ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް ނުރައްކަލެއް އޮތް ކަމުގެ މައުލޫމާތު ލިބުމުން، އެ މައުލޫމާތު ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ، އެއްވެސް ފަރާތަކާ ހިއްސާކޮށްފައި ނުވުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް މަޖިލީހުގެ އިންކުއަރީ ރިޕޯޓްގައި ބުނެފިއެވެ.
ނަޝީދަށް ދިން ހަމަލާގެ އިންކުއަރީ ކުރިއަށް ގެންގޮސްފައިވަނީ މަޖިލީހުގެ 241 ކޮމިޓީންނެވެ. އެ ކޮމިޓީން މިއަދު ވަނީ ރިޕޯޓް އާންމުކޮށްފައެވެ.
ރައީސް ނަޝީދު އަވަހާރަކޮށްލަން އުޅޭކަމުގެ މައުލޫމާތެއް މޭ ތިން ވަނަ ދުވަހުގެ ރޭ އާންމުންގެ މީހެއްގެ ފަރާތުން، ރައްޔިތުންގެ މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބަށް ލިބިވަޑައިގަތުމުން އެ މައުލޫމާތު ނަޝީދަށާއި މާރިޔާއަށް ވަނީ ހިއްސާކޮށްފައެވެ.
މާރިޔާ އިންކުއަރީގައި ވިދާޅުވީ ރައީސް ނަޝީދު މަރާލަން އުޅޭކަމުގެ މައުލޫމާތު އިލްޔާސް ދެއްވި ކަމަށާއި ނަމަވެސް ފައިސާ ދީގެން މީހަކު މެރުމަކީ ޖިނާއީ ކުށަކަށްވާތީ ފުލުހުންނާ އެވާހަކަ ހިއްސާކުރަން އެދުނު ކަމަށެވެ.
"އެ ނިމުނީ. މާ ގިނައިރަކު ދެއްކެވި ވާހަކައެއް ނޫން. ހަމަ ވަރަށް ސިމްޕަލްކޮށް މިހެން ވިދާޅުވެފައި ދެން ބޭއްވެވީ. ދެން މައުލޫމާތު ފޯރުކޮށްދެއްވައްޗޭ. އިތުރު ފޯނު ކޯލެއް، އެ އެއްޗެއްގެ ވާހަކައެއް، ގުޅޭނެ ގޮތެއް އެކަހަލަ އެއްޗެއް ފޯރުކޮށްދޭށޭ އަޅުގަނޑު ދެންނެވީމަ ދެންނެވީ އެ ވާހަކައަށް އާން. ބަލާނަމޭ ވިދާޅުވެފައި ބޭއްވެވީ. އެކަމަކު ރައީސްއަށް ބަލައްޗޭ ވިދާޅުވީ، އެންމެ ފަހުން ވެސް. އެއީ އަޅުގަނޑު ހަނދާން ހުންނަ ގޮތަކީ،" މާރިޔާ އިންކުއަރީއަށް ވިދާޅުވެފައިވެއެވެ.
އިންކުއަރީގައި މާރިޔާ ވިދާޅުވެފައިވަނީ އިލްޔާސް ލަބީބު ދެއްވި މައުލޫމާތު އެމްއެންޑީއެފްގެ އެއްވެސް ފަރާތަކާ ހިއްސާ ކުރައްވާފައިނުވާނެ ކަމަށެވެ. އަދި ހަމަ އެހެންމެ ޗީފް އޮފް ޑިފެންސް ފޯސް އާއި ވައިސް ޗީފް އޮފް ޑިފެންސް ފޯސްގެ އިތުރުން އެސްޕީޖީގެ ކޮމާންޑަރާއި ޑިފެންސް އިންޓެލިޖަންސް ސާވިސްއިންވެސް ވަނީ އެއިން އެއްވެސް ފަރާތަކާ މިނިސްޓަރު އެ ވާހަކަ ހިއްސާކުރައްވާފައި ނުވާކަމަށް ވިދާޅުވެފައި ކަމަށްވެސް ރިޕޯޓްގައިވެއެވެ.
އިލްޔާސް ދެއްވި މައުލޫމާތު އެއްވެސް ފަރާތަކަށް ހިއްސާ ނުކުރެއްވި ސަބަބެއްގެ ގޮތުގައި މިނިސްޓަރު ވިދާޅުވީ "އެއީ މައުލޫމާތު ނޫން ކަމަށް ވާތީ" ކަމަށެވެ.
"ހުޅުދޫ ދާއިރާގެ މެންބަރުގެ ފަރާތުން އަޅުގަނޑަށް ލިބުނީ ފޯނު ކޯލެއް. މައުލޫމާތެއް ނޫން. އެއީ މައުލޫމާތެއް ކަމަށް އަޅުގަނޑު ބަލަނީ، މީހެއްގެ ނަމެއް ނުވަތަ އަޅުގަނޑަށް ފޯރުކޮށްދެއްވި ކަމަށް ވަންޏާ،" މާރިޔާ ވިދާޅުވެފައިވެއެވެ.
ނަމަވެސް އިލްޔާސް ހިއްސާކުރެއްވި ވާހަކަތަކަކީ މުހިންމު މައުލޫމާތުތަކެއް ކަމަށާއި އެ މައުލޫމާތުތަކަކީ އެމްއެންޑީއެފްގެ ކަމާބެހޭ ފަރާތްތަކާ މިނިސްޓަރު ހިއްސާކުރައްވައި އެކަމާ ގުޅިގެން އެމްއެންޑީއެފުން ފިޔަވަޅު ތަކެއް އަޅަންޖެހޭނެ ފަދަ ވާހަކަތަކެއް ކަމަށް ގަބޫލު ކުރެވޭ ކަމަށް ރިޕޯޓްގައިވެއެވެ.
މިނިސްޓަރު އެ މައުލޫމާތު އެއްވެސް ފަރާތަކާ ހިއްސާކުރައްވާފައި ނުވާ ސަބަބާ ގުޅޭ ގޮތުން އިތުރަށް އިންކުއަރީގައި ވިދާޅުވެފައިވަނީ އެ މައުލޫމާތު މޭ ހަތަރު ވަނަ ލިބުމުން، އޭގެ އަނެއް ދުވަހު ޗީފް އޮފް ޑިފެންސް ފޯސް އާއި ވައިސް ޗީފް އޮފް ޑިފެންސް ފޯސްއާ ބައްދަލުކުރައްވައި، ރައީސް ނަޝީދުގެ ސެކިއުރިޓީ ހަމަޖެހިފައިވާގޮތް ޗެކް ކުރެއްވި ކަމަށެވެ. އަދި ސެކިއުރިޓީ "އެންހާންސް" ކޮށްފައި އޮތުމުން އެ މައުލޫމާތާ ގުޅިގެން އިތުރަށް ކުރެވޭނެ ކަމެއް ނެތުމުން ހިއްސާ ނުކުރެއްވީ ކަމަށް ރިޕޯޓްގައިވެއެވެ.
"ދެން ޖެހިގެން އައި ދުވަހު އަޅުގަނޑު ޗީފާއި ވައިސް ޒީފާ ބައްދަލުކުރިން. އަޅުގަނޑު މި ވާހަކައެއް ނުދައްކަން. އެކަމަކު އަޅުގަނޑު ބޭނުންވީ އެބޭފުޅާ އަރިހުން އޮޅުންފިލުވަން ކިހިނެއްތޯ ސެކިއުރިޓީ ތްރެޓް ލެވެލާއި ސެކިއުރިޓީ އެރޭންޖުކުރެވިފައި ހުރީ. އެހެން ބުނީމާ، އެބޭފުޅުން ވިދާޅުވި ސެކިއުރިޓީ އޮތީ ކްރިޓިކަލްގައިކަން. އަދި ޗީފް ވިދާޅުވީ، ސެކިއުރިޓީ އޮތީ އެންހޭންސްކުރެވިފައި،" މާރިޔާ ވިދާޅުވެފައިވެއެވެ.
ރިޕޯޓްގައިވަނީ ރައީސް ނަޝީދާ ގުޅޭގޮތުން ލިބޭ މިފަދަ މައުލޫމާތަކީ މިނިސްޓަރު އަހައްމިއްޔަތުކަން ނުދީ، ދޫކޮށްލައިގެންވާނެ ޒާތުގެ ކަމަކަށް ވެގެން ނުވާނެ ކަމަށެވެ.
"އަދި މިފަދަ މައުލޫމާތެއް ރައީސް ނަޝީދުގެ ތްރެޓް ލެވެލް ކްރިޓިކަލް އަށް ބަދަލުވެފައިވަނިކޮށް، ނަޝީދުގެ ހިމާޔަތާއި ރައްކާތެރިކަން ބެލެހެއްޓުމުގެ ޒިންމާ މަތިކުރެވިފައިވާ ފަރާތަށް ލިބުމުން، އެ މައުލޫމާތުގެ މައްޗަށް އެއްވެސް ފިޔަވަޅެއް އަޅާފައިނުވުމާއި އެމްއެންޑީއެފްގެ އެތެރޭގައި ހިއްސާކޮށްފައި ނުވުމަކީ މި އިންކުއަރީއަށް ބަލައިގަނެވޭނެ ކަމެއް ނޫން. އަދި އެ މައުލޫމާތެއް ހިއްސާކުރުމަކީ އެފަދަ މަގާމެއްގައި ހުރި މީހެއްގެ ޒިންމާއެއް ކަމަށް ދެކެން،" ރިޕޯޓްގައިވެއެވެ.
އިންކުއަރީގައި މިނިސްޓަރު އިތުރަށް ވިދާޅުވެފައިވަނީ އެ މައުލޫމާތަކީ އިލްޔާސް، ސީދާ ފުލުހުންނާ ހިއްސާކުރަން ޖެހޭ މައުލޫމާތެއް ކަމަށާއި އެގޮތަށް އެކަން ކުރެއްވުމަށް އެ ދުވަހު ފޯނު ކޯލުގައި އިލްޔާސް އަރިހުގައި ދެންނެވި ކަމަށެވެ. ނަމަވެސް އިލްޔާސް ވިދާޅުވީ އެ މައުލޫމާތު ފުލުހުންނާ ހިއްސާކުރުމަށް މިނިސްތަރު ވިދާޅުވެފައިނުވާ ކަމަށެވެ. އެހެންވެ އެ މައުލޫމާތު ހިއްސާކޮށްފައިނުވާ ކަމަށް އޭނާ އިންކުއަރީގައި ވިދާޅުވެފައިވެއެވެ.
ރިޕޯޓްގައިވަނީ އެ މައުލޫމާތު އެއްވެސް ފަރާތަކުން ފުލުހުންނާ ހިއްސާކޮށްފައި އޮތްނަމަ ރައީސް ނަޝީދަށް ހަމަލާއެއް ދިނުން "މިޓިގޭޓް" ކުރުމަށް "ޑިސްރަޕްޓިވް" ފިޔަވަޅުތަކެއް އެޅުމުގެ ފުރުސަތު ބޮޑުވެގެން ދާނެ ކަމަށް ގަބޫލު ކުރެވޭ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު