އައްޑޫ ސިޓީ ހުޅުދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ މަސައްކަތުގެ ދަށުން އާ ހާބާ ބޭސިން ފުންކުރުމުގެ މަސައްކަތް ނިންމާލާފައިވާ ކަމަށް އެ މަސައްކަތުގެ ކޮންޓްރެކްޓަރު އެމްޓީސީސީން ބުނެފި އެވެ.

ހުޅުދޫ ބަނދަރު ތަރައްގީ ކުރުމުގެ މަސައްކަތުގެ މައުލޫމާތު ހިއްސާ ކުރަމުން އެމްޓިސީސީން ބުނީ މުޅި ޕްރޮޖެކްޓްގެ 63 ޕަސެންޓް ނިމިފައިވާ ކަމަށާއި އަދި އާ ހާބަރުގެ ބޭސިން ފުންކުރުމުގެ މަސައްކަތް މިހާރު އެއްކޮށް ނިންމާލާފައިވާ ކަމަށެވެ.

ޕްލޭނިން މިނިސްޓްރީން ހުޅުދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ މިދިޔަ އަހަރުގެ މާޗް އެކެއްގައެވެ. އެމްޓީސީސީން މި މަޝްރޫއު މޮބިލައިޒް ކޮށްފައިވަނީ މިދިޔަ އަހަރުގެ ޖުލައި 28 ގައެވެ. އަދި މި މަޝްރޫއުގެ މަސައްކަތް އެމްޓީސީސީން ފަށާފައިވަނީ މިދިޔަ އަހަރުގެ އޮގަސްޓު މަހުގެ ތެރޭގައެވެ.

މި މަޝްރޫއުގެ ދަށުން 88،623 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމުގެ މަސައްކަތުގެ އިތުރުން 114 މީޓަރުގެ ސަރަހައްދެއްގައި ބޭރު ތޮށިލުމުގެ މަސައްކަތް އެމްޓީސީސީން ކުރާނެ ކަމަށް އެ ކުންފުނިން ވަނީ ބުނެފަ އެވެ.

މީގެ އިތުރުން 624 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 742 މީޓަރުގެ ސަރަހައްދެއްގައި އެއްގަމު ތޮށިލުމުގެ އިތުރުން ނުވަ މީޓަރު ދިގު ހަތަރު މީޓަރު ފުޅާ ބުރިޖެއް އެޅުމުގެ މަސައްކަތް މި މަޝްރޫއުގެ ދަށުން ކުރާނެ ކަމަށް އެމްޓީސީސީން ބުންޏެވެ. އަދި 2،250 ސްކޮއާ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހެދުމުގެ އިތުރުން ބަނދަރު ބައްތިއާއި ނެރު ބައްތި ޖެހުމުގެ މަސައްކަތްވެސް ކުރާނެ ކަމަށް އެމްޓީސީސީން ވަނީ ބުނެފަ އެވެ.

375 ދުވަސް ތެރޭ ނިންމުމަށް އެމްޓީސީސީ އާ ސަރުކާރުން މި މަޝްރޫއު ހަވާލުކޮށްފައިވަނީ 61.4 މިލިއަން ރުފިޔާއަށެވެ.