ޓީވީ ކުލަ ނުވާ ޒަމާނުގައި ކުޅުނު ފައިނަލެކެވެ. 1966 ވަނަ އަހަރުގެ ވޯލްޑް ކަޕް ފައިނަލެވެ. އަމިއްލަ ގައުމުގައި ކުޅުނު އެ ފައިނަލް ކާމިޔާބުކުރި ފަހުން އިންގްލެންޑަށް ފުޓުބޯޅަ މުބާރާތެއްގެ ފައިނަލަކަށް ދެވިފައެއް ނެތެވެ. އެފަހުން މިވީ 55 އަހަރުގައި އެތައް ކަމެއް، އެތައް ކުޅުންތެރިންނެއް، އެތައް ކޯޗެއް އިންގްލެންޑު ފައިނަލަކަށް ގެންދަން މަސައްކަތް ކޮށްފިއެވެ. ދިމާވި ބަދު ނަސީބު ހާލަތްތަކާއި، ހިތްދަތި ވަގުތުތައް ކަނޑައްތުކޮށް، އެކަން ކުރެވުނު ފުރަތަމަ ކޯޗަކީ ގެރެތު ސައުތުގޭޓެވެ. މިހާރު އޮތް އިންގްލެންޑްގެ ޒުވާން ސްކޮޑުން ތާރީހު ލިޔެލީ ރޭ ވެމްބްލީގައި ކުޅުނު ޔޫރޯ 2020 ގެ ސެމީ ފައިނަލުގައި ޑެންމާކު ބަލިކޮށްގެންނެވެ.

ބޮޑު މުބާރާތެއްގެ ދެވަނަ ފައިނަލަކަށް އިންގްލެންޑް ކުރި 55 އަހަރުގެ ދިގު އިންތިޒާރުގެ ނަންބަރުތަކަށް ބަލައިލުމުން، އެގައުމުގެ ރައްޔިތުންގެ ލިއްބައިދޭނެ އުފާ ވަރަށް ސާފެވެ. އަދި 55 އަހަރަކީ ގައުމަކުން ދެވަނަ ފައިނަލަކަށް ކުރި އެންމެ ދިގު އިންތިޒާރެވެ. އެތަކެއް ފަހަރަކު ހިތް ފަޅައިގެން ގޮސްފައި އޮތް އޮތުން އެއީ ރޭ ލިބުނު ކާމިޔާބީ އިންގްލެންޑްގެ ކޮންމެ ސަޕޯޓަރަކަށްވެސް ފޮނިވާނެ ސަބަބެވެ. 1966 ވަނަ އަހަރު ފަހުން ކުޅުނު ބޮޑު ހުރިހާ މުބާރާތެއްގައި އިންގްލެންޑް އަލްވަދާއު ކިޔަން ޖެހުނު ހިސާބަށް ފުރަތަމަ ބަލައިލަމާ ހިނގާށެވެ.

  • 1968 ޔޫރޯ - ސެމީ ފައިނަލް
  • 1970 ވޯލްޑް ކަޕް - ކުއާޓާ ފައިނަލް
  • 1972 ޔޫރޯ - ކޮލިފައި ނުވޭ
  • 1974 ވޯލްޑް ކަޕް - ކޮލިފައި ނުވޭ
  • 1976 ޔޫރޯ - ކޮލިފައި ނުވޭ
  • 1978 ވޯލްޑް ކަޕް - ކޮލިފައި ނުވޭ
  • 1980 ޔޫރޯ - ގްރޫޕް ސްޓޭޖު
  • 1982 ވޯލްޑް ކަޕް - ގްރޫޕް ސްޓޭޖު
  • 1984 ޔޫރޯ - ކޮލިފައި ނުވޭ
  • 1986 ވޯލްޑް ކަޕް - ކުއާޓާ ފައިނަލް
  • 1988 ޔޫރޯ - ގްރޫޕް ސްޓޭޖު
  • 1990 ވޯލްޑް ކަޕް - ސެމީ ފައިނަލް
  • 1992 ޔޫރޯ - ގްރޫޕް ސްޓޭޖު
  • 1994 ވޯލްޑް ކަޕް - ކޮލިފައި ނުވޭ
  • 1996 ޔޫރޯ - ސެމީ ފައިނަލް
  • 1998 ވޯލްޑް ކަޕް - ގަދަ 16
  • 2000 ޔޫރޯ - ގްރޫޕް ސްޓޭޖު
  • 2002 ވޯލްޑް ކަޕް - ކުއާޓާ ފައިނަލް
  • 2004 ޔޫރޯ - ކުއާޓާ ފައިނަލް
  • 2006 ވޯލްޑް ކަޕް - ކުއާޓާ ފައިނަލް
  • 2008 ޔޫރޯ - ކޮލިފައި ނުވޭ
  • 2010 ވޯލްޑް ކަޕް - ގަދަ 16
  • 2012 ޔޫރޯ - ކުއާޓާ ފައިނަލް
  • 2014 ވޯލްޑް ކަޕް - ގްރޫޕް ސްޓޭޖު
  • 2016 ޔޫރޯ - ގަދަ 16
  • 2018 ވޯލްޑް ކަޕް - ސެމީ ފައިނަލް
  • 2019 ނޭޝަންސް ލީގު - ސެމީ ފައިނަލް

ޒަމާންވީ ނާކާމިޔާބީ ލިސްޓާއެކު އިންގްލެންޑް ސަޕޯޓަރުންނަށް އޮތީ ހިތްވަރު ގެއްލިފައެވެ. ބަދު ނަސީބުގެ ހަނދާންތަކާއެކު ކޮންމެ ބޮޑު މުބާރާތެއް އިންގްލެންޑަށް ނިންމާލަން ޖެހެނީ ކަރުނައިގައެވެ. 1966 ވަނަ އަހަރަށްފަހު ޔޫއެފާއާއި ފީފާގެ 14 މުބާރާތެއްގެ ނޮކްއައުޓް ބުރުގައި އިންގްލެންޑް ކުޅެފައިވާ އިރު، އެއީ 28 މުބާރާތުގެ ތެރެއިންނެވެ. އެހެންކަމުން އިންގްލެންޑުން ވަނީ އެޓީމު 1966 ވަނަ އަހަރަށްފަހު ކުޅުނު 50 ޕަސެންޓް މުބާރާތްތަކުގެ ނޮކްއައުޓް ބުރުގައި ކުޅެފައެވެ. 1966 ވަނަ އަހަރު ވޯލްޑް ކަޕްގެ ފައިނަލުގައި އިންގްލެންޑުން ވާދަކުރި ޖަރުމަނުން ވަނީ 20 ފަހަރު ނޮކްއައުޓް ބުރުތަކުގައި އޭގެ ފަހުން ކުޅެފައެވެ.

1966 ވަނަ އަހަރު އަހަރަށްފަހު އިންގްލެންޑުން ކުޅުނު މުބާރާތްތަކަށް ބަލައިލާ އިރު، އެޓީމުން ވަނީ 22 ޕަސެންޓް މުބާރާތްތަކުން ގްރޫޕް ސްޓޭޖުން އަލްވަދާއު ކިޔައި، ކުއާޓާ ފައިނަލުން ކަޓައިފައެވެ. އަދި 16 ޕަސެންޓް މުބާރާތްތަކުން ސެމީ ފައިނަލާ ހަމައިން ކަޓައިގެން ގޮސްފައިވާ އިރު، 12 ޕަސެންޓް މުބާރާތްތަކުން ކެޓީ ގަދަ 16 އިންނެވެ.

ތާރީހުގެ ތެރެއިން އިންގްލެންޑް ސަޕޯޓަރުންގެ ހިތުގައި އެކިއެކި މުބާރާތްތަކުން ކަޓައިގެން ދިޔުމުގެ ހައިރާންކުރުވަނިވި ކަންކަމުގެ ހަނދާންތައް އަދިވެސް ހުންނާނެއެވެ. 1970 ވަނަ އަހަރު މެކްސިކޯގައި އޮތް ވޯލްޑް ކަޕުގައި ޖަރުމަނުގެ ގާޑު މުލާ ޖެހި އާދަޔާހިލާފު މޮޅު ވޮލީ ގޯލާއި، 1986 ވަނަ އަހަރު ހަމަ މެކްސިކޯގައި އޮތް ވޯލްޑް ކަޕްގައި ޑިއޭގޯ މަރަޑޯނާ އަތުން އިންގްލެންޑު ކޮޅަށް ޖެހި "ހޭންޑް އޮފް ގޯޑް" ގޯލުވެސް އޭގެ ތެރޭގައި ހިމެނޭނެއެވެ. 1990 ވަނަ އަހަރާއި 1996 ވަނަ އަހަރު ޖަރުމަނު އަތުން ޕެނަލްޓީ ޖަހައިގެން ބަލިވި ބަލިވުމުގެ އިތުރުން 2004 ވަނަ އަހަރު ޔޫރޯ ކުއާޓާ ފައިނަލުގައި ޓީމުގެ ތަރި ވޭން ރޫނީ ބާލަން ޖެހުމާއި، 2006 ވަނަ އަހަރު ރޫނީ ރޮނާލްޑޯ ގައިގައި ޖަހައިގެން ހޯދި ރަތް ކާޑުވެސް ހަނދާންތަކުގައި ހިމެނޭނެއެވެ.

އެންމެފަހުން 2010 ވަނަ އަހަރު އިންގްލެންޑުގެ ގޯލްޑަން ޖެނެރޭޝަން ވޯލްޑް ކަޕުން ކަޓައިގެން ދިޔައީ ޖަރުމަނު ކޮޅަށް ލެމްޕާޑު ޖެހި ސާފުސީދާ ގޯލެއް، ރެފްރީ ގޯލަކަށް ނުނިންމުމުންނެވެ. ލެމްޕާޑު ޖެހި ބޯޅަ ގޯލުގެ ހުރަސް ދަނޑީގައި ޖެހި ގޯލުގެ ދެފޫޓެއްހާތަން އެތެރޭގައި ޖެހުނު ނަމަވެސް ލައިސްމަނަށް އެ ބޯޅަ ގޯލަށް ވަންތަން ނުފެނުނެވެ.

އެއް ފައިނަލުން އަނެއް ފައިނަލަށް އިންގްލެންޑް ކުރި އިންތިޒާރުގައި ފީފާއާއި ޔޫއެފާގެ މުބާރާތްތަކުގައި އެޓީމު ވަނީ 302 މެޗު ކުޅެފައެވެ. އެއީ ގާތްގަނޑަކަށް 27،570 މިނެޓަށްވުރެ ގިނަ ވަގުތެވެ. އޭގެ ތެރެއިން އިންގްލެންޑް 180 މެޗުން މޮޅުވެފައިވާ އިރު، އެޓީމުގެ ވިނިން ޕަސެންޓަކީ 59.60 ޕަސެންޓެވެ. އެ މެޗުތަކުގައި ކޮޅަށް 196 ގޯލު ވަދެފައިވާ އިރު، އިންގްލެންޑުން ވަނީ 604 ގޯލު ޖަހައިފައެވެ. އިންގްލެންޑުން ދެ ފައިނަލް ދެމެދު އެންމެ ގިނަ ފަހަރަށް ނުކުމެފައި ވަނީ ޕޮލެންޑާ ދެކޮޅަށެވެ. އެއީ 18 ފަހަރުއެވެ. އޭގެ ތެރެއިން 11 މެޗުން އިންގްލެންޑް މޮޅުވިއެވެ.

އިންގްލެންޑުން 1966 ވަނަ އަހަރަށްފަހު ކުޅުނު ވާދަވެރި މެޗުތަކުގައި އެންމެ ބޮޑަށް އެގައުމު މާޔޫސްވާން ޖެހުނީ ޕޯޗުގަލްއާއި ޖަރުމަނު ކައިރިންނެވެ. މިފަހަރުގެ ޔޫރޯގައި އިންގްލެންޑުން ޒަމާން ގަނޑަކަށްފަހު ޖަރުމަނުގެ މައްޗަށް ކުރި ހޯދި ނަމަވެސް އިންގްލެންޑު ވަނީ އޭގެ ކުރިން ހަތަރު ފަހަރެއްގެ މަތިން ޖަރުމަނު އަތުން ބަލިވެ ނޮކްއައުޓް މެޗަތަކުން ކަޓައިގެން ގޮސްފައެވެ. ޕޯޗުގަލް އަތުންވެސް ހަތަރު ފަހަރެއްގެ މަތިން އިންގްލެންޑް ކަޓައިފައިވެއެވެ.

އިންގްލެންޑުން ފައިނަލުން ފައިނަލަށް ކުރި ދަތުރުގައި 14 ކޯޗުންގެ ހިއްސާ އެބައޮތެވެ. 300 ކުޅުންތެރިން އެ މުއްދަތުގައި އެގައުމު ތަމްސީލު ކޮށްފައިވެއެވެ. އެ މުއްދަތުގައި އެންމެ ގިނަ މެޗު ގައުމީ ޓީމަށް ކުޅެފައި ވަނީ ރޫނީއެވެ. 74 ގޯލު ރޫނީ ގައުމީ ޓީމަށް ޖަހައިދީފައިވާ އިރު، އޭނާއަށް ގައުމީ ޖާޒީގައި އެންމެ ދުރަށް ދެވުނީ ބޮޑު މުބާރާތެއްގެ ކުއާޓާ ފައިނަލާ ހަމައަށެވެ. އިންގްލެންޑުގެ ރަން ޖީލުގެ ކުޅުންތެރިން ކަމަށްވާ ޖެރާޑާއި، އެޝްލީ ކޯލް، އަދި ޑޭވިޑް ބެކަމްވެސް އުޅެނީ ލިސްޓުގެ މާ ފަހަތުގައެވެ.

1966 ވަނަ އަހަރު އިންގްލެންޑް ކެޕްޓަންކަން ކުރި ބޮބީ މޫރު އޭރުގެ ވޯލްޑް ކަޕް ތަށި، ޖޫލްސް ރިމެޓް ޓްރޮފީ އުފުލާލިތާ 55 އަހަރު ވެފައިވާއިރު، އެގައުމުން މިއަހަރު ޔޫރޯގެ ފައިނަލާ ހަމައަށް ދިއުމުގެ ކުރިން އެކިއެކި މުބާރްތަކުގައި ކުޅުނު މެޗުތަކަށް 52 ގައުމަށް ގޮސްފައިވެއެވެ. އެއީ ގާތްގަނޑަކަށް 140،000 މޭލުގެ ދަތުރުރެވެ. އިންގްލެންޑުން ތަށްޓެއްގެ އިންތިޒާރުގައި ދިޔަ ގައުމުތަކުގެ ތެރޭގައި މެކްސިކޯ، ޖަޕާން، ސައުތު ކޮރެއާއި ބްރެޒިލް ހިމެނެއެވެ. އެތައް ދަތުރެއް ކޮށްގެންވެސް މިފަހަރުގެ ފައިނަލަށް އިންގްލެންޑް ނުކުންނާނީ އަމިއްލަ ގައުމުގައެވެ. އެތައް ހާސް އިނގިރޭސި ސަޕޯޓަރުން ކުރިމަތީގައެވެ. އިންގްލެންޑުން ފައިނަލަކުން ފައިނަލަށް ކުރި ދަތުރު ވަރަށްވެސް ބުރައެވެ.