ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މައްސަލަތައް ދުވަހެއް ދުވަހަކަށް ދަނީ އިތުރު ވަމުންނެވެ. މިއިން ކޮންމެ މައްސަލައެއްގެ ފުނަށް ފީނާއިރު ފެންނަނީ މުއައްސަސާތަކުގެ އިހުމާލާއި ރައްޔިތުންނާއި ބެލެނެވެރިންގެ އިހުމާލެވެ. އެކަމަކު ގިނަ މައްސަލަތައް ނިމޭއިރު މީހުންގެ ކުރިމަތީ ގޯސް ވެ ކުށްވެރިވަނީ އަނިޔާ ލިބޭ ކުއްޖާއެވެ. އިންސާފު ނުލިބި މުޅި އުމުރު އެކަމުގައި އުޅެން ޖެހެނީ އެ ކުއްޖާއަށެވެ.
މިފަހަކަށް އައިސް ފެންމަތިވި މިފަދަ ބައެއް މައްސަލަތަކަށް ބަލާއިރު ދެކުނުގެ ރަށެއްގައި އެންމެ ދެ އަހަރުގެ ތުއްތު ކުއްޖަކަށް އެ ކުއްޖާގެ ކާފަ އާއި މުނި ކާފަގެ ފަރާތުން ތަކުރާރުކޮށް ޖިންސީ ގޯނާ ކުރިމަތިވަމުންދާއިރު އެކަމަށް މިއަދާ ހަމަޔަށްވެސް އިންސާފެއް ނުލިބެ އެވެ. ކާފަ އާއި މުނި ކާފަ ޝަރީއަތް ނިމެންދެން ބަންދު ކުރުން ފިޔަވައި އެޅުނު އިތުރު ފިޔަވަޅެއްވެސް ނެތެވެ. ސްކޫލްތަކުގެ ޓީޗަރުންގެ ފަރާތުން ދަރިވަރުންނަށް ޖިންސީ ގޯނާ ކުރަމުންދާ މައްސަލަތައްވެސް ވަކި މަދެއް ނޫނެވެ.
މިދިޔަ މަހުގެ ތެރޭގައި ނ. އަތޮޅުގެ ރަށަކުން އަންހެނަކު ވަނީ މިފަދަ މައްސަލައެއްގައި އެ ރަށުން ބާލައިފަ އެވެ. އޭނާއަކީ އެ ރަށު ސްކޫލް ޓީޗަރެއްގެ ގޮތުގައި ވަޒީފާ އަދާކުރަމުންދިޔަ އެ ރަށުން ބޭރު މީހެކެވެ. ރަށުގެ ރައްޔިތުން ނިކުމެ އޭނާ ރަށުން ބާލާފައިވަނީ، ސްކޫލުގައި އޭނާ ކިޔަވައިދޭ ދަރިވަރުންތަކަކަށް ފައިސާ ދީގެންނާއި އެކި ގޮތްގޮތަށް އެކުދިންނަށް ޖިންސީ ގޯނާ ކުރި މައްސަލައެއްގަ އެވެ. ހަމަ މިފަދަ މައްސަލަ އެކެވެ. ނަމަވެސް މިފަހަރު މިއީ ޓީޗަރެއްގެ ފަރާތަކުން ނޫނެވެ.
ލ. އަތޮޅުގެ ރަށެއްގައި ވެސް ކުޑަ ކުދީން ތަކަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއްގައި އަންހެނަކު ވަނީ އެރަށުން ބާލައިފަ އެވެ. މި މައްސަލައާ ގުޅިގެން އެ ރަށުން "ވަން" އާ ވާހަކަ ދެއްކި ބައެއް މީހުން ބުނި ގޮތުގައި އެ އަންހެންމީހާ އަކީ އެ އަތޮޅު އެހެން ރަށަކަށް ނިސްބަތްވާ މީހެކެވެ. އޭނާ އަކީ މަސްތުވާތަކެއްޗާއި "ހަށި ވިއްކުމުގެ" ވިޔަފާރި ފުޅާ ދާއިރާއެއްގައި ކުރަމުންދާ މީހެކެވެ.
އޭނާ އެރަށުގައި އުޅެނީ ކީއްވެގެންތޯ ސުވާލު ކުރުމުން އެ މިހާ ބުނީ އެ އަންހެން މީހާ އެ ރަށަށް ގޮސް އުޅޭތާ ތިން ހަތަރު މަހެއް ވެދާނެ ކަމަށާއި އޭނާ އުޅެނީ އޭނާގެ ދެ ރައްޓެހީންނާ އެކު ކަމަށެވެ. އަދި އެ ތިން މީހުންނަކީ މަސްތުވާތަކެތި ބޭނުންކޮށް އޭގެ ވިޔަފާރި ވެސް ކުރަމުންދާ މީހުން ކަމަށް އޭނާ ތުހުމަތު ކުރި އެވެ.
"އެ މީހާ އުޅޭނީ ރޯ އޮރިޔާމާ މުޅި ރަށު ތެރޭގަވެސް. ރަށު ތެރޭގައޭ ބުނާނެ އެއްނު. އެ މީހުން ދިރިއުޅޭ ގޭގެ ވަށާފާރެއް ނުހުރޭ. އެތާނގަ ޖިންސީ އެދުން ފުއްދަން މި ތިބެނީ. މީހަކު ފެނުނަސް ލަދެއް ހަޔާތެއް ހުންނަ ބައެއް ނޫން. މީހުން ފެނުނަސް އެ މީހުން ކުރާ ކަމެއް ކުރާނެ. އެތައް ދުވަހަކު ކައުންސިލަށް އެންގިން. ކައުންސިލުން ޖެންޑާއަށްވެސް އެންގި. ވީކަމެއް ހަރާން." ނަން ނުޖެހުމަށް ޝަރުތުކޮށް އެ ރަށުން "ވަން" އާ ވާހަކަ ދެއްކި އެހެން މީހަކު ބުންޏެވެ.
އެ މީހާ ބުނީ ރަށުގައި ތިބި ކުޑަ ފިރިހެން ކުދިންނާއި އަންހެން ކުދިންނަށް ފައިސާ ދީ ހައްދައިގެން އޭނާ އުޅޭ ތަނަށް ގެންދާ ކަމަށާއި ކުދީން ގެންގޮސް އެ ކުދިން ލައްވައިވެސް ޖިންސީ އެދުން ފުއްދައި އެ ކުދިންނަށް ޖިންސީ ގޯނާ ކުރާ ކަމަށެވެ. ނަމަވެސް މި މައްސަލަ ބެލޭނެ އެއްވެސް އިދާރާއެއް ނެތް ކަމަށް އެ މީހުން ވަނީ ބުނެފަ އެވެ.
މީގެ އިތުރުން އެ ރަށާ އިންވެގެން އޮންނަ މީހުން ދިރިއުޅޭ އެހެން ރަށަކަށް ވެސް ހިކި ދިޔައިގައި ބަރަހަނާ ހާލުގައި އޭނާ ދާ ކަމަށްވެސް އެ ރަށުން ވާހަކަ ދެއްކި މީހަކު ވަނީ ބުނެފަ އެވެ. ރަށު އަތިރިމަތީގައި ހުރެ ބަރަހަނާވުމަށްފަހު ހިނގާފައި އަނެއް ރަށަށް ދާ ކަމަށާއި އެރަށަށް ދިޔުމަށްފަހު އޭނާ އެއްޗެހި ލާ ކަމަށް އެ މީހާ ބުންޏެވެ. މިތަން އެތައް ރައްޔިތުންތަކަކަށް ފެނިފައިވާ ކަމަށްވެސް ބުންޏެވެ.
މިކަން ހިނގައި ދިޔަ ރަށުގެ ކައުންސިލުގެ ނައިބު ރައީސް "ވަން" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، އެ އަންހެން މީހާގެ މައްސަލަ އެ ކައުންސިލަށް ތަކުރާރުކޮށް ހުށަހެޅޭ ކަމަށެވެ. އެ ރަށުގައި ފުލުހުންގެ އިދާރާއެއް ނުހުންނަ ކަމަށާއި ފުލުހުންވެސް ގާއިމުވެ ނުތިބޭތީ އެ އަތޮޅު އެހެން ރަށެއްގެ ޕޮލިސްޓޭޝަނަށް މި މައްސަލަ ތިން ފަހަރެއްގެ މަތިން ހުށަހެޅުއްވި ކަމަށް އޭނާ ވިދާޅުވިއެވެ. ޖެންޑާއަށްވެސް މި މައްސަލަ އެތައް ފަހަރަކު ހުށަހެޅުއްވި ކަމަށާއި ނަމަވެސް މިހާތަނަށް އެދެވޭ ޖަވާބެއް ނުލިބޭ ކަމަށެވެ.
އޭނާ ވިދާޅުވީ އެ އަންހެންމީހާ ދިރިއުޅުނު ގެއަކީ އޭނާގެ ދެ ރައްޓެހީންގެ ގެ ކަމަށާއި އެ ގޭގައި އިތުރު ކުޑަކުދިންތަކެއްވެސް ދިރިއުޅެމުން އަންނަ ކަމަށެވެ. އެ ކުދީންނަށްވެސް އޭނާގެ ފަރާތުން ޖިންސީ ގޯނާ ލިބިފައިވާ ކަމުގެ މައުލޫމާތު ލިބިވަޑައިގެންފައިވާ ކަމަށެވެ. ރަށުގެ ފިރިހެން ކުދީންނާއި އަންހެން ކުދިންނަށްވެސް އޭނާ ޖިންސީ ގޯނާ ކޮށްފައިވާ ކަމުގެ އަޑުތައް އިވިވަޑައިގަންނަވާ ކަމަށް ވިދާޅުވި އެވެ.
ރައްޔިތުންގެ ޝަކުވާތަކާ ގުޅިގެން ކައުންސިލުންވެސް މިކަމުގެ ހަގީގަތް ބެއްލެވި ކަމަށާއި، އަދި އެއްރޭ އެ މީހުން މަސްތުގެ ހާލަތުގައި އެ ގޭ ގޯތި ތެރޭގައި އާންމުންނަށް ފެންނާނެހެން ޖިންސީ ގުޅުން ހިންގަން ތިބި ތަން ހުދު އޭނާ އަށާއި ކައުންސިލުގެ އެހެން މެންބަރުންނަށްވެސް ފެނިވަޑައިގެންފައިވާ ކަމަށް ވިދާޅުވި އެވެ.
"މިކަމުގެ ހަގީގަތް އަޅުގަނޑުމެންވެސް ބެލިން. އަޅުގަނޑުމެންނަށްވެސް އެބަހުރި ޖިންސީ އަމަލު ހިންގަން ތިއްބާ ފެނިފަ. އެކަމަކު އޭނާގެ ދެ ރަހުމަތްތެރިންނާ އެކު. ދެން ބެލެނިވެރީން ކައުންސިލުގައި ޝަކުވާ ކުރޭ އެ އަންހެންމީހާގެ ފަރާތުން އެ މީހުންގެ ދަރިީންނަށް ޖިންސީ ގޯނާ ކުރަމުންދާ ކަމުގެ. އެއްރޭ އަޅުގަނޑުމެންނަށް ފެނުނީމަ އޭގެ ހެއްކާއެކު ޖެންޑާ އާއި ފުލުހުންނަށްވެސް ހުށަހެޅިން. ނުލިބޭ އަދި އަދަށްވެސް ޖަވާބެއް." އޭނާ ވިދާޅުވި އެވެ.
އޭނާ އިތުރަށް ވިދާޅުވީ ރަށުގެ ރައްޔިތުން ރުޅިގަދަވެ އެ އަންހެން މީހާ ދިރިއުޅޭ ގޭ ދޮށަށް އެއްވެ އޭނާ ރަށުން ބޭލުމަށް އެދުނު ކަމަށާއި އެ ދުވަހު ފުލުހުން އައިސް އެ އަންހެން މީހާ އެ ރަށުން ގެންދިޔައީ ކަމަށެވެ.
މި މައްސަލައާ ގުޅިގެން "ވަން" އިން ފުލުހުންނަށް ގުޅުމުން މިކަމުގައި މިހާތަނަށް އެއްވެސް ޖަވާބެއް ލިބިފައެއް ނުވެ އެވެ. އަދި ޖެންޑާ މިނިސްޓްރީ އަށް ގުޅާލުމުން ފޯނަށް ޖަވާބު ނުދެއްވާތީ މިކަމުގައި އެ މިނިސްޓްރީގެ ބަހެއްވެސް ވަނީ ލިބޭ ގޮތް ނުވެފަ އެވެ.
ޖިންސީ ގޯނާގެ މައްސަލަތައް ދުވަހެއް ދުވަހަކަށް އިތުރުވަމުންދާއިރު މުއައްސަސާތަކަށް ހުށަހަޅާ މިފަދަ މައްސަލަތައް ނުބަލައި އަޅައިނުލައި ދޫކޮށްލާ ކަމުގެ ޝަކުވާ ގިނަ ބަޔަކު ދަނީ ކުރަމުންނެވެ.
ރިޕޯޓް
ރިޕޯޓް
ރިޕޯޓް
ރިޕޯޓް