން ޖެހުމުން އޭނާއަށް ދިމާވި ހިތްދަތިކަމެވެ. އެފަދަ ހިތްދަތިކަމެއް އެއްވެސް ކުޅުންތެރިޔަކަށް ދިމާވިޔަ ނުދިނުމަށް ޔޫރޯ ގްރޫޕް ސްޓޭޖުގައި އިޓަލީގެ މުޅި ސްކޮޑަށް ކަހަލަ ގޮތަކަށް މަންޗީނީ ވަނީ ފުރުސަތު ދީފައެވެ. މިހާރު ސްކޮޑުގައި މިނެޓެއް ނުލިބި އިން ހަމައެކަނި ކުޅުންތެރިޔަކީ ތިންވަނަ ގޯލްކީޕަރު އެލެކްސް މެރެޓެވެ.
ޓީމު ތެރޭގައި އުފާވެރިކަމުގެ އެތައް ކަމެއް އެބައޮތެވެ. ކޯޗިން ސްޓާފުންގެ އެކުވެރިކަމަށް އެކަންކަން ބަރޯސާ ވެގެން ގޮސްފައިވާ އިރު، މިހާރު ތިބި ކޯޗިން ޓީމުގެ ފަސް އެސިސްޓެންޓް ކޯޗުންގެ ތެރެއިން ތިން އެސިސްޓެންޓް ކޯޗުންނަކީ މަންޗީނީއާއެކު އެތައް ދުވަހެއް ވަންދެން ކްލަބު ފުޓުބޯޅަ ކުޅުނު ކުޅުންތެރިންނެވެ. އޭގެ އިތުރަށްވެސް ދެން ތިބީ ގައުމީ ފުޓުބޯޅަ ލެޖެންޑުންނެވެ. އެހެންކަމުން މަންޗީނީ ކުޅުންތެރިއެއްގެ ގޮތުގައި ހޭދަކުރި ކެރިއަރަކީ މިއަދުގެ ކާމިޔާބަށް މުހިއްމުވި އެއްޗެކެވެ.
އިޓަލީ ވިއްސިވިހާލިވެ، ހާލުގައި ޖެހިފައި އޮއްވައި، މަންޗީނީ ހަވާލުވެ އެ ޓީމަށް ޖާދުވީ ކުލަވަރެއް ގެނެސްދީފިއެވެ. އެ ބަދަލަށްފަހު މަންޗީނީގެ އޮތީ އެންމެ ޓާގެޓެކެވެ.
"އަހަރެން މިހާރު އޮތް ޓާގެޓަކީ ޔޫރޯއަށްފަހު އަހަރެން އުޅެބޮޑުވި ތަން، ޕޯޓޮނޯވޯގެ ބީޗުގަައި ހަމަޖެހިލާފައި އޮތުން. އެއީ ޗެމްޕިއަނެއްގެ ގޮތުގައި. ހަމައެކަނި ކުރަން ވިސްނާ ކަމަކީ އޮޓޯގްރާފު ދިނުން،" މަންޗީނީ ބުނެފައިވެއެވެ. އޭނާއާއި އިޓަލީއަށް އޮތީ އެންމެ ފިޔަވަޅެކެވެ. ވެމްބްލީގައި ވަރުގަދަ އިންގްލެންޑް ބަލިކުރުމެވެ. މެޗު އޮންނާނީ އާދީއްދަ ދުވަހުގެ ރޭގައެވެ.
ޔޫރޯ 2020
ޔޫރޯ 2020
ޔޫރޯ 2020
ޔޫރޯ 2020