މިދިޔަ މޭ މަހުގެ ހަ ވަނަ ދުވަހުގެ ރޭ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ރާއްޖޭގެ ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ދިން ޓެރަރިސްޓް ހަމަލާއާ ގުޅިގެން މަޖިލީހުގެ ސަލާމަތީ ކޮމިޓީން އެކުލަވާލި ޕާލިމަންޓަރީ އިންކުއަރީއިން ރާއްޖޭގައި ހަރުކަށި ފިކުރު ފެތުރިފައިވާ މިންވަރު ހާމަވެގެން ގޮސްފައިވާ ކަމަށް 241 ކޮމިޓީގެ މުގައްރިރު، ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.

މިހާރު ކުރިއަށްދާ މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރުގެ 22 ވަނަ ޖަލްސާގައި ޕާލިމަންޓަރީ އިންކުއަރީގެ ރިޕޯޓު ނިންމިގޮތް މަޖިލީހަށް ހުށަހަޅުއްވަމުން އަސްލަމް ވިދާޅުވީ، ރައީސް ނަޝީދަށް ދިން ހަމަލާގެ އިންކުއަރީން ވަރަށް ގިނަ ކަންކަން ސާފުވެ، އެނގިގެން ގޮސްފައިވާ ކަމަށެވެ.

އެގޮތުން، ހަރުކަށި ފިކުރާއި ހައްދުފަހަނަ އަޅައި ދިއުން ރާއްޖޭގައި އޮތް މިންވަރު ހާމަވެގެން ގޮސްފައިވާ ކަމަށް ވިދާޅުވި އެވެ.

"ހަރުކަށި ފިކުރާއި ހައްދު ފަހަނަ އަޅައިފައިވާާ މިންވަރު އަދި މިންގަނޑުތައް އަދި މިފަދަ ކަންކަން ހުއްޓުވުމަށް ހުރި ގޮންޖެހުންތައް ފާހަގަވެގެން ގޮސްފި،" އަސްލަމް ވިދާޅުވިއެވެ.

އަސްލަމް އިތުރަށް ވިދާޅުވީ، ހަރުކަށި ފިކުރާ ދެކޮޅަށް ސިޔާސީ ޕާޓީތަކުންނާއި ޕާޓީތަކުގެ ލީޑަރުން ގުޅިގެން މަސައްކަތް ކުރަން ޖެހޭ ކަމަށެވެ. އަދި އިންކުއަރީ އެކުލަވާލުމަށް ކޮމިޓީގެ މެންބަރުން ކުރެއްވި ބުރަ މަސައްކަތައް އަސްލަމް ޝުކުރު އަދާކުރެއްވިއެވެ.

އަސްލަމް ވިދާޅުވީ، ކޮމިޓީގެ މަސައްކަތް ކުރިއަށް ގެންދިޔައިރު ފެނުނީ ސިޔާސީ ފިކުރު އެއްފަރާތްކޮށް ގައުމީ މަސައްކަތެއްގެ ގޮތުގައި އެންމެން ގުޅިގެން އެކަތިގަނޑަކަށްވެ މަސައްކަތް ކުރި މަންޒަރު ކަމަށެވެ.

ރައީސް ނަޝީދަށް ދިން ހަމަލާގެ އިންކުއަރީގައި 242 ސޮފްހާ ހިމެނޭއިރު އެ ރިޕޯޓުގައި 205 ކަމެއް ފާހަގަކޮށް 45 ރެކޮމެންޑޭޝަނެއް ވެއެވެ.

ރައީސް ނަޝީދު އަވަހާރަކޮށްލަން ހަމަލާ ދީފައިވަނީ އައިއީޑީއެއް ގޮއްވާލައިގެންނެވެ. އެ ހަމަލާގައި އެމަނިކުފާނަށް ގިނަ ޒަހަމްތައް ލިބިވަޑައިގެންނެވިއެވެ.